ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 18:09
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕާކިސްތާނުގެ ސަފީރު އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް ސަފީރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕާކިސްތާނުގެ ސަފީރު އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް ސަފީރު
ރައީސް އޮފީސް
ޕާކިސްތާން - އިންޑިއާ
ޕާކިސްތާން މަތިން ހަނދާން ނައްތާލާފަ ރާއްޖެ އިން އިންޑިއާ އުނގަށް؟
 
ކަޝްމީރު މައްސަލާގައި އަމަލުކުރިގޮތުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވި
 
މިހާތަނަށް އެކި ދާއިރާތަކުން ޕާކިސްތާނުން ރާއްޖެއަށް ގިނަ ގުނަ އެހީތަކެއް ވެދީފައިވޭ
 
ޕާކިސްތާނާއި އެކު ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރު

ދިވެހިރާއްޖެ އިން ޕާކިސްތާނާ އެކު ހާރިޖީ ގުޅުން ގާއިމް ކޮށްފައިވަނީ 1966 އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އެ ގުޅުމަށް 53 އަހަރުވެފައިވާއިރު ޕާކިސްތާނާ އޮންނަ ގުޅުން މެދުކެނޑުމެއް ނެތި އަބަދުވެސް އޮވެ އެވެ. ފާއިތުވި ސަރުކާރު ތަކުގައި ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ކުރެއްވި ބޭފުޅުންވެސް ވަނީ އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތް ކުރައްވާފަ އެވެ. އިޖްތިމާއި އަދި އިގްތިސާދި ގޮތުން އެހީތަކެއްވެސް ފޯރުކޮށްދީފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު ބޭނުންކުރަމުން އަންނަ އިމާރާތަކީވެސް މީގެ ސަތަރާ އަހަރު ކުރިން ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުން އަޅާފައިވާ އިމާރާތެކެވެ. އިމާރާތް ހުޅުއްވާދެއްވާފައި ވަނީ އެ ގައުމުގެ އޭރުގެ ބޮޑު ވަޒީރަކަށް ހުންނެވި ނަވާޒް ޝަރީފް އެވެ.

ޕާކިސްތާނަކީ އެކި ދާއިރާތަކުން ރާއްޖެ އަށް ސްކޮލަރޝިޕްގެ ފުރުސަތުތައްވެސް ދޭ ގައުމެކެވެ. އޭގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ނުކޮށް، ކުއްލި ހާލަތު އިއުލާން ކުރުމާއި އެކު ޕާކިސްތާނުން ބުނެފައިވަނީ އެ ގައުމުން ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށެވެ. އެ މައްސަލާގައި ވަކި ކޮޅެއް ނަގަން ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް އެ ދުވަހު ޕާކިސްތާނުން ނިންމި ނިންމުމާއި ހިލާފަަށް އިންޑިއާ އާއި ޕާކިސްތާނާ ދެގައުމުގެ ދެމެދުގައި އުފެދިގެން އުޅޭ ނުތަނަވަސް ކަމުގައި ރާއްޖެ ނެގީ އިންޑިއާގެ ކޮޅެވެ. ފޮރިން މިނިސްޓްރީން އެކަމާއި ގުޅޭ ގޮތުން ދީފައިވަނީ ވަރަށް ފިނި ޖަވާބެކެވެ. ރާއްޖޭއިން ނިންމި ގޮތް ހާމަކުރީ ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ދެ ފޮޅުވަތުގެ ޓްވީޓަކުންނެވެ. ޝާހިދު ވިދާޅުވީ، އިންޑިއާގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށެވެ. ނުސީދާ ގޮތުން ނަމަވެސް އެ ދެ ގައުމުގެ ދެމެދުގައި ޖެހިގެން އުޅުނު މައްސަލައިގައި ކޮޅެއް ނެގުނީއެވެ.

ސަރުކާރުން އެހެން ބުނެފައިވާއިރު، ކަޝްމީރަކީ އިންޑިއާގެ އަތްދަށުގައި އޮންނަ ތަނެއްގެ ގޮތުގައި ބައިނަލްއަގްވާމީ އެއްވެސް ކޯޓަކުން ނުވަތަ އެއްވެސް ތަނަކުން ނިންމާފައެއް ނުވެއެވެ. ތިން ފަހަރެއްގެ މަތިން ކަޝްމީރުގެ މައްސަލައިގައި ދެ ގައުމުން ހަނގުރާމަކޮށް އެތައް ބައެއްގެ ލޭ އޮހޮރުވާލާފައިވެއެވެ. ޕާކިސްތާނުން ބުނަނީ އިންޑިއާ އިން އުޅެނީ އެތަނަށް އަތްގަދަ ކޮށްގެން ކަމަށެވެ. އިންޑިއާގެ ވާހަކަ ވެސް ހަމަ އެފަދަ އެވެ.

ކަން މިހެން އޮތް އިރު، އިންޑިއާގެ އެތެރޭގެ މައްސަލަ އަކަށް މިކަން ވާން ޖެހުނު ސަބަބެއް ހަމަ ވިސްނާ ވިސްނާ ވެސް ނޭނގުނެވެ. ފަހަރުގައި ހާރިޖީ ވަޒީރަށް އެނގިވަޑައިނުގެންނެވި ކަމުގައިވީ ނަމަވެސް، އެއީ އެ ދެ ގައުމުގެ ވެސް މަސްލަހަތު އޮތް މައްސަލައެކެވެ. އެހެންކަމުން އެއީ ބައެއްގެ ދާހިލީ މައްސަލައެކޭ ބުނެ އެކަން ފަރުޖައްސާލެވޭކަށް ނެތެވެ.

މިހެން އޮތް ހައްސާސް މައްސަލައެއްގައި މިވަރުގެ ނިންމުމެއް ސަރުކާރުން ނިންމުމަކީ ގައިމު ވެސް އިންޑިއާގެ އުނގަށް ރާއްޖެ ވެއްޓިފައި އޮތްވަރު ހާމަވެގެން ދިޔަ ކަމަކެވެ. އެ މައްސަލާގައި ހަނު ހުރުމުގެ ބާރު ސަރުކާރުގައި ނެތުމަކީ ނުވަތަ ދެ ފޮޅުވަތުން ބަޔާނެއް ނެރެ ނިންމާލުމަކީ ސަރުކާރުން އިންޑިއާގެ ފައިބުޑު ދަށަށް ވެއްޓިފައި އޮތް ކަމުގެ ފުރިހަމަ ދަލީލެކެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ އެއްވެސް ގައުމެއް އިސްތިސްނާ ނުކޮށް ހުރިހާ ގައުމުތަކާއި ގުޅުން ބޭއްވުން ކަމަށް ތަކުރާރުކޮށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ. އެކަމަކު ސަރުކާރުގެ އަމަލުތައް ހުރިގޮތުން ސަރުކާރުން ބޭނުންވަނީ ހަމައެކަނީ އިންޑިއާ އާ އެކު ގުޅުން ބާއްވަން ހެން ހީވާން ފަށައިފި އެވެ. އެހެން ނޫން ނަމަ މިކަމަކީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމުގައި ނިންމަން ޖެހޭ އެއްވެސް ސަބަބެއް އެބަ އޮތްތޯ އެވެ؟ ނޫނީ މިކަމުގައި ރާއްޖޭގެ ހާރިޖީ ތިލަފަތް ވަކި ފަރާތަކަށް ބުރަވެފައި އޮތްކަމަށް އެހާ ފާޅުގައި ހާމަކުރަން ޖެހޭ ސަބަބެއް އެބަ އޮތްތޯ އެވެ؟

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
7%
8%
10%
12%
2%
62%
ކޮމެންޓް
16 އޯގަސްޓް 2019 | ހުކުރު 11:06
ޅަ އެތި
މިދިޔަ 5 އަހަރު ވެރިކަންކުރި ސަރުކާރުންވެސް ބުނަމުންދިޔައީ ރާއްޖޭގެ ކަންކަމާ ބޭރުމީހުން ނުބެހުމަށާއި ރާއްޖޭގައި އޮތީ ދާހިލީ މައްސަކައެއްކަމަށް! ޗައިނާއިންވެސް އެއީ ތެދެކޭ ބުނި! އެހެންނަމަވެސް ބޭރު ގައުމުތަކުގެ އެެއް ބާރުލުން ނުލިބުނުނަމަ އަހަރެމެން ތިބީހީ އެވެރިކަމުގެ ދަށުގައި! ހަމައެގޮތަށް އަނެެއްކާވެސް ކަންކުރާތަން ބަލަން ދިވެހިން ނުތިބޭނެ!