ހޮނިހިރު 21 ސެޕްޓެންބަރ 2019
01 އަތަ
1441 މަހައްރަމް 22
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16
ރިޕޯޓު - ފުލުހުންނާއި ސިފައިން

ވަކި މުނާސަބަތެއް ބެލުމެއްނެތި ފުލުހުންނާއި ސިފައިން ޤައުމީ ޚިދުމަތުގައި!

  • ފުލުހުން ދަނީ މަގުތައް ޕެޓްރޯލްކޮށް ޓްރެފިކް ބަލަހައްޓަމުން
  • ކަނޑުމަތީގެ ހާދިސާތަކާ ގުޅިގެން ސިފައިން އެހީތެރިވަމުންދޭ
  • އީދާ ދިމާކޮށް ދުރާލާ ތައްޔާރީތައް ވެފައިވޭ

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 13 އޯގަސްޓު 2019 | އަންގާރަ 12:50 11,094

ފުލުހުންނާއި ސިފައިން މަސައްކަތުގައި - އެމްއެންޑީއެފް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޟްހާ އީދުގެ ފޯރި ނަގަމުންދާއިރު، ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމެވެ. މި މަންޒަރުތަކަށްވެސް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ދިވެހި ރައްޔިތުންގެ ހައްޤުޤައި މި އުފާވެރި އީދުގައިވެސް ބުރަކޮށް މަސައްކަތްކުރާ ދިވެހި ފުލުހުންނާއި ސިފައިންގެ މަސައްކަތްތަކެވެ.

އަޟްހާ އީދާ ދިމާކޮށް އެކި ރަށްރަށަށް މީހުން ދަތުރުފަތުރު ކުރަމުންދިޔައިރު، މަގުމައްޗާއި ގޯތިގެދޮރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ދިޔައީ ދުރާލާ ތައްޔާރީތައް ވަމުންނެވެ. އާންމުންގެ ގޯތިގެދޮރާއި މުދާ ރައްކާތެރި ކުރުމަށް "ފާރަވެރިއެއްގެ" ގޮތުން ފުލުހުން ދަނީ ކެނޑިނޭޅި މަގުތަކުގައި ޕެޓްރޯލްކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މަގުމަތީގެ ޓްރެފިކް ޤަވާއިދުތަކުން ފެށިގެން ގޮސް، އާންމު އިޖުތިމާއީ މިންގަނޑުން ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބެލިއަސް ފުލުހުން ދަނީ އީދެއް ނުވަތަ އެނޫންވެސް މުނާސަބަތެއް ބެލުމެއް ނެތި ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އުފާވެރި މަންޒަރެއްގެ ވާހަކަ މިލިޔުމުގައި ހިއްސާކޮށްލާނަމެވެ.

ފުލުހުންގެ ޤައުމީ ވާޖިބު އަދާ ކުރަމުންވެސް މި އުފާވެރި އަޟްހާ އީދާ ދިމާކޮށް މިވަނި ރައްޔިތުންނާއި ގުޅުން ބަދަހިކޮށް ރައްޔިތުންގެ ލޯބި ހޯދުމަށްވެސް ކަންތައްތަކެއް ކޮށްފައެވެ. ކުރިން ފުލުހެކޭ ބުނުމުން މުގުރާއި ޕެޕަރސްޕްރޭ ސިފަވާކަމަށް މީހުން ބުނި ނަމަވެސް މިހާރު އެމަންޒަރުވެސް ބަދަލުވަމުން އަންނަތަން ދަނީ ފެންނަމުންނެވެ. ފުލުހުންވެސް ބުރަކޮށް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަމުން މި ފެންނަނީ އަޟްހާ އީދާ ގުޅިގެން ކުޑަކުދިންނާއި އާންމުންނަށް އީދު ހަދިޔާ ބަހާ މަންޒަރެވެ. ފިޔަވައްޗަށް ޒިޔާރަތްކޮށް "ޕޮލިސް ބޭބެ" އާއި ދައްތައަކީ ކިހާ އެކުވެރި ، ކުޑަކުދިންނާވެސް ގުޅޭ "ބޭބެ"އެއްކަން އެކުދިންނަށްވެސް އިހުސާސްކޮށްދެމުންނެވެ. މިއީ ހަޤީޤަތުގައިވެސް އީދުގެ އުފަލަށް އިތުރު އުފާވެރިކަމެއް ގެނެސްދޭ ކަމެއްކަން ޤައިމެވެ.

ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު ދިމާވި ކުޑަކުދިންނަށް ހަދިޔާ ބަހަނީ

ދެންވެސް ދައްކަން އޮތީ ފުލުހުންނެކޭ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށް، ދިވެހިންގެ ޚިދުމަތުގައި ދެމިތިބޭ ދިވެހި ސިފައިންގެ ވާހަކައެވެ. އީދާ ދިމާކޮށް މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ އެމްއެންޑީއެފުން ދިޔައީ ދުރާލާ ތައްޔާރީތައް ވަމުންނެވެ. ފެންކުޅިކުޅެ ކުލަޖެހުމުގެ ހަރަކާތްތައް އީދާ ދިމާކޮށް އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާއިރު، އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ގަދަ ވިއްސާރައިގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ސިފައިން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

އޭގެ އިތުރުންވެސް ކަނޑުމަތީގެ ހާދިސާއެއް ދިމާވި ނަމަވެސް، ރަށެއްގައި ފެންބޮޑުވި ނަމަވެސް ނުވަތަ ހާލުގައި ޖެހިފައިވާ ބަލި މީހަކު އެމަރޖެންސީގައި މާލެ ގެންނަން ޖެހުނު ނަމަވެސް ދިވެހި ސިފައިންވެސް ދަނީ "އީދެއްނެތި" ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ކަނޑުމަތީގެ ހާދިސާއަކާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ވުމާއެކު، ދިވެހިން އުފަލާއި މަޖަލުގައި އަމިއްލަ އާއިލާތަކާއެކު އީދުގެ އުފާވެރިކަން ހާސިލު ކުރަމުންދާއިރު، ދިވެހި ފުލުހުންނާއި ސިފައިންގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށްލުން ކިހިނެއްވާނެތޯއެވެ؟ ވަކި ދުވަހަކަށް ވަކި މުނާސަބަތަކަށް ބެލުމެއް ނެތި ދިވެހި ސިފައިންނާއި ފުލުހުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ހަޤީޤަތުގައިވެސް ތައުރީފު ހައްޤު ނޫންތޯއެވެ؟ ތިޔަ ކުރައްވާ އަގުހުރި މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން އައްސަރިބަހާ ސާބަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް