ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 22:26
ކޭބަލް ކާރު މަޝްރޫއު ދައްކުވައިދޭ ތްރީޑީ ކުރެހުމެއް
ކޭބަލް ކާރު މަޝްރޫއު ދައްކުވައިދޭ ތްރީޑީ ކުރެހުމެއް
ޕީވައިއެކްސްއައިޑީ
ރަޝިއާ-ޗައިނާ ކޭބަލް ކާރު މަޝްރޫއު
އަށް މިނިޓުން ރަޝިއާއިން ޗައިނާއަށް ދެވޭ ކޭބަލް ކާރެއް
 
މިމަޝްރޫއަކީ ތިމާވެއްޓާ ރައްޓެހިކޮށް ފަރުމާކޮށްފައިވާ މަޝްރޫއެއް
 
މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ 2020 ވަނަ އަހަރު

ސަރަހައްދީ އިމެއް ހުރަސްކުރާ ފުރަތަމަ ކޭބަލް ކާރު ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ޗައިނާ އާއި ރަޝިއާއިން ފަށައިފިއެވެ.

ޗައިނާގެ ހީއައިހަ އާއި ރަޝިއާގެ ބްލަގޮވީޝްންސްކް އަވަށާއި ދެމެދު ގާއިމްކުރާ ކޭބަލް ކާރު ދަތުރުކުރާނީ އެދެގައުމުގެ ސަރަހައްދީ އިން ވަކިކުރާ އަމޫރް ކޯރު މަތިންނެވެ. މި ކޭބަލް ކާރުގަ އެންމެ އަށް މިނިޓު ތެރޭގައި އެއް ގައުމުން އަނެއް ގައުމަށް ދެވޭނެއެވެ.

މީގެ ކޮންމެ ކޭބަލް ކާރެއްގައި އެއްފަހަރާ 60 ފަސިންޖަރުން އުފުލޭއިރު، އެމީހުންގެ ދާގިނާ އުފުލޭނެ ޖާގަވެސް ހުންނާނެއެވެ. ކޮންމެ 15 މިނިޓަކުން ކޭބަލް ކާރެއް ދަތުރުކުރާނެކަމަށް ވެސް މިމަޝްރޫއު ހިންގާ ފަރާތުން ވަނީ ސީއެންއެންއަށް މައުލޫމާތު ދީފައެވެ.

މިކޭބަލް ކާރުތައް ފަރުމާކޮށްފައިވަނީ ޑަޗް އާކިޓެކްޓުންތަކެއް ކަމުގައިވާ ޔޫއެންސްޓޫޑިއޯއިންނެވެ. ކޭބަލް ކާރުގެ އިތުރުން މިމަޝްރޫއުގެ ދަށުން އެސަރަހައްދުގައި އަމޫރް ކޯރު ފެންނަ ޕްލެޓްފޯމަކާއި ރެސްޓޯރަންޓާއި ސްކައި ގާޑެންއެއް ވެސް ހިމެނޭކަމަށެވެ. މިމަޝްރޫއަކީ ތިމާވެއްޓާ ރައްޓެހިކޮށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް ޔޫއެންސްޓޫޑިއޯގެ ބާނީ އަދި މިމަޝްރޫއުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ބެން ވެން ބަރކްލް މައުލޫމާތު ދީފައިވެއެވެ.

މިމަޝްރޫއުގެ ދަށުން ފަރުމާކޮށްފައިވާ ޓާމިނަލްގެ ކުރެހުމެއް

ވެން ބަރކްލްގެ ޔޫއެންސްޓޫޑިއޯއިން ވަނީ މީގެ ކުރިންވެސް ކޭބަލް ކާރުގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއި އެކު ނިންމާލާފައެވެ. އޭގެ ތެރޭގައި ސްވީޑްންގެ ގޮތެންބަރގުގެ މަޝްރޫއަކާއި ނެދަރލެންޑްސްގެ އެމްސްޓަރޑެމްގެ މަޝްރޫއެއް ހިމެނެއެވެ.

ފަރުމާއަށް ގެންނަން ޖެހޭ އިތުރު ބަދަލުތަކެއް ހުރިތޯ ބެލުމަށް ފަހު އަންނަ އަހަރުގެ ތެރޭގައި މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިމަޝްރޫއު މެނޭޖުކުރާ ރަޝިއާގެ ސްޓްރެލްކާ ކޭބީއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
67%
13%
0%
13%
4%
4%
ކޮމެންޓް
31 ޖުލައި 2019 | ބުދަ 08:07
ސަނީ
ކާށިދޫން ގާފަރަށް ކޭބަލް ކާރުގަ 5 މިނިޓް