ކ. މާލެ
|
19 ޖުލައި 2019 | ހުކުރު 13:18
އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ)
އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ)
މުހައްމަދު ޝަރުހާން
އެންޓިކަރަޕްޝަން ކަމިޝަން
ތުހުމަތު ކުރެވޭ ޓްރާންސެކްޝަންތަކާއެކު ކުރީގެ މެމްބަރުންގެ މައްސަލަތައް އޭސީސީގައި
 
މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު ހުޅުމާލެއިން ބައްލަވައިގަތް ފްލެޓުގެ ޑައުންޕޭމަންޓަށް ދެއްކެވި ފައިސާގެ މައްސަލަ
 
ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު ނިހާން ހުޅުމާލެއިން ބައްލަވައިގެންފައިވާ އެޕާޓްމެންޓެއްގެ މައްސަލަ
 
ފުނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމާއި އަނބިކަނބަލުން ފްލެޓް ބައްލަވައިގަތް މައްސަލަ

ކުރީގެ މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ބައެއް މެމްބަރުންނަށް ތުހުމަތު ކުރެވޭ ކަރަޕްޝަންގެ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ރާއްޖެއެމްވީއަށް ވިދާޅުވީ ބޭންކް މެދުވެރިކޮށް ހިންގާފައިވާ، ތުހުމަތު ކުރެވޭ އާދަޔާ ޚިލާފު ޓްރާންސެކްޝަންތަކެއްގެ މައްސަލަތައް އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓް(އެފްއައިޔޫ) އިން އެކޮމިޝަނަށް ހުށައަޅާފައިވާ ކަމަށާއި ބަލަމުންދާ މައްސަލަތަކުގައި މަޖިލީހުގެ ކުރީގައި މެމްބަރުކަން ކުރައްވާފައިވާ މެމްބަރުން ހިމެނޭކަމަށެވެ.

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންް ޔުނިޓުން ސަސްޕިޝިއަސް ޓްރާންސެކްޝަންގެ ގޮތުގައި އޭސީސީގެ ސަމާލުކަމަށް ގެނެސްފައި ހުރި ބައެއް ރިޕޯޓުތަކާއި ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލަތައް. ތަހުގީގު ހިނގަމުންދާ ބޭފުޅުންނަށް ވާތީ ވަކި ބޭފުޅުންގެ ނަންތައް ނުދެންނެވި ކަމުގައި ވީނަމަވެސް މި ބޭފުޅުންގެ ތަހުގީގުތައް ކުރިއަށް އެބަދޭ.
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކުރީގެ މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އާދަޔާ ޚިލާފު މުއާމަލާތްތައް ބޭންކް މެދުވެރިކޮށް ހިންގައިގެން އޭސީސީއިން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ކުރީގެ ބައެއް މެމްބަރުން ވެސް ހިމެނެއެވެ. އެގޮތުން ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު ނިހާން ހުސައިން މަނިކު ހުޅުމާލެއިން ބައްލަވައިގެންފައިވާ އެޕާޓްމެންޓެއްގެ މައްސަލަ އޭސީސީއިން ދަނީ ބަލަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން ހުޅުމާލެއިން ބައްލަވައިގަތް ފްލެޓް ރެޖިސްޓްރީ ކުރައްވާފައިވަނީ ދަރިކަލުންގެ ނަމުގައެވެ. އެމައްސަލައިގައި ނިހާންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ފުނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އަނބިކަނބަލުން މާލޭގެ ރެހެންދި ފްލެޓުން އެއްފަހަރާ ނުވަ މިލިއަނަށް ރުފިޔާއަށް ބައްލަވައިގަތްދެ އެޕާޓްމެންޓުގެމައްސަލަ ވެސް އޭސީސީއިން ދަނީ ބަލަމުންނެވެ. އަބްދުއްރަހީމް ދެ ފްލެޓް ގަތް މައްސަލަ އޭސީސީއިން ބަލަމުން ގެންދާކަން މީގެ ކުރިން ވެސް ވަނީ ހާމަކޮށްފައެވެ. އަބްދުއްރަހީމް ގަތް ފްލެޓަށް އެއް ފަހަރާ ފައިސާ ދައްކާ ހަލާސް ކުރުމުން، ރެޖިސްޓްރީ ކަންތައްތައް ނިންމުމަށް އެ ފްލެޓްތަކުގެ ވެރިފަރާތް "ޑައިން މޯ ޕްރައިވެޓް ލިމިޓަޑަށް" އެފްޑަބްލިއު ކޮންސްޓްރަކްޝަން އިން ފޮނުވާފައިވާ ދެ ސިޓީ ސޯޝަލް މީޑިއާގައި މީގެ ކުރިން ވަނީ އާންމު ވެފައެވެ. އެކަމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވެފައިވަނީ ފްލެޓް ބައްލަވައިގެންފައިވާ ކަމަށާއި އަދި އެކަންތައްތައް ފޮރުވައިގެން އުޅެންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ފްލެޓް ބައްލަވައިގެންފައިވާނީ ރަނގަޅަށް ކަމަށް ވެސް އޭރު ވިދާޅުވި އެވެ.

މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ހުޅުމާލެއިން ބައްލަވައިގަތް ފްލެޓުގެ ޑައުންޕޭމަންޓަށްވާ ފައިސާގެ މުއާމަލާތެއްގެ ޓްރާންސެކްޝަން އޮންލައިންކޮށް ހަދާފައިވާތީ އެފައިސާއަކީ ކޮންގޮތަކަށް ހޯދި ފައިސާކަން ޔަގީން ނުވާތީ އެމައްސަލަ ވެސް އޭސީސީއިން ދަނީ ބަލަމުންނެވެ. މުއާޒު ރާއްޖެއެމްވީއަށް ވިދާޅުވެފައިވަނީ އޭނާ އޭސީސީއަށް ހާޒިރު ކުރެއްވި ކަމަށާއި ނަމަވެސް ހިނގަމުންދާ މައްސަލައަކަށް ވާތީ އެކަމުގައި އެއްޗެއް ވިދާޅުވާން ބޭނުންވެނުލައްވާ ކަމަށެވެ.

ނަމަވެސް އެކަމާއި ގުޅިގެންރާއްޖެއެމްވީއިން ޚަބަރު ޝާއިއު ކުރުމުންއޭނާގެ ރަސްމީ ޓްވިޓާގައި ވިދާޅުވެފައިވަނީ ބީއެމްއެލް މެދުވެރިކޮށް ހުޅުމާލެއިިން ބައްލަވައިގެންނެވި އެޕާޓްމަންޓް ގަތުމަށް ޑައުންޕޭމަންޓަށް ބޭނުންވި ފައިސާ ދައްކަވާފައި ވާނީ އޭނާގެ އެކައުންޓުގައި ހުރި ފައިސާއާއި އަމިއްލަފުޅު ޕެންޝަން ސްކީމުގައި ހުރި ފައިސާއިން ކަމަށެވެ.

ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތް އެމްއެޕީއާރުސީގެ ތެރެއިން ހިންގާފައިވާއިރު އެކަމުގައި ވެސް މަޖިލީހުގެ ކުރީގެ މެމްބަރުންގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގެ އިތުރުން މެމްބަރުންނާއި މެދު ތުހުމަތު ކުރެވޭ އެހެނިހެން މައްސަލަތައް ވެސް އެކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

މުއައްވިޒު ރާއްޖެއެމްވީއަށް ވިދާޅުވީ އެކޮމިޝަނަށް އެފްއައިޔޫއިން ހުށައަޅާފައިވާ ކުރީގެ މަޖިލިސް މެމްބަރުންގެ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ބަލަނީ މެމްބަރުންގެ އެކައުންޓްތަކަށް ވަދެފައިވާ ފައިސާތަކަކީ ކޮން ގޮތަކަށް ވަދެފައިވާ ފައިސާތޯއާއި އެ ފައިސާއިން ބައްލަވައިގެންފައިވާ އަގުބޮޑު މުދާތަކާއި ގުޅޭގޮތުން ފާހަގަ ވެފައިވާ ކަންތައްތައް ކަމަށެވެ. އަދި އެއީ އެފްއައިޔޫއިން އެކޮމިޝަނަށް މައްސަލަ ހުށައެޅުމުގައި ތުހުމަތު ކޮށްފައިވާ ކަންތައްތައް ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
3%
65%
0%
16%
10%
6%
ކޮމެންޓް