ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 05:55
މިނިސްޓަރ މަހްލޫފް (ކ) އަދި މިނިސްޓަރ ޝާހިދު (ވ)
މިނިސްޓަރ މަހްލޫފް (ކ) އަދި މިނިސްޓަރ ޝާހިދު (ވ)
އައިއޯއައިޖީ 2023
އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯދުމަށް ގައުމުތަކަށް ފުރައިފި
 
ދަތުރުފުޅުގައި ބައިވެރިވަނީ މިނިސްޓަރ ޝާހިދު އަދި މިނިސްޓަރ މަހްލޫފް

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ކުރާ ބިޑަށް ތާއީދު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބުން ބޭރުގެ ބައެއް ގައުމުތަކަށް ފުރާވަޑައިގެންފިއެވެ.

ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި ފުރާވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްއެވެ.

ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، މިފަދަ މުބާރާތެއް ރާއްޖޭގައި ބާއްވަން މި ސަރުކާރުން އިސްކަން ދީގެން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ، މި ފުރުސަތު ރާއްޖެއަށް ލިބިއްޖެނަމަ، ރާއްޖޭގެ ޒުވާނުންނަށް އޭގެ ފައިދާ ޒަމާންތަކަކަށް ލިބިގެންދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން ކުރިޔަށް ގެންދާ މި މަސައްކަތް ކާމިޔާބުވާނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގުވާމީ މުބާރާތަކީ އައިއޯއައިޖީކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގައި މި މުބާރާތް ބާއްވަން ފޮރިން މިނިސްޓްރީން ވެދެވެން އޮތް ހުރިހާ އެހީއެއް ވެދޭނެ ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ، އައިއޯއައިޖީގެ ބިޑު ކާމިޔާބު ކުރުމަށް ރާއްޖެއިން މިކުރާ މަސައްކަތަކީ އެހެން ގައުމަކުން މީގެކުރިން ކުރި މަސައްކަތެއް ނޫން ކަމަށާއި، މީގެއިންވެސް ދޭހަވަނީ މިކަމަށް ސަރުކާރުން ދޭ އަހަމިއްޔަތުކަން ކަމަށެވެ.

ބިޑު ކާމިޔާބުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް މިނިސްޓަރ މަހްލޫފްވެސް ވަނީ ވިދާޅުވެފައެވެ. މިކަމުގައި މުޅި ސަރުކާރު ގުޅިގެން ކުރާ މަސައްކަތަށް މަހްލޫފް ވަނީ ޝުކުރު އަދާކޮށްފައެވެ.

ދަތުރުފުޅުގައި މިނިސްޓަރ މަހްލޫފް އަދި މިނިސްޓަރ ޝާހިދު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިއަހަރުގެ ގޭމްސް އޮންނަ މޮރިޝަސް އާއި ސީޝެލްސްގެ އިތުރުން ކޮމޮރޯސް އަށެވެ.

ޔޫތު މިނިސްޓްރީން ބުނީ، މި ދަތުރުފުޅުގައި ސީޝަލްސްގެ ރައީސްގެ އިތުރުން ކޮމޮރޯސް އަދި މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ ރާއްޖޭގެ ބިޑަށް ތާއީދު ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އަދި ސްޕޯޓްސް މިނިސްޓަރުންނާއި ވެސް މިދެ ބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

އައިއޯއައިޖީގެ ކައުންސިލްގެ މެމްބަރުން ދާދިފަހުން ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާ ދިވެހި ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާ ބައްދަލުކޮށް ރާއްޖޭގައި ހުރި ކުޅިވަރު ވަސީލަތްތައް ބައްލަވާލައްވާފައެވެ.

ރާއްޖެއަށް ބިޑު ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ކައުންސިލް މެމްބަރުން ވެސް ވަނީ ވިދާޅުވެފައެވެ.

0%
0%
0%
100%
0%
0%
ކޮމެންޓް