ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 20:08
ބޮޑުވަޒީރު އަބީ އަހުމަދު ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެލައްވަނީ
ބޮޑުވަޒީރު އަބީ އަހުމަދު ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެލައްވަނީ
ސީ.އެން.އެން
ގްރީން ލެގަސީ ކެމްޕެއިން
ބާރަ ގަޑިއިރު ތެރޭ އިތިއޯޕިއާގައި 350 މިލިއަން ގަސް އިންދައިފި
 
މިއަހަރުގެ ވިއްސާރަ މޫސުން ނިމުމުގެ ކުރިން 4 ބިލިއަން ގަސް އިންދުމަށް ވަނީ އަމާޒު ހިފާފަ
 
މިއީ ދުނިޔޭގެ ރެކޯޑެއްކަމަށް ބެލެވޭ
 
ފުރަތަމަ ހަ ގަޑިއިރުގެ ތެރޭގައި އެކަނިވެސް 150 މިލިއަން ގަސް އިންދާފައިވޭ

ގައުމު ފެހިކުރުމުގެ ގޮތުން ހިންގި ހަރަކާތެއްގައި ބާރަ ގަޑިއިރު ތެރޭ އިތިއޯޕިއާގައި 350 މިލިއަން ގަސް އިންދައިފިއެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުގެ އިސްނެންގެވުމަކަށް ފެށި "ގްރީން ލެގަސީ" ކެމްޕެއިން ހަރަކާތް ހިންގާފައިވަނީ ހޯމަ ދުވަހުގައެވެ. މިހަރަކާތުގައި އިތިއޯޕިއާގެ އެކި ހިސާބުތަކުން މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާއިރު، ފުރަތަމަ ހަ ގަޑިއިރުގެ ތެރޭގައި ވެސް 150 މިލިއަން ގަސް އިންދާފައިވާ ބޮޑުވަޒީރު އަބީ ޓްވީޓް ކުރެއްވިއެވެ.

ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލެވިއްޖެކަން އިއުލާން ކުރައްވަމުން އަބީ ވިދާޅުވީ ކަނޑައެޅި އަމާޒު ހުރަސްކޮށް، އިތުރު ގިނަ އަދަދެއްގެ ގަސްތަކެއް އިންދާފައިވާ ކަމަށެވެ.

މި ހަރަކާތާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި އެގައުމުގެ މިނިސްޓަރ ފޯރ އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ގެޓަހުން މެކޫރިއާ ވިދާޅުވީ ޖުމްލަ 353،633،660 ގަސް އިންދާފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ ރެކޯޑެއްކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ބާރަ ގަޑިއިރު ތެރޭ އެންމެ ގިނަ ގަސް އިންދުމުގެ ރެކޯޑު އޮންނަނީ އިންޑިއާ އަތުގައެވެ. އެގައުމުން ވަނީ 12 ގަޑިއިރުގެ ތެރޭގައި 66 މިލިއަން ގަސް އިންދާފައެވެ.

އިތިއޯޕިއާއިން ވަނީ މިއަހަރުގެ ވިއްސާރަ މޫސުން ނިމުމުގެ ކުރިން ޖުމްލަ 4 ބިލިއަން ގަސް އިންދުމުގެ ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. އިތިއޯޕިއާއިން މިމަސައްކަތް ފަށާފައިވަނީ އެގައުމުން ފާއިތުވެ ދިޔަ ގަރުނުގެ ތެރޭގައި ގިނަ އަދަދެއްގެ ގަސް ކެނޑުމާއި ގުޅިގެން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ކަންކަމާއި ގުޅިގެންނެވެ. އެގައުމުގެ އާބާދީގެ 80 އިންސައްތައަކީ ދަނޑުވެރިކަމަށް ބަރޯސާވެގެން އުޅޭ ބަޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް