ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 14:30
ޖިއަންލުއީ ބުފޮން
ޖިއަންލުއީ ބުފޮން
ގެޓީ އިމޭޖަސް
ޖިއަންލުއީ ބުފޮން
ޕީއެސްޖީ ދޫކޮށް ބުފޮން އެނބުރި ޔުވެންޓަސްއަށް
 
ބުފޮން ވަނީ ޔުވެންޓަސްއާއެކު މެޑިކަލް ފުރިހަމަކޮށްފައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް ޖިއަންލުއީ ބުފޮން އެނބުރި ޔުވެންޓަސްއަށް ބަދަލުވެއްޖެއެވެ.

އުމުރުން 41 އަހަރުގެ ބުފޮން ޔުވެންޓަސްއަށް ބަދަލުވިކަން އެ ކްލަބުންވެސް ކަށަވަރުކޮށްދީފައިވާއިރު، އޭނާ ވަނީ ބުރާސްފަތި ދުވަހު އެ ކްލަބާއެކު މެޑިކަލް ފުރިހަމަކޮށްފައެވެ.

ބުފޮން ޔުވެންޓަސްއަށް އެނބުރި ބަދަލުވީ އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އައި ދަނޑިވަޅެއްގައެވެ. އޭނާ ހޯދުމަށް އޭޝިއާގެ ކްލަބްތަކުންވެސް މަސައްކަތް ކުރިއެވެ.

ޕީއެސްޖީއާއެކު ބުފޮން ހެދި އެއްބަސްވުން ހަމަވުމުން، ގިނަ ބަޔަކު ހީކުރަމުންދިޔައީ އޭނާ ކުޅުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް ކައިރި މުސްތަގުބަލެއްގައި ކުޅުން ހުއްޓާނުލާނެ ކަމަށް ބުފޮން ވަނީ ދާދި ފަހުންވެސް ބުނެފައެވެ.

އެގޮތުން ބުފޮން ބުނީ އުމުރުން 32 އަހަރުގައި ބޭނުންވީ 35 އަހަރުގައި ކުޅުން ހުއްޓާލަން ކަމަށާއި، 38 އަހަރުގައި ބޭނުންވީ 40 އަހަރުގައި ހުއްޓާލަން ކަމަށެވެ. ނަމަވެސް އޭނާ ބުނީ އެކަން އެގޮތަށް ނުހިނގި ކަމަށެވެ.

ޕާރމާ އިން 1995 ވަނަ އަހަރު ކެރިޔަރު ފެށި ބުފޮން ޔުވަންޓަސް ބަދަލުވީ 2001 ވަނަ އަހަރު ރެކޯޑު އަގަކަށެވެ. އޭނާ އެ ކްލަބުގައި 17 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ސީޒަނުގައި ބަދަލުވީ ޕީއެސްޖީއަށެވެ.

އެގޮތުން ބުފޮން ވަނީ ޕީއެސްޖީއަށް 25 މެޗު ކުޅެ، އެޓީމާއެކު ލީގު ޗެމްޕިއަންކަން އަދި ފްރެންޗް ސުޕާކަޕް ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސްއާ އެކު ނުވަ ފަހަރު ލީގު ކާމިޔާބު ކޮށްފައިވާ ބުފޮން ވަނީ ގައުމީ ޓީމާ އެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. ގައުމީ ޓީމުން ބުފޮން ރިޓަޔާވެފައިވާއިރު، އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް 176 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
78%
0%
0%
22%
0%
ކޮމެންޓް