ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 12:17
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލެވީ ޓަގު ބޯޓުގައި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލެވީ ޓަގު ބޯޓުގައި
ޓްވިޓަރ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އަދީބު ފިއްލެވި ޓަގުބޯޓުގެ ކެޕްޓަން ރާއްޖެއިން ފުރުން މަނާ ކޮށްފި
 
އަދީބުގެ ޕާސްޕޯޓް އަދިވެސް ވަނީ ހިފަހައްޓާފައި
 
އަދީބު ފިލުވުމުގައި އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައި
 
އަދީބު ހައްޔަރު ކޮށްފައިވަނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ޓަގު ބޯޓުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލެވުމަށް ބޭނުންކުރެއްވި ޓަގު ބޯޓުގެ ކެޕްޓަން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޓަގު ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރ ފުރުން މަނާކޮށްފައިވާ ކަމަށެވެ.

ވަރގޯ 9 ކިޔާ ޓަގް ބޯޓެއްގައި އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރު ކޮށްފައިވަނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. އެބޯޓަކީ ސިންގަޕޫރުގައި ރެޖިސްޓަރީ ކޮށްފައިވާ ޓަގް ބޯޓެކެވެ.ފުލުހުން ބުނެފައި ވަނީ ޓަގް ބޯޓު އެއިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. އެދުވަހުން ފެށިގެން ޓަގު ބޯޓު ފުރުން މަނާކޮށްފައިވާ ކަމަށާއި ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރ ފުރުން މަނާކޮށްފައި ވީނަމަވެސް އެހެން ފަޅުވެރިން ފުރަން މަނާކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.އަދި މި މައްސަލައިގައި ޓަގް ބޯޓުގެ އެއްވެސް ފަރާތެއް ހައްޔަރު ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޓަގު ބޯޓުގައި ހުންނަވަނިކޮށް އަދީބު މިމަހުގެ 1 ގައި ހައްޔަރު ކުރި އިރު އޭނާގެ އިތުރުން ނުވަ ފަޅުވެރިއަކު އޭގައި ތިބި ކަމަށް އިންޑިއާގެ ނޫސްތަކުގައި ވެއެވެ.

އަދީބު ފިއްލެވުމުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އޭނާ ވަނީ ރާއްޖެ ފޮނުވާލާފައެވެ. ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު އަދީބު ހިފަހައްޓައިގެން ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ އަދީބުގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމްކުރުމާއި ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެމައްސަލާގައި އަދީބު މުޖުތަމައަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީއާއި ފިއްލަވާފާނެތީ އަދި އެކަން ކަށަވަރު ވެފައިވާތީ ޝަރީއަތް ނިމެންދެން އަދީބު ހައްޔަރު ކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުމުން ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައެވެ. މިމަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އެކު އޭނާ ހުންނެވީ އަދިވެސް ބަންދުގައެވެ.

ފުލުހުން ބުނެފައިވަނީ އަދީބު ފިލުވުމުގައި އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
44%
0%
0%
0%
56%
ކޮމެންޓް