ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 17:38
ބްރެޒިލްއިން ކޮޕާ އެމެރިކާގެ ތަށި އުފުލާލަނީ
ބްރެޒިލްއިން ކޮޕާ އެމެރިކާގެ ތަށި އުފުލާލަނީ
ޓްވިޓަރ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ: އަމިއްލަ ދަނޑުގައި ޕެރޫ ބަލިކޮށް ބްރެޒިލް ޗެމްޕިއަންކަން ހޯދައިފި
 
ފައިނަލް މެޗު ބްރެޒިލްއިން ކާމިޔާބުކުރީ ޕެރޫއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުން

ކޮޕާ އެމެރިކާގައި އަމިއްލަ ދަނޑުގައި ޕެރޫ ބަލިކޮށް ބްރެޒިލްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ބްރެޒިލްއިން ކާމިޔާބުކުރީ ޕެރޫއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ވެސް އެޓީމުން ދިޔައީ ފުރުސަތު ހޯދަމުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބްރެޒިލްއިންނެވެ. މި ލަނޑު 15 މިނެޓުގައި ގްބްރިއަލް ޖީސަސްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ އެވަޓަންއެވެ. މި ލަނޑަށްފަހު ވެސް އެޓީމަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ނަމަވެސް ބްރެޒިލްއިން ރަނގަޅަށް ކުޅެމުން ދަނިކޮށް 45 ވަނަ މިނެޓުގައި ޕެރޫއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ގުއެރާރޯއެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ބްރެޒިލްއަށް އަނބުރައި ލީޑު ހޯދައިދިނީ އާތާގެ އެހީތެރިކަމާއެކު ގެބްރިއަލް ޖީސަސްއެވެ. މިއާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ޕެރޫގެ މައްޗަށް ބްރެޒިލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޕެރޫއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ހަމަލާތައް ވެސް އުފައްދާފައެވެ. ނަމަވެސް އެޓީމަށް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން މި ހާފްގައި އެންމެ އެދެވޭ ގޮތެއްގައި ނުހިފެއެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ބްރެޒިލްގެ ގެބްރިއަލް ޖީސަސްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ބާކީ ބައި ބްރެޒިލްއިން ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.

މެޗުގެ އިތުރުވަގުތުގައި ބްރެޒިލްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ރިޗާޑްސަންއެވެ.

މިއީ ބްރެޒިއިން މުބާރާތް ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ. އަދި މިއީ 12 އަހަރަށް ފަހު އެޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އެޓީމު އެންމެ ފަހުން މުބާރާތުގެ ތަށި ހޯދީ 2007 ވަނަ އަހަރު ވެނެޒުއޭލާގައި ބޭއްވި މުބާރާތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި