ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 18:15
ކޭބާން އަދި މަންމަ ޝިޒްލީން
އެސްބީއެސް
ކޭބާން ޖަމްޝާދް
ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ
 
ރާއްޖެއަކުން ކޭބާންއަށް އެކަށީގެންވާ ސިއްހީ ފަރުވާއެއް ނުލިބޭނެ
 
ކޭބާން ވިހެއީ ރާއްޖެއަށް އަނބުރާ އަންނަން ނިންމާފައިވަނިކޮށް
 
ޝިޒްލީން އޮސްޓްރޭލިއާއަށް ބަދަލުވީ ކިޔަވަން ލިބުނު ފުރުސަތެއްގެ ތެރެއިން

އައިޝަތް ޝިޒްލީން މީގެ ހަ އަހަރު ކުރިން އޮސްޓްރޭލިއާއަށް އާއިލާއާއި އެކު ބަދަލުވީ، އޮސްޓްރޭލިއާ އެއިޑުން ލިބުނު ހިލޭ ސްކޮލަރޝިޕުގެ ފުރުސަތުގެ ތެރެއިން ކިޔެވުމަށެވެ. 2013 ވަނަ އަހަރުގެ ފިރިމީހާ އަހްމަދު ޖަމްޝާދްއާއި ދޮށީ ފިރިހެން ދަރިފުޅާ ޙާލިލްއާ އެކު ހުޅަނގު އޮސްޓްރޭލިއާގެ ބަންބަރީއަށް ބަދަލުވީ ފަހުން، ޝިޒްލީން އާއި ޖަމްޝާދަށް އިތުރު ދެކުދިން ލިބިފައިވާއިރު، މުޅި އާއިލާގެ ކުރިމަގު ބަދަލުވެގެން ދިޔައީ ހަގު ދަރިފުޅު ކޭބާން ޖަމްޝާދް މި ދުނިޔެއަށް އުފަންވީ ހިސާބުންނެވެ.

ތުއްތު ތުއްތު ކޭބާން ޖަމްޝާދް އަންނަނީ ދުނިޔެއަށް ލީ ފުރަތަމަ ނޭވާއިން ފެށިގެން ވެސް ފުރާނަޔަށްޓަކާ ހަނގުރާމަކުރަމުންނެވެ. 2016 ވަނަ އަހަރުގެ ޖުލައި މަހު ބަންބަރީ ހޮސްޕިޓަލުގައި ކުރި ސިޒޭރިއަން އޮޕަރޭޝަނަކަށް ފަހު އުފަންވީ ކޭބާން، ވިހެއުމުގައި ދިމާވި މައްސަލަތަކުގެ ސަބަބުން އޭގެ ދުވަސްތަކެއް ފަހުން ޕަރތްއަށް ގެންގޮސް އެމަރޖެންސީ ސަރޖަރީ ހަދަން ގެންދެވުނެވެ. ކޭބާންގެ މަންމަގެ ބަނޑުން ނަގަން ކުރި އޮޕަރޭޝަންގެ ތެރޭގައި ދިމާވި މައްސަލައަކާއި ކުޅިގެން ސިކުނޑިއަށް ދިމާވި ކަމަކާއި ގުޅިގެން އިންޓްރާކްރޭނިއަލް ހެމޮރޭޖްއެއް (ބޮލުގެ ނާށިގަނޑު ތެރެއިން ލޭ ބޭރުވުން) އަދި ސިވިއަރ ހިމޮފީލިއާ (ހަލާކުވާ ތަންތަތުން ލޭ މަނާނުވުން) ޑައިގްނޯސް ކުރެވިފައެވެ.

ކޭބާން ވިހެއުމަށް ފަހު އައިސީޔޫގައި

އޮސްޓްރޭލިއާގެ އެސްބީއެސް ނޫހަށް ދިން އިންޓަވިއުއެއްގައި ކޭބާންގެ މަންމަ ޝިޒްލީން ބުނީ، ވިހެއިތާ ހަފުތާއެއް ނުވަނީސް ކޭބާން ލައިފް ސަޕޯޓުން ނަގާލަން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ. ޑޮކްޓަރުން ބުނެފައިވަނީ ލައިފް ސަޕޯޓާ ނުލާ ކޭބާން ދިރިއެއް ނުހުންނާނެ ކަމަށެވެ. "އަހަރެން ގާތު ބުނީ ކޭބާން މަރުވާނެ ކަމަށާއި، ކޭބާން ނޭވާލަމުން ދަނީ ލައިފް ސަޕޯޓް މެޝިނުގެ އެހީގައި ކަމަށް އަދި ތަދު ތަހައްމަލު ކުރުމުގެ އިތުރުން އަމިއްލައަށް އެއްވެސް ކަމެއް ކުރަމުން ނުދާ ކަމަށް" އެސްބީއެސްއަށް ދިން އިންޓަވިއުގައި ޝިޒްލީން ބުންޏެވެ. ކޭބާން އެ ތަދު އިތުރަށް ތަހައްމަލު ކުރަން ބޭނުންނުވާތީ، ޝިޒްލީން އާއި ޖަމްޝާދް ނިންމީ ކޭބާން ލައިފް ސަޕޯޓުން ނެގުމަށެވެ. ކޭބާން ލައިފް ސަޕޯޓުން ނެގުކަމުގައިވީ ނަމަވެސް، މި ދުނިޔެ ދޫކޮށް ދާން ކޭބާން މި ދުނިޔެ ދޫކޮށްފައި ދާން ބޭނުންނުވިއެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޭބާން ދުނިޔެ ދޫކުރާނެ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް، ޑޮކްޓަރުން ހީކޮށްގެން ތިބި ގޮތާ ޙިލާފަށް ކޭބާން ލައިފް ސަޕޯޓާ ނުލާ ވެސް އިތުރު ދުވަހެއް ވަނދެން ދިރިހުއްޓެވެ. "އަހަރެން ޑޮކްޓަރުން ކައިރީގައި މިވަނީ ކިހިނެއްތޯ ސުވާލުކުރިން. އެމީހުން ބުނަމުން ދިޔައީ އިރުތަކެއް ނުވެ ކޭބާން މި ދުނިޔެ ދޫކޮށް ދާނެ ކަމަށް. ދެ ދުވަސް ފާއިތުވީ އިރުވެސް، ކޭބާން ދުނިޔެ ދޫކޮށް ދާކަށް ބޭނުމެއް ނުވި. ކޭބާންގެ ސިއްހީ ހާލަތު ރަނގަޅު ވަމުން ދިޔުމާއި ގުޅިގެން، އަހަރަމެން ނިންމީ އަނެއްކާވެސް ލައިފް ސަޕޯޓް ގުޅަން" ޝިޒްލީން ބުންޏެވެ.

ޝިޒްލީން ބުނެފައިވަނީ ކޭބާން ލިބުމުގެ ކުރިން އެ ދެމަފިރިން ނިންމައިގެން ތިބީ އޮސްޓްރޭލިއާ ދޫކޮށް، އަނބުރާ ރާއްޖެއަށް އައުމަށް ކަމަށެވެ. "ގައުމުން (ރާއްޖެއިން) ބޭރުގައި ދިރިއުޅޭތާ ހަތަރު އަހަރުވެފައި ވުމާއި އެކު އޭރު ނިންމައިގެން ތިބީ ތިބީ އަނބުރާ ގައުމަށް ދާން. އެކަމަކު އޭރު ވިސްނުނީ މި ހިސާބުން ފެށިގެން މުޅި ދިރިއުޅުން ބަދަލުވެއްޖެކަން. އަހަރެން ހަނދާންވޭ އައިސީޔޫގައި ހުރެގެން ޖަމްޝާދް ގާތު، ރާއްޖޭގައި ކޭބާންއަށް ބޭނުންވާ ފަރުވާ ނުދެވޭނެ ކަމަށާއި އަނބުރާ ގައުމަށް ނުދެވޭނެ ކަމަށް ބުނި ހަނދާން" ޝިޒްލީން ބުންޏެވެ.

ކޭބާންގެ އާއިލާ (ކ-ވ) ޙާލިލް (11)، ކޭބާން، ޝިޒްލީން، އަހުމަދު، ކިޔާރާ (5)

މިހާރު ކޭބާންއަށް ތިން އަހަރުވެފައިވާ އިރު، އޭނާއަށް ދުވާލާއި ރޭގަނޑު އަޅާލުމާއި ހާއްސަ ފަރުވާތަކެއް ދޭނެ ޖެހެއެވެ. ހަފުތާއަކު އެއް ފަހަރު ކޭބާންގެ ހިމޮފީލިއާއަށް ރައްކާތެރުވުމުގެ ގޮތުން ޕްރޮފިލެކްސިސް (ޕްރިވެންޓެޓިވް ހެލްތްކެއަރ) ފަރުވާ ބަންބަރީ ހޮސްޕިޓަލުން ހޯދައެވެ. އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު ޕަރތްގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލަށް ދައްކަން ޖެހޭއިރު، ދުވާލަކު ދެ ފަހަރު ސީޜަރ (އިދިފުށަށް ދެމުން) އިން ރައްކާތެރިވުމަށް ބޭސްކާން ޖެހެއެވެ. މީގެ ތެރެއިން ޕްރޮފިލެކްސިސް ފަރުވާއަށް ދާ ހަރަދު އޮސްޓްރޭލިއާ ސަރުކާރުން ހަމަޖެހިފައިވާ އިރު، ޝިޒްލީން އާއި އަހުމަދު ބުނެފައިވަނީ އިތުރު ހުރިހާ ފަރުވާއަކަށް ހަރަދުކުރަނީ އަމިއްލަ ޖީބުންނާއި އެމީހުންގެ ޕްރައިވެޓް ހެލްތް ފަންޑުން ކަމަށެވެ.

ޝިޒްލީން ސޯޝަލް ވޯކަރއެއްގެ ގޮތުގައި މަސައްކަތްކުރާއިރު، ކޭބާން ބަލަނީ އޭނާގެ ބައްޕަ އަހުމަދު ޖަމްޝާދްއެވެ. ޝިޒްލީން ވަޒީފާ އަދާކުރާ ތަނުން އޭނާގެ ވިސާ ސްޕޮންސަރ ކޮށްދީގެން އޮސްޓްރޭލިއާގައި ދިރިއުޅުމުގެ ވިސާއަށް އެދުނީ ފިރިމީހާއާއި ތިން ކުދިން ޑިޕެންޑެންޓްސްގެ ގޮތުގައި ހިމަނައިގެންނެވެ. ޝިޒްލީން އެދުނީ ޓެމްޕަރަރީ ސްކިލް ޝޯޓޭޖް ވިސާއަކަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ އާއިލާގެ އެންމެނަށް ވިސާ ލިބުނުކަން އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ހޯމް އެފެއަރޒްއިން އެންގި އިރު، ހިތާމައާއި އެ ލިސްޓުން އިސްތިސްނާވީ ހަމައެކަނި ކޭބާންއެވެ.

ކޭބާންގެ މަންމަ ޝިޒްލީން އާއި ބައްޕަ އަހުމަދު ޖަމްޝާދްއާ އެކު

"(އެކަމާއި) އަހަރެން ރުއިން. ވިސާ ނުލިބުނަސް އެކަން އިސްތިއުނާފު ކުރުމުގެ އިހުތިޔާރު ނުވަތަ އެނިންމުން ގަބޫލުކުރުމުގެ އިހުތިޔާރު ވެސް އޮވޭ. އަހަރުމެން އަވަސްވެގަތީ، ގަވައިދާ އެއްގޮތަށް ކޭބާންއަށް އެގައުމުގައި ދިރިއުޅުމުގެ މަގުފަހި ކުރަން، މައްސަލަ އިސްތިއުނާފު ކުރަން" ޝިޒްލީން ބުންޏެވެ.

ކޭބާންއަށް ވިސާ ނުދިން ސަބަބު ސާފުކޮށްދެމުން އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ހޯމް އެފެއަރޒްއިން ބުނީ، ހިޖުރަކުރުމުގެ ގަވައިދުގެ ތެރެއަށް ކޭބާންގެ ވިސާ އެޕްލިކޭޝަން ނުފެތޭ ކަމަށެވެ. އެސްބީއެސް ނޫހަށް މައުލޫމާތު ދިން މައިގްރޭޝަން އެޖެންޓް އަދި ޑިސްއެބިލިޓީ ސްޕެޝަލިސްޓު ޑރ. ޔާން ގޮތަރޑް ބުނީ ގަވައިދު ބުނާ ގޮތުން، ވިސާއަށް އެދި ހުށައަޅާ މީހެއްގެ ސިއްހީ ފަރުވާގެ ހަރަދު 49000 އޮސްޓްރޭލިއާ ޑޮލަރަށް ވުރެ މަތިވެގެން ނުވާނެ ކަމަށެވެ. ކޭބާންގެ ވިސާ ރިޖެކްޓްކުރި ސިޓީގައި ބަޔާންކޮށްފައިވަނީ ދަރުމައިގެ ތެރެއިން ވެސް ކޭބާންގެ ވިސާގެ ހުށައެޅުމަށް ލުޔެއް ދެވެން ނެތް ކަމަށެވެ.

އޮސްޓްރޭލިއާއަށް ހިޖުރަކުރުމުގެ ގަވައިދުގައިވާ ކަންކަމަށް ފާޑުކިޔާ މީހުން ބުނެފައިވަނީ، އެ ގަވައިދުގައިވާ ބޭސް ފަރުވާގެ ހަރަދުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަކަމެއް ނުލިބޭ ކަމަށެވެ. ކޭބާންގެ މައްސަލައާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ހޯމް އެފެއަރޒްއިން އެއްޗެކޭ ބުނަން ދެކޮޅު ހަދާފައިވާ އިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ތަފާތު ކުރުމެއް ގެންގުޅޭ ކަމަށް ދައްކާ ވާހަކަތައް އެ ޑިޕާޓްމަންޓުން ވަނީ ދޮގުކޮށްފައެވެ.

ކޭބާންގެ ވިސާ މައްސަލަ އިސްތިއުނާފު ކުރިއިރު، ރާއްޖޭގައި ކޭބާންގެ ސިއްހީ މައްސަލަތަކަށް އެކަށީގެންވާ ފަރުވާ ނުލިބޭނެ ކަމަށް އެއްބަސްވާ ސިއްހީ މާހިރުންގެ ސިޓީ ހުށައަޅާފައިވެއެވެ. ކޭބާން އަނބުރާ ރާއްޖެއަށް ދާން ޖެހިއްޖެ ނަމަ ކުއްލި ނުވަތަ އަވަސް މަރަކާ ކުރިމަތި ލާން ޖެހިދާނެ ކަމަށް އެ ލިޔެކިޔުންތަކުގައި ވެއެވެ. އަނބުރާ ރާއްޖެ ދާން ބޭނުންނުވަނީ ކޭބާންގެ ފުރާނައަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ވިސްނާފައި ކަމަށް ކޭބާންގެ ފަރާތުން ޝިޒްލީން ހުށައެޅި ވިސާ އެޕްލިކޭޝަންގައި ބަޔާންކޮށްފައިވެއެވެ. ކޭބާންގެ ވިސާ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ތާވަލުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 29 ވަނަ ދުވަހަށެވެ.

މި މަރުހަލާއިން ވެސް ނާކާމިޔާބު ވެއްޖެ ނަމަ، ދެން ޝިޒްލީން އާއި އަހުމަދުއަށް އޮތީ ސީދާ އޮސްޓްރޭލިއާގެ މިނިސްޓަރ ފޯރ އިމިގްރޭޝަން ޑޭވިޑް ކޯލްމަންއަށް މި މައްސަލައިގައި ގޮތެއް ނިންމުމަށް އެދި ހުށައެޅުމެވެ. ޑރ. ގޮތަރޑް ބުނީ އެއީ މިނިސްޓަރުގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށާއި އެހެން ހުށައެޅި ކަމުގައިވީ ނަމަވެސް، މިނިސްޓަރުގެ ޑެސްކާ ހަމައަށް ދަނީ މަދު ހުށައެޅުމެއް ކަމަށެވެ. އެ ހުށައެޅުންތައް މިނިސްޓަރާއި ހަމައަށް ދަނީ އެ ވުޒާރާގައި ހުންނަ މިނިސްޓްރީއަލް އިންޓަރވެންޝަން ޓީމަށް ފެނިއްޖެ ހާލަތެއްގައެވެ. މިއީ މަދު ފަހަރެއްގައި ނޫނީ ނުވާކަމައް ކަމަށް ގޮތަރޑް ބުނެފައިވެއެވެ.

ކޭބާންގެ މުސްތަގުބަލު ބޮޑު ސުވާލު މާކެއްގެ ތެރޭގައިވާ އިރު، އޭނާގެ މަންނަ ޝިޒްލީން ބުނީ އާންމުންގެ ސަމާލުކަމަށް މި މައްސަލަ ގެނައުމާއި މެދު އޭނާ އެންމެ ހިތްހަމަނުޖެހުނު ކަމުގައިވީ ނަމަވެސް، އެހެން އެކަން ކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށެވެ. "މި ދައްކަނީ އިންސާނެއްގެ ވާހަކަ. ގަނޑު ކޮޅެއްގެ ވާހަކައެއް ނޫން. (އެއީ) ނަމްބަރެއް ވެސް ނޫން" ޝިޒްލީން ބުންޏެވެ.

ބަންބަރީގައި ތިބި އެއާއިލާގެ އެކުވެރިންގެ ފަރާތުން މިކަމުގައި އެއްބާރުލުން ލިބިގެންދާ އިރު، މި ހަފުތާ ބަންދުގައި ކޭބާންގެ މައްސަލައަށް ސަމާލުކަން ގެނެސް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "ސޭވް ކޭބާން" ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ވެސް ވަނީ އިންތިޒާމްކޮށްފައެވެ. "އަހަންނަށް އެނގޭ އަނބުރާ ގައުމަށް ގޮސްފި ހާލަތެއްގައި، އަހަރެމެން އަބަދުވެސް ތިބެން ޖެހޭނީ އޭނަ މަރުވެދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި. އެކަމަކު މިތަނުގައި ހުރެއްޖެ ނަމަ އޭނައަށް އޭނާގެ އާއިލާއާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ" ޝިޒްލީން ބުންޏެވެ.

ސޭވް ކޭބާންގެ ނަމުގައި ބަންބަރީގައި ހިންގާ ކެމްޕެއިން

މިހާރު ސޯޝަލް މީޑިއާގައި ދިވެހިންގެ ސަމާލުކަމަށް ވެސް މިކަން އައިސް ގިނަ ފަރާތްތަކަކުން ވަނީ ކޭބާންއަށް އޮސްޓްރޭލިއާގައި ދިރިއުޅުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ. އެންމެނަށް ވެސް ރާއްޖޭގެ ސިއްހީ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތަކާއި ފަރުވާގެ ފެންވަރު އެނގޭއިރު، ތުއްތު ކޭބާންއަށް ވެސް އެކަށީގެންވާ ފަރުވާ ލިބެންޖެހޭނެ ކަމަށް އެންމެން ވެސް ގަބޫލުކުރެއެވެ. ހުރިހާ ޑޮކްޓަރުންގެ ހީކުރި ގޮތާއި ހިލާފަށް، މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން މިއަދާއި ހަމައަށް ކޭބާން ދުނިޔޭގައި ދިރިހުރި އިރު، ކޭބާންއަށް ދެންވެސް އެ ފުރުސަތި ލިބެން ޖެހެއެއް ނޫންތޯއެވެ؟

0%
0%
100%
0%
0%
0%
ކޮމެންޓް