ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 12:57
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލިސް
ރައީސް އޮފީސް
ދަނޑުވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމަށް ޕެސްޓިސައިޑާއި ބެހޭ ބިލެއް މަޖިލީހަށް
 
ޕެސްޓިސައިޑާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް ފިޝަރީޒް މިނިސްޓްރީގައި ގާއިމްކުރެވިގެންދާނެ
 
މި ބިލުގައި ބަޔާންކޮށްފައިވާ ޤާނޫނާ ޚިލާފުކަންކަން ކުރަމުންދާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެ
 
ޕެސްޑް ސައިޑް ބޭނުންކުރާނެ އުސޫލެއް މި ބިލް ގާނޫނަކަށްވުމުން ކަނޑައެޅިގެންދާނެ

ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމުގެ ގޮތުން ޕެސްޓިސައިޑާއި ބެހޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައީސް އޮފީހުން ބުނީ މިފަދަ ބިލެއް ސަރުކާރުން ހުށަހެޅީ،ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާބެހޭ އުޞޫލުތައް ކަނޑައެޅުމުގެ ގޮތުން ކަމަށެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ، ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްޙަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ ޢަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާ ގުޅޭ ސިޔާސަތުތަކާއި، އުޞޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ސަރުކާރުން ދެކޭތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ޕެސްޓިސައިޑާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް ފިޝަރީޒް މިނިސްޓްރީގައި ގާއިމްކުރެވިގެންދާނެއެވެ. މި ޔުނިޓް ގާއިމްކުރެވި، މީގެއިތުރުން ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޛުކުރުމާއި، ޕެސްޓިސައިޑް ތަޙްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައް ޤާއިމްކުރެވިގެންދާނެއެވެ. އަދި ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަރކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާއި ގުޅޭ ތަފްސީލުތައް ވެސް ބަޔާންކުރެވިގެންދާނެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، މި ބިލުގައި ބަޔާންކޮށްފައިވާ ޤާނޫނާ ޚިލާފުކަންކަން ކުރަމުންދާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުން 5000 ރ (ފަސް ހާސް ރުފިޔާ) އާއި 100000ރ (އެއްލައްކަ ރުފިޔާ) އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅިގެންދާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް