ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 10:11
ކުޑަކުދިންތަކެއް މަގުމަތީގެ ކުޅިވަރުތަކެއް ބަލާލަނީ.
ކުޑަކުދިންތަކެއް މަގުމަތީގެ ކުޅިވަރުތަކެއް ބަލާލަނީ.
ޙުސައިން ޙަސަން
ކުޑަކުދިންގެ ހައްޤުތައް
ކުޑަކުދިިންނާއި ގުޅުންހުރި މުހިއްމު ބިލުތަކެއް ސަރުކާރުން މަޖިލީހަށް ފޮނުވައިފި
 
އުމުުރުން 18 އަހަރުން ދަށުގެ ކުދިން ކައިވެނި މަނާކުރަނީ
 
ޖިނާއީ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަށް ހަދަނީ

ކުޑަކުދިންނާއި ގުޅުންހުރި މުހިއްމު ބިލުތަކެއް މަޖިލީހަށް ހުށައެޅުމަށްޓަކައި ސަރުކާރުން ފޮނުވައިފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުން ބުނީ، ކުޑަކުދިންގެ އަދުލުގެ ބިލާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނު އަލުން އެކުލަވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި އެ ބިލުތައް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ކުޑަކުދިންގެ އަދުލުގެ ބިލު ޤާނޫނަކަށް ވުމުން ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ޚާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅިގެންދާނެ ކަމަށާއި، މާލޭގައި މިހާރު ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަހައްދީ ޑިވިޜަންތައްވެސް ޤާއިމުކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، އިސްލާމީ ޤައުމުތަކުގައި އަމަލުކުރާ ގޮތަށް ރިއާޔަތްކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ އުމުރުން 15 އަހަރު ކަމުގައި ކަނޑައަޅައި، މިކަންކަން ބެލެހެއްޓުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އިދާރާއެއް އުފެއްދުން ވެސް ބިލުގައި ލާޒިމުކުރެއެވެ.

މި ބިލުގެ ދަށުން ސަރުކާރަށް ލާޒިމުކުރާ އިތުރު ކަންކަމުގެ ތެރޭގައި، ބިލް ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ހެދުންވެސް ހިމެނެއެވެ.

އޭގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަލުން އެކުލަވާލުމުގެ ބިލުވެސް މަޖިލީހަށް ފޮނުވާފައިވާއިރު، އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދައުވާއެއް ނުއުފުލޭނެ ކަމަށް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ. އަދި މި ބިލު ޤާނޫނަކަށް ވުމުން، އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް މަރުގެ އަދަބު ދިނުން މަނާވެގެންދާއިރު، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ކައިވެނި ކުރުން ވެސް މި ޤާނޫނުން މަނާކުރެއެވެ.

ކުޑަކުއްޖަކަށް ވީތީ ލިބިދޭންޖެހޭ ހައްޤުތައްވެސް ބިލުގައި ބަޔާން ކޮށްފައިވާއިރު، ކުޑަކުދިންނާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާދޭ ފަރާތެއްގެ ގޮތުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލެއް އުފެއްދުމާއި، ދައުލަތުން ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އޯލްޓަރނޭޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭނެ ރެސިޑެންޝަލް ފެސިލިޓީތަކެއް އެކަށީގެންވާ އަދަދަކަށް ޤާއިމުކުރުން ވެސް ލާޒިމުވެގެންދާނެއެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަށް މިސަރުކާރުން މަޖިލީހާއި ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލުގެ މަސައްކަތް ޚާއްސަ އިސްކަމެއްދީގެން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންވެސް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް