ކ. މާލެ
|
13 އޯގަސްޓް 2019 | އަންގާރަ 12:47
އީދު ކުލަ ޖެހުން : ގިނަ ރަށްތަކުގައި ފޯރިއާ އެކު މިހާރު ކުރަމުން އަންނަ ކަމެއް
އީދު ކުލަ ޖެހުން : ގިނަ ރަށްތަކުގައި ފޯރިއާ އެކު މިހާރު ކުރަމުން އަންނަ ކަމެއް
ޝުއައިބް މުހައްމަދު އިގްބާލް
އީދުގައި ކުލަ ޖެހުން
ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ބާ؟
 
އެއް ބަޔަކު ބުނަނީ ކުލަ ޖެހުމަކީ ސަގާފަތް ކިލަނބުވާ ކަމެކޭ
 
އީދުގައި ކުލަ ޖެހުމާއި މެދު އާންމުންގެ ތެރޭގައި ބަހުސްކުރެވެމުންދޭ

މިހާރު ސޯޝަލް މީޑިއާގައި އެންމެ ބާރަށް ކުރަމުން އަންނަ ބަހުސަކީ ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނެނީ ކުލަ ޖެހުން ތޯ ނުވަތަ ފެން ޖެހުންތޯ! މި ބަހުސެވެ. އެންމެންވެސް އުފައްދަމުންދާ ސުވާލަކީ ކުލަ ޖެހުމަކީ ހަމަ އަސްލުވެސް ސަގާފަތެއް ބާއެވެ؟

ސޯޝަލް މީޑިޔާގެ އެކި މަންސަތަކުގައި މިކަމާއިމެދު ބަހުސްކުރަމުން ދާއިރު، އެއްބަޔަކު ކުލަ ޖެހުން ސިފަ ކުރަނީ ދިވެހި ސަގާފަތް ކިލަނބުކޮށްލާ ކަމެއްގެ ގޮތުގައެވެ. ހަމައެއާއެކު ދިވެހިންގެ ސަގާފަތް ދިރުވުމުގެ ނަމުގައި ފުރެއްދެ ޤައުމެއްގެ ސަގާފަތުގައި ހިމެނޭ ކަމެއް ދިވެހި ސަޤާފަތާ މަސްހުނިކުރުން ކަމުގައެވެ. އަމިއްލަ ސަގާފަތާއި ބީރަށްޓެހިވެ، ސަޤާފަތް ބިކަ ކޮއްލުމަށް ކުރާ ކަމެއްގެ ގޮތުގައެވެ.

އަނެއް ބައެއްގެ ނަޒަރުގައި ކުލަ ޖެހުމަކީ މިއިން އެއްވެސް ކެޓަގަރީއަކަށް ފެތޭ ކަމެއް ނޫނެވެ. އެވެރިން ދެކޭގޮތުގައި ކުލަ ޖެހުމުން ތިމާވެއްޓަށް ވެސް ފައިދާކުރެއެވެ. އެހެނީ، ފެން ޖެހުމުގައި ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅު ނުލާ ކުލަ ޖަހާ މަޖާކުރެވޭތީ ކުލަޖެހުމަކީ މާ ރަނގަޅު ކަމެއް ކަމަށް ދެކެއެވެ. ފެން އިސްރާފު ކުރުމުން ދުރުވެ ވަގުތު ސަލާމަތްވާކަމަށް ވެސް ބުނެއެވެ. އަނެއް ބަޔަކު ކުލަޖަހަނީ ސޯޝަލް މީޑިޔާގެ މަންސަތަކަށް އެވެރިން ލާ ފޮޓޯ ރީތިކޮށް، ގިނަ "ލައިކް" ތައް ހޯދުމުގެ ބޭނުމުގައެވެ. ބައެއް މުޖުތަމައުތަކުގައި އެ ބައެއްގެ ސަގާފަތް ދިރުވަނީ އެކި އެކި ގޮތަށެވެ. އެހެންކަމުން ކުލަޖެހުން މީވެސް ތަފާތު ގޮތްގޮތަށް މާނަކޮށް، ވާހަކަ ދެއްކިދާނެ ކަމެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ތިމާވެއްޓާ ރައްޓެހިކަމަށް ބަޔަކު ބުނި ކަމުގައިވީ ނަމަވެސް، މިފަހަރުގެ އީދު ފޯރީގައި ޖެހި ކުލަ ކޮތަޅުތަކާއި ގެންގުޅުން ފެން ބަޑިތައް އެތަން މިތަނަށް އުކާލާފައި ހުރި ފޮޓޯތަކެއް ވެސް އާންމުވެފައިވެއެވެ. އަދި ފެން އިސްރާފު ނުވާކަމަށް ބުނި ކަމުގައިވީ ނަމަވެސް، ގިނަ މީހުން ކުލަ ޖަހަނީ ފެނާ އެއްކޮށްލައިގެން ކަންވެސް މިއީ ފެންނަން އޮތް ހަގީގަތެކެވެ.

އީދުގައި ކުލަ ޖެހުން

ދިވެހިންގެ ތާރީޚަށް ނަޒަރު ހިންގާލާއިރު އީދާއި ދިމާކޮށް ދިވެހިން ފެން ޖަހާ އުޅުނު ކަން އެނގެއެވެ. ފުރަތަމަ ފެން ޖެހުމަށް ފެނަށް ކުލަ އަޅައިގެންވެސް އެކަކު އަނެކަކު ގަޔަށް ފެންޖެހި އިރެއްވެސް ދިޔައެވެ. ހަމަ އެހެންމެ ގަޔަށް ކަޅު ތެޔޮ ޖެހުމާއި ހުވަނދުމާ ފެނާއި މީރުވަސްދުވާ އަތަރު ފެނަށް އަޅައިގެން އެފެންވެސް އެކި ދަރަޖަތަކުގެ މީސް މީހުން ގަޔަށް ޖަހާ އުޅުނުކަން ވެސް ތާރީޚު ހެކިދެއެވެ. އެއްބަޔަކު މޫދަށް ލުމުގައި އަވަދިނެތި އުޅުނުއިރު ގިފިލީގައި ހުންނަ ފެންވަރާ ވަޅަށް މީހުން ލުމަކީވެސް ޢީދާ ދިމާކޮށް ދިވެހިން ކުރިކަމެއްކަން ވެސް އެނގެން އެބައޮތެވެ.

އަޅުގަނޑުމެން ފާހަގަކުރަމުންދާ މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ދިޔަ ކުލަޖެހުމުގެ ހަރަކާތްތަކަށް މީސްމީޑިޔާގައި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ނަމަވެސް މި ކުޅިވަރުތަކުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ބައިވެރިވީ ކޮންމެހެން ފުރެއްދެ ސަޤާފަތެއް ދިވެހި ސަޤާފަތާއި މަސްހުނި ކުރުމުގެ ބޭނުމުގައި ނޫންކަމާއި އެއީ ޢީދުގެ ފޯރި އިތުރުކުރުމުގެ ބޭނުމުގައި ކުރާކަމެއް ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.

ކަންމިހެން އޮތް އިރު ގަބޫލު ކުރަން ޖެހޭ ޙަޤީގަތަކީ ސަގާފަތެއް ސަގާފަތަކަށް ވަނީ ބަޔަކު ކަމެއް ކުރުމުގައި ދެމި ތިބެގެންނެވެ. އެއްވެސް ސަގާފަތެއް އެއްގޮތަކަށް ދެމި އޮންނާނެ ކަމަށް ދެކުމަކީ ކުށް ހީއެކެވެ. ސަގާފަތަކީ ޒަމާނާއި އެއްކޮށް މީހުންގެ ވިސްނުން ބަދަލުވަމުންދާ ވަރަކަށް ބަދަލު އަންނަ ކަމެކެވެ. ސަގާފަތެއް ސަގާފަތަކަށް ވަނީ އެ ބަޔެއްގެ ވިސްނުމާއި ދިރިއުޅުމުގެ ވަށްޓަފާޅި ހުންނަގޮތުންނާއި ބައްޓަންކުރާ ގޮތުންނެވެ. މިކަމުގައި މުޖުތަމައުގެ ހިޔާލު ތަފާތުވެފައިވާ އިރު، ކުލަ ޖެހުމަކީ އަދުގެ ސަގާފަތުގައި ހިމެނޭ ކަމެއް ކަމާއި މެދު ޝައްކެއް ވެސް ނެތެވެ. ނަމަވެސް އެއީ ދިވެހިވަންތަ ސަގާފަތެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
10%
0%
0%
80%
10%
0%
ކޮމެންޓް
13 އޯގަސްޓް 2019 | އަންގާރަ 15:05
ޢީދު
އޭރު ދިވެހިން ޖަހައި އުޅުނީ ފެން... ކުލަ ޖަހައި އުޅުނުކަމަކަށް ނެތް ފެންނާކަށެއް..... މި ކަންތައް ހުއްޓުވަންޖެހޭނީ....ނޫނީ ދިވެހިންގެ ސަގާފަތް މުޅިން ބަދަލުވެގެން ހިނގައިދާނެ......މީ އެހެން ދީނެއްގެ ކަމެއް...
13 އޯގަސްޓް 2019 | އަންގާރަ 13:18
މުޝްތާޤް
މީ ދިވެހި ސަގާފަތެއްނޫން. އެކަމަކު ދިވެހިންގެ މާޒީއާގުޅުން ހުރިކަމެއް. އަހަރެމެންގެ ތެރެއަށް އަނެއްކާވެސް މިއަންނަންފެށީ ރާއްޖެ އިސްލާމް ވުމަށްފަހު ދޫކޮށްލާފައި ހުރި "ހިންދޫ" އަދި "ބުދު" ދީންތަކުގެ އާދަތަށް. މިހެންވާން މިޖެހުނީ ޅަ ޖީލެއްގެ އަތްމަށްޗަށް ރާއްޖޭގެ ކަންކަން ދޫކޮށް ބޯހަރު މީހުން އެއްކައިރި ވެލީމަ ދިމާވަމުންދާ ކަންތަށްތައް. ޓީވީ ޗެނަލް ތަކުންނާއި މިހެންގޮސް ކިޔާނެ ކަމެއްނެތް. ހަރުމީހުން ގެ ޒިންމާއެއް ވަކި އުމުރަކަށް ޅަޖީލުގެންގޮސް، ހަމަވިސްނުން ލިބޭހިސާބުން ކަންތަށްތައް ދޫކުރަމުން، އެމީހުން ރާއްޖެ ގެންދަނީ ކޮންމިސްރާބަކަށްތޯ ބަލަންތިބުން. އަދި ހަމަ މިސްރާބައް އަޅުވައިދިނުން. މިހާރު ދިވެހީންގެ ގިން ކަންތައްތަކަކީ އިސްލާމްދީނާއި އެހާމެ ބީރައްޓެހި އަދި މުންކަރާތްތަކަށް އަރާގަނެވޭފަދަ ކަންކަން.
13 އޯގަސްޓް 2019 | އަންގާރަ 13:06
ޙުސެއިން
ސަގާފަތް ސަގާފަތަކަށް ވީ ބަަޔަކު ކޮށްގެން. ކުލަޖެހުން ކުރިއަށް އޮތް ޖީލު ތަކަށް ސަގާފަތަކަށް ހެދިދާނެ.