ކ. މާލެ
|
8 މާރޗް 2017 | ބުދަ 03:57
ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒް
ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒް
ގޫގުލް
ސައުދީގެ ޝާޙީ އާއިލާ
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
 
ހައްޔަރު ކުރި މީހުން މަސްތުވާތަކެތީގެ ވިޔަފާރިވެސް ކުރޭ: ފުލުހުން
 
ރާވަމުން ދިޔައީ ޝާޙީ އާއިލާއަށް ހަމަލާ ދިނުމަށް
 
ޔަމަނުގެ 4 ރައްޔިތުން ހައްޔަރުކޮށްފައިވޭ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލް އަޒީޒާއި ޝާޙީ އާއިލާގެ ގިނަ ބޭފުޅުންތަކެއް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ޝާޙީ އާއިލާގެ ބޭފުޅުންނަށް ހަމާލާއެއް ދިނުމަށް ރޭވި ބަޔަކު ހައްޔަރުކޮށް، ހަމަލާ ހުއްޓުވާފައިވާ ކަމަށް މެލޭޝިއާ ފުލުހުން ބުނެފިއެވެ.

މެލޭޝިއާ ފުލުހުންނާއި ހަވާލާދީ، ރޮއިޓާސް އިން ބުނެފައިވަނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޔަމަނުގެ 4 ރައްޔިތަކާއި، މެލޭޝިއާގެ ރައްޔިތުންގެ އިތުރުން އިންޑޮނޭޝިއާ މީހެއް ކަމަށެވެ. މީގެ އިތުރުންވެސް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ ކޮން ޤައުމެއްގެ މީހެއްކަން މެލޭޝިއާގެ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޔަމަނުގެ 4 ރައްޔިތުންނަކީ ޔަމަނުގެ ހޫތީ ހަނގުމާވެރިން ކަމަށް މެލޭޝިއާ ފުލުހުންގެ ބައެއް މަސްދަރުތަކުން ބުނި ނަމަވެސް، އިތުރު ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި މި މީހުން ނިސްބަތްވަނީ ހަނގުރާމަވެރި އައިއެސް ޖަމާޢަތަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި 7 މީހުން ހައްޔަރުކޮށްފައިވަނީ ސައުދީ ރަސްގެފާނުގެ ދަތުރުފުޅުގެ ކުރިން، ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހާއި 26 ވަނަ ދުވަހާއި ދެމެދުއެވެ.

މެލޭޝިއާގެ ޕޮލިސް ޗީފް، ޚާލިދު އަބޫ ބަކުރު ވިދާޅުވީ، މި 7 މީހުން ރާވަމުން ދިޔައީ ސައުދީ ޝާޙީ އާއިލާގެ ދަތުރުފުޅުގައި އެބޭފުޅުންނަށް ހަމަލާ ދިނުމަށް ކަމަށާ، އެމީހުން ހައްޔަރު ކުރެވުނީ "ހަމަ ކިރިޔާ" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ހައްޔަރުކުރެވުނު ޔަމަނުގެ 4 ރައްޔިތުންގެ އަތުން އެކި ޤައުމުތަކުގެ ޕާސްޕޯޓްތަކާއި، 270،000 ރިންގިޓް (60،000 އެމެރިކާ ޑޮލަރު) ހޯދިފައިވާ ކަމަށާ، މި މީހުންނަކީ މަސްތުވަތަކެތީގެ ވިޔަފާރިވެސް ކުރަމުންދާ ބައެއްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ސައުދީ ޝާހީ އާއިލާއަށް ހަމަލާދޭން ރޭވި ޔަމަނުގެ 4 ރައްޔިތަކު ހައްޔަރުކޮށްފައިވާއިރު، ސައުދީއިން ޔަމަނަށްދޭ ހަމަލާތަކާއި ގުޅިގެން، ޔަމަނުގެ ރައްޔިތުންގެ މެދުގައި ސައުދީންނާއި ސައުދީގެ ޝާޙީ އާއިލާ އާއި މެދު ވަނީ އިންތިހާއަށް ނަފުރަތު އިތުރުވެގެން ގޮސްފައެވެ. ވޭތުވެ ދިޔަ ދެ އަހަރުއްސުރެ ސައުދީއިން އިސްވެ، ޔަމަނަށް ދެމުންދާ ހަމަލާތަކުގައި 10،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ހަމަލާތަކާއި ގުޅިގެން، 7.3 މިލިއަން މީހުން މިހާރުން މިހާރަށް އިންސާނީ އެހީއަށް ބޭނުންވެފައިވާކަން ކަމާބެހޭ އެކި ޖަމާޢަތްތަކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް