ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 09:10
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފަލަ ސުރުހީ ޕްރޮގްރާމްގައި
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފަލަ ސުރުހީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ފަލަ ސުރުހީ
ގަވަރުނަރު ނެތުމަކީ ދޮރާއްޓެއް ނެތުން ފަަދަ ކަމެއް: ބޮންޑޭ
 
ބޭރުވާ ފައިސާ ކަސްޓަމްސް އަށް ވެސް ނުހުއްޓުވޭ
 
ނަސީރު ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވީ ޖުލައި މަހު
 
ގަވަރުނަރަކު ނެތުމުން ކަންބޮޑުވުން ފާޅުކުރެއްވި

ދިވެހިރާއްޖޭގެ ގައުމީ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކު ނެތުމަކީ ގައުމީ ދޮރާއްޓެއް ނެތުން ފަދަ ކަމެއް ކަމަށާއި، އެ މަގާމަށް ވީހާވެސް އަވަހަށް ބޭފުޅަކު އައްޔަން ކުރައްވަން ޖެހޭ ކަމަށް މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވާފައިވަނީ ނިމިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ނަސީރު އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުން ހުރި ޓްރާންސެކްޝަން ތަކެއް ފުލުހުންނަށް ހުށައަޅަން ހުރަސް އަޅަން މަސައްކަތް ކުރުން ހިމެނެއެވެ. ނަސީރު ވަނީ އެ ތުހުމަތުތަކުން ބަރީއަވެ ވަޑައިގަންނަވާފައެވެ.

ނަސީރު ވިދާޅުވީ، އެމްއެމްޕީއާރްސީ ޚިޔާނާތުގައި އަސްލު ބައިވެރިވި މީހުންގެ އެމްއެމްއޭގެ އިސް މަގާމުތަކުގައި އަދިވެސް އެބަތިއްބެވި ކަމަށެވެ. އަދި އެމައްސަލަ ބެލުމުގެ މަސައްކަތް ފެށުމުން އޭނާގެ ބޮލުގައި ދޮގު ތުހުމަތުތައް އެޅުވުމަށް މަސައްކަތް ކުރާ ކަމަށް ނަސީރު ވަނީ ތުހުމަތު ކޮށްފައެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބޮންޑޭ ވިދާޅުވީ، ގަވަރުނަރަކު އައްޔަން ނުކޮށް ގިނަ ދުވަސްވާތީ އެކަމާއި މެދު ކަންބޮޑުވާ ކަމަށެވެ. މާލީ ނިޒާމުގައި ހިނގަމުންދާ ބައެއް ކަންތައްތަކަށް އަޅިއަޅުވާލަމުން ބޮންޑޭ ވިދާޅުވީ، ހަފްތާއަކު ހަ މިލިއަނެއްހާ ޑޮލަރުގެ ފައިސާ ރާއްޖެއިން ބޭރުވާ ކަމަށާއި، އެހާ ބޮޑު އަދަދެއްގެ ފައިސާ ބޭރުވާއިރު ކަސްޓަމްސް އަށް އެކަން ނުހުއްޓުވޭ ކަމަށެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިން އަށް ޝައްކު ކުރެވޭ ފައިސާ ވެސް ހުރުން އެކަށީގެންވާ ކަމަށާއި، ފައިސާތައް ދައުރުވާ ގޮތް ބަލަން ގާނޫނުން އެ ޒިންމާ މަތިކޮށްފައިވާ އެމްއެމްއޭގެ ގަވަރުނަރަކު ނެތުމަކީ މައްސަލަ އެއް ކަމަށް ވިދާޅުވިއެވެ.

ފައިސާގެ މުޅި ނިޒާމް ކަންކަން ހަމައަކަށް އެޅުވުމަށް ގާނޫނުން މަތިކޮށްފައިވާ އެ ފަރާތުގެ ގަވަރުނަރު ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް. ގަވަރުނަރަކު އަވަހަށް ކަނޑައަޅަން އެބަ ޖެހޭ. ވަރަށް ބޮޑެތި މައްސަލަ. ގަވަރުނަރަކު ވީހަވެސް އަވަހަށް އައްޔަން ކުރަން އެބަ ޖެހޭ
އިބްރާހިމް ރަޝީދު (ބޮންޑޭ) ~މާފަންނު ދެކުނު ދާއިރާގެ މެމްބަރު~

ބޮންޑޭ ވިދާޅުވީ، ދެން ގަވަރުނަރު ކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކު ބޭންކުތައް ހަމަ މަަގަށް އަޅުއްވަން ޖެހޭ ކަމަށާއި، ހަމައެއް ލަމައެއް ނެތި ކަންތައްތައް ކުރިޔަށް ގެންދާނަމަ ރާއްޖެ އަށް އަންނަ އިންވެސްޓަރުން ޖެހިލުން ވާނެ ކަމަށެވެ.

ބޭންކުތައް ހަމަމަގަށް އަޅުއްވަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ފައިސާގެ މުއާމަލާތުތައް ހިންގަމުން ދިޔައިރު ބޭންކް އޮފް މޯލްޑިވްސްގެ ބައެއް މުވައްޒަފުންގެ އެހީތެރިކަން އޮތް ކަމުގެ ތުހުމަތު ތަކެއް ދަނީ ކުރެވެމުންނެވެ. އަދި އެ މައްސަލަ އިސްލާމިކް ބޭންކުން ރިޕޯޓް ކޮށްފައި ނުވާ ކަމަށް އެމްއެމްއޭގެ އެތެރޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އާތިފް ޝުކޫރު ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
0%
0%
0%
0%
50%
ކޮމެންޓް