ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 09:37
ހަމޭސް ރޮޑްރިގޭޒް
ހަމޭސް ރޮޑްރިގޭޒް
ރޮއިޓަރސް
ހަމޭސް ރޮޑްރިގޭޒް
ހަމޭސް ހޯދުމުގެ ރޭހުގައި އެޓްލެޓިކޯވެސް ބައިވެރިވެއްޖެ
 
ހަމޭސް ހޯދުމަށް ނަޕޯލީންވެސް އަންނަނީ މަސައްކަތް ކުރަމުން

ރެއާލް މެޑްރިޑުގެ ކޮލަމްބިއާ ވިންގާ ހަމޭސް ރޮޑްރިގޭޒް ހޯދުމުގެ ރޭހުގައި އެޓްލެޓިކޯ މެޑްރިޑް ވެސް ބައިވެރިވެއްޖެއެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާއިން ބުނީ، ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހަމޭސް ހޯދުމަށް އެޓްލެޓިކޯއިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ހަމޭސް ހޯދުމަށް އެޓްލެޓިކޯގެ އިތުރުން ނަޕޯލީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކްލަބުން އަންނަނީ ހަމޭސްގެ ޓްރާންސްފާގެ ކަންކަމާ ގުޅޭގޮތުން ރެއާލްއާ މަޝްވަރާ ކުރަމުންނެވެ.

ރެއާލްއިން ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް ދޫކޮށްފައިވާ ހަމޭސް ވަނީ ބަޔާންއާއެކު ދެ އަހަރު ހޭދަކޮށްފައެވެ. ބަޔާންގައި ހަމޭސް ހޭދަކުރަންޖެހޭ މުއްދަތު ހަމަވެފައިވާއިރު، އޭނާ ކުރިޔަށް އޮތް ސީޒަނުގައި ރެއާލްއަށް އަލުން ބަދަލުވާނެއެވެ.

ރެއާލްއާއެކު ހަމޭސް ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖުލައި މަހެވެ. އަދި އޭނާ އެއްބަސްވުން ހަމަވުމުގެ ކުރިން ކްލަބް ބަދަލުކުރާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

މީގެ ކުރިން ޕޯޓޯ އަދި ބެންފީކާ އަށް ވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ލަލީގާ، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.

ބަޔާން އަށް ކުޅުނު 67 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައިވާ ހަމޭސް ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމާ އެކު ޖަރުމަން ބުންޑަސް ލީގާ ވެސް ކާމިޔާބު ކޮށްފައެވެ.

ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު 72 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައިވާ އުމުރުން 27 އަހަރުގެ ހަމޭސް ވަނީ އެޓީމާއެކު 2016 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގެ ތިންވަނަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
67%
0%
33%
0%
0%
ކޮމެންޓް