ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 08:28
އައިއޯއައިޖީ ކޮންޓިޖެންޓް މެޑައްޔާ އެކު ރާއްޖެ އައުން
އައިއޯއައިޖީ ކޮންޓިޖެންޓް މެޑައްޔާ އެކު ރާއްޖެ އައުން
ޝުއައިބް މުހައްމަދު އިގްބާލް
ކުޅިވަރު
ދިވެހި ކުޅިވަރުގެ ކުރިމަގު ފެންނަނީ އުޖާލާކޮށް!
 
ސަރުކާރުން ކުޅިވަރު ކުރި އެރުވުމަށް މަސައްކަތް ކުރަމުން ދޭ
 
އެޝޯސިއޭޝަން ތައް ހަރުދަނާ ވަމުން އެބަދޭ

މިއީ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެ އެވެ. ބިމުގެ ނިސްބަތުން ކުޑަކުޑަ ޤައުމެކެވެ. އާބާދީގެ ނިސްބަތުން ވިޔަސް ވަކި ބޮޑެއް ނޫނެވެ. އެހެން ނަމަވެސް ބަވަނަވެފައިވާ މި ދުނިޔޭގައި މި ރާއްޖެ އަކީ ވެސް މިހާރު މަޝްހޫރު ޤައުމެކެވެ. ބައެއްގެ ހުވަފެނީ މަންޒިލެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމުން ވެސް ލައްކަ ކުރިއެރުންތަކެއް ހޯދައިފިއެވެ. ޚާއްސަކޮށް މި ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރެސް ކަމަށްވާ ފަތުރުވެރިކަމުގެ ރޮނގުން ބައިނަލްއަޤްވާމީ ފެންވަރުގެ އެތައް އިނާމުތަކެއް ވެސް ހާސިލު ކޮށްފިއެވެ. އެހެން ނަމަވެސް، ދިވެހީންގެ ގިނަ ބައެއްގެ ޝައުގުވެރިކަން އެކަމަކަށް ހުންނަ "ކުޅިވަރު"ގެ މައިދާނުގައި އަދި އެހާ ދުރަކަށް ނުދެވެއެވެ. އެހެން ނަމަވެސް، ދާންވީ މަންޒިލު ފެންނަން ފަށައިފިއެވެ. ކުރިއަށް ދެން އޮތީ އެ މަންޒިލާ ހަމައަށް ވާޞިލުވުމަށް ހިތްވަރާއެކު ދަތުރު ކުރުމެވެ.

ބައިނަލްއަޤްވާމީ ކުޅިވަރުގެ ބޮޑު ހަރަކާތެއްގައި ދިވެހީންތަކެއް ރަން މެޑަލްތަކެއް ހާސިލުކޮށްގެން އައިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެ އައި އައުމާއެކު، ހަމަ އެ ހަރަކާތް ދިވެހިރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ވެސް ވަނީ ލިބިފައިކަން ފާހަގަ ކޮށްލެވެއެވެ. ފެންނަމުން މިދަނީ ދިވެހިރާއްޖޭގެ ސަރުކާރުން ވެސް ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންދާ ތަނެވެ. އަދި ހަމަ އެއާއެކު، ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް އެ އެސޯސިއޭޝަންތަކުގެ އަގު ވަޒަން ކުރާ ކަމުގެ އިހްސާސްކުރެވެމުންދާ މަންޒަރު އެބަ ފެނެއެވެ. އެސޯސިއޭޝަންތައް ހަރުދަނާވަމުންދާ ތަން ފެންނަމުން އެބަދެއެވެ. މިއީ ވަރަށް ވެސް ބޮޑު އުފާވެރިކަމެކެވެ. ވަކި ކުޅިވަރަކަށް ނުބަލާ، ހުރިހާ ކުޅިވަރެއް ވެސް އެއް ހަމައެއްގައި، ކުރިއަރަމުންދާ މަންޒަރަކީ ވެސް ދުރުގައި އޮތް މަންޒަރެއް ނޫނެވެ.

ކުޅިވަރު ކުރިއެރުމުގައި އެތުލީޓުން ކުރާ މަސައްކަތާއި ދައްކާ ހިތްވަރަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ދިވެހި ގިނަ އެތުލީޓުންގެ ފަރާތުން މިހާރު ފެންނަމުންދަނީ "ޕޮޒިޓިވް" ވިސްނުމެކެވެ. ފާއިތުވެދިޔަ މުބާރާތްތަކަށް ބަލާއިރު، ދިވެހި އެތުލީޓުން ހޯދަމުން އައިސްފައި ވަނީ ޝުކުރު ހައްގު ކުރިއެރުމެކެވެ. ދިވެހިރާއްޖެ އަކީ މާ ގިނަ ވަސީލަތްތަކެއް ނެތް ޤައުމެއް ނަމަވެސް މި ދަތިތަކާ އެކު ވެސް ދިވެހި އެތުލީޓުން ވަމުންދަނީ ބޮޑު ޤުރުބާނީއެކެވެ. މި ޤައުމަށްވުރެ ހުރިހާ ގޮތަކުން ވެސް މާބޮޑު ޤައުމުތައް ފަހަތަށް ޖައްސާލައި، މެޑަލްތައް ހޯދަމުންދާއިރު، ދިވެހި ކޮންމެ ރައްޔިތެއްގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަ ފާއްދާލަނީ އެހެންވެގެންނެވެ. ދިވެހިރާއްޖެ ޖިއޮގްރަފީގޮތުން ދުނިޔޭގައި މި އޮތް ހިސާބަކީ (ދެކުނު އޭޝިއާ) އަކީ ގިނަ ކުޅިވަރުތަކެއްގައި މޮޅު ޤައުމުތަކެއް އޮތް ހިސާބެކެވެ. ހާއްސަކޮށް އިންޑިއާ އަކީ މި ސަރަހައްދުގެ އެންމެ ބޮޑު ބާރެވެ. އެހެން ނަމަވެސް އިންޑިއާ ފަހަތަށް ޖައްސާލައިގެން ވެސް ދިވެހީން ކުޅިވަރުގެ މައިދާނުގައި ކާމިޔާބުތަކެއް ހޯދައިފިއެވެ. ކުރިއަށް ދެން އޮތީ އެ ކާމިޔާބު އެކި ގޮތްގޮތުން ތަކުރާރު ކުރުމެވެ.

ކޮންމެއަކަސް، ދިވެހި ކުޅިވަރު މިއޮތީ ރަނގަޅު ފައްތަރެއްގައެވެ. ކުރިމަގު މިއޮތީ އުޖާލާކޮށް ފެންނާށެވެ. ދިވެހި ސަރުކާރާއި، ކުޅިވަރު އެސޯސިއޭޝަންތަކާއި، ދިވެހި އެތުލީޓުން އަދި ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ، މި ކުޑަކުޑަ ދިވެހިރާއްޖެ އިން މުޅި ދުނިޔެ ސިއްސުވާލާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް