ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 11:59
ރައީސް ނަޝީދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރައީސް ނަޝީދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޓްވިޓަރ
އިންޑިއާ
އިންޑިއާގެ މިނިވަންދުވަހާ ގުޅިގެން ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ
 
އިންޑިއާ މިނިވަން ވެފައިވަނީ 1947 ގައި
 
ރައީސް ސޯލިހުވެސް ތަހުނިޔާ ވިދާޅުވި
 
މިއީ އިންޑިއާގެ 73 ވަނަ މިނިވަން ދުވަސް

އަވަށްޓެރި އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެޤައުމަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 73 ވަނަ މިނިވަން ދުވަސް ބުރާސްފަތި ދުވަހު ފާހަގަ ކުރަމުންދާއިރު، މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޤްތިސާދީ ގޮތުން އިންޑިއާ ހަލުވި މިނެއްގައި ކުރިއަރަމުންދާއިރު، ސައުތު އޭޝިއާގެ އެހެން ޤައުމުތަކުން ވެސް އެ ކުރިއެރުމާ ހަމަކޮށް، އެކަމުގައި ބައިވެރިވާންޖެހޭނެ ކަމަށެވެ.

އެމަނިކުފާނު އެހެން ވިދާޅުވެފައިވާއިރު، އިންޑިއާއަކީ ރާއްޖެއާއި އަވަށްޓެރި ގާތް ގުޅުމެއް ބާއްވަމުންދާ ގައުމެއް ކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އިންޑިއާއަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ދެގައުމުގެ ދެމެދުގައިވާ އެކުވެރިކަން ދެމިއޮންނާނެ ކަމަށާއި، ދެ ގައުމުގެ ކުރިއެރުމަށްޓަކައި އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިންނާއި، ނައިބްރައީސް ފައިސަލް ނަސީމް ވެސް ވަނީ އިންޑިއާއާ އޮންނަ ގުޅުން އަބަދުވެސް އެގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ޤައުމަށް މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

އިންޑިއާއާ އޮންނަ ގުޅުން ބަދަހި ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާއިރު، އެޤައުމުން ރާއްޖެ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ. އެގޮތުން ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާ ކުރިއެރުވުމުގެ އިތުރުން އަސްކަރީ ގޮތުން ވެސް އިންޑިއާއިން ގިނަ އެހީތަކެއް ވެދީފައިވެއެވެ.

އިނގިރޭސިންގެ އަތްދަށުން މިނިވަންވެ އިންޑިއާ މިނިވަން ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް