އާދީއްތަ 23 ފެބުރުއަރީ 2020
ހިޔަވިހާ 10
1441 ޖުމާދުލް އާހިރަތު 29
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34
ރިޕޯޓު - ރިޕޯޓް

މިހާރު ޔާމީންގެ ވެރިކަމެއް ނެތް، އަނިޔާގެ ބަދަލު ލިބުން އަވަސް ވާންޖެހޭ!

  • ރައީސް ޔާމީނުގެ ސަރުކާރުގައި އަނިޔާލިބުނު މީހުން ބަދަލު ބޭނުންވޭ

ހުޝާމް މުހަޢްމަދް
hirigaahusham

ކ. މާލެ 17 އޯގަސްޓު 2019 | ހޮނިހިރު 19:23 10,962

ރައީސް ޔާމީނު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - ރާއްޖެއެމްވީ

އެއީ މާޒީއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ދިވެހިންގެ ގިނަ ބަޔަކު ތިބީ ބިރުންނެވެ. ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަމާ އެސަރުކާރުގައި ބޮޑުންނަށް ލިބިފައިވާ އިހްތިޔާރުތަކާ، އެމީހުންގެ އަތުގައި ޖަމާވެފައިވާ ފައިސާގެ ސަބަބުންނެވެ. ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ މުއައްސަސާއެއް ނެތުމުންނެވެ. ޝަރުއީ ކޯޓުތަކުން ނެރުނު އަމުރުތަކާ، ބާތިލްކުރި އަމުރުތަކުގެ ސަބަބުން ހުއްޓުންއެރި ދިވެހިންނެއް މަދެއް ނޫނެވެ. ނޫސްވެރިން ޒިންމާ އަދާކުރުމުގައި ހެލިފެލިވެ އުޅެފައިވަނީ އެބިރުވެރިކަން ތަޖުރިބާ ކުރަމުންނެވެ. އެހެން ނަމަވެސް އެނޫން ދުވަހެއް ބޭނުން ވެގެންނެވެ.

ދުނިޔޭގެ ގާނޫނަކީ މިއީއެވެ. ގަދަފަދަކަމާ އާރާބާރުގައި އަނިޔާވެރި ސަރުކާރެއް އަބަދަކު ދެމިއެއް ނޯންނާނެއެވެ. އެ ހަގީގަތް އަޅުގަނޑުމެން ތަޖްރިބާ ކޮށްފީމެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގައި އުދުހި އުޅުނު މީހުންގެ ވަރަ ބިނދި ސަރުކާރު އަތުން ބީވެގެން ދިޔައީ ރައްޔިތުން ނިކުމެ ހުދުކަރުދާސް ކޮޅެއްގައި ގަލަމުން ޖަހާލި ފާހަގައަކުންނެވެ. ރައީސް ޔާމީނުގެ ސަރުކާރު ދިވެހިން ބަދަލު ކުރީ ކަނޑިބަނޑީގެ ހަނގުރާމައަކުންނޫނެވެ.

ރައީސް ޔާމީނު އިންތިހާބުން ބަލިވަންދެން އެމަނިކުފާނުގެ ސަރުކާރުގެ އާރާބާރު މުޅިންހެން ބޭނުން ކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދިފާއުގައެވެ. ސްޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރާ، އެ އަމުރުގެ ބައެއް ބާތިލް ކުރަން ހަމަ އެފަނޑިޔާރުން ނިންމެވި ނިންމެވުމާ، ސްޕްރީމްކޯޓުގެ ބެންޗްގައި ތިއްބަވާ ބައެއް ފަނޑިޔާރުން ޖަލުގެ ގޮޅީގައި ބަންދުކޮށް ހިންގުނު ތަހްގީގުތަކާ، ޝަރީއަތްތައް ދިވެހިން ދިރާސާ ކުރުމަށް މަޝްހޫރު ގާނޫނީ ވަކީލުން ބުނަނީ ސަބަބެއް އޮތުމުން ކަމަށް ގަބޫލު ކުރެވެއެވެ.

މިނިވަންމުއައްސަސާތައް ފާލުންނެއްޓި އެތަންތަނުގެ ވެރިންނާ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ވެރިން އެނޫން ދުވަހެއް ނާންނާނެ ކަމަށް ގަބޫލުކޮށް ނިންމައިފައިވާ ނިންމުންތަކާ ގާނޫނާ ހިލާފަށް ކުރަން އެންގި ކަންކަމާ، ކުރަން އުޅުނު ކަންކަން އެދަނީ އެމީހުންގެ އަނގައިން ކިޔައިދެމުންނެވެ. ރައްޔިތުން ތިޔަތިބީ ބަލާށެވެ. ގާނޫނުގެ ދިގުއަތް އެމީހުންނާ ހަމައަށް ފޯރާނެ ދުވަހެއް އަންނާނެ ކަމަކަށް އެމީހުން އޭރު ވިސްނައިފައި އޮތްހެނެއް ހިޔެއް ނުވެއެވެ.

ރަގަޅުވާހަކައެކެވެ. ރައްޔިތުން އެންމެ ފަހުން ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ދެކޮޅަށް ވޯޓު ދިނީ މައްސަލަތައް ބަލާ ހައްގު ބަދަލު ލިބެންޖެހޭ ފަރާތްތަކަށް އެ ބަދަލު ލަސްނުކޮށް ލިބޭނެ ކަމަށް ޔަގީން ކޮށްގެނެވެ. 2018 ގައި ގުޅިފައިވާ ކޯލިޝަނުން އެޔަގީންކަން ދިނުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެކެވެ. މިކަމާ ދެކޮޅު ހަދާނެ މީހުން މަދުވާނެއެވެ.

ކަން މިހެން އޮތް ނަމަވެސް ވިޔަފާރިކުރާ ބޮޑެތި ބައެއް ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ މި ސަރުކާރުން ދޫކޮށްފިއެވެ. ސަރުކާރުގެ ބައެއް ވެރިންގެ މަސްލަހަތު އޭގެ ބައެއް ކުންފުނިތަކުގައި އޮތް ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި އެބައޮތެވެ.

އެހެން ނަމަވެސް ބޮޑެތި ކުންފުނިތަކަށް މިލިޔަނުން ބަދަލު ލިބޭއިރު އަނިޔާ ލިބުނު ގިނަ މީހުން ބުނާ ގޮތުގައި އެމީހުން ބޭނުންވާ ބަދަލުތައް އައުން ލަސްވާ ނަމަ އެވާހަކަ ދައްކަންތިބީ ވެސް ހަމަ އެމީހުންނެވެ. ރައީސް ޔާމީނުގެ ސަރުކާރު ބަދަލުވުމަކުން ހުރިހާ ކަމެއް ނުނިމެއެވެ. ގެންނަށް ބުނެފައިވާ ބަދަލުތައް ގެނައުން އަވަސްކޮށްގެން މެނުވީ އިސްލާހަށް މަސައްކަތްކުރި މީހުންގެ އުންމީދުތައް ހަގީގަތަކަށް ނެހެދޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް