ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 12:55
ވޮލީ ޓީމާއެކު ރައީސް ސޯލިހު
ވޮލީ ޓީމާއެކު ރައީސް ސޯލިހު
ރައީސް އޮފީސް
ވޮލީ ޓީމާ ރައީސް ސޯލިހު ބައްދަލުކުރެއްވުން
ރައީސް ސޯލިހުއާ ބައްދަލުކުރުމަށްފަހު ވޮލީ ޓީމު ތަމްރީން ހެދުމަށް ޔޫރަޕަށް
 
ތަމްރީން ދަތުރަށް ވޮލީ ޓީމު ފުރީ ސާބިއާއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރުމަށްފަހު ގައުމީ ފިރިހެން ވޮލީ ޓީމު ތަމްރީން ހެދުމަށް ޔޫރަޕްގެ ގައުމެއް ކަމަށްވާ ސާބިއާއަށް ފުރައިފިއެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ވޮލީ ޓީމު ސާބިއާއަށް ފުރުމުގެ ކުރިން ރައީސް ސޯލިހުއާ ބައްދަލުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ މުލިއާގޭގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއީ ޔޫރަޕްގެ ގައުމަކަށް އިތުރު ތަމްރީނުތަކަށް ގައުމީ ވޮލީ ޓީމަށް ދަތުރުކުރަން ލިބުނު ފުރަމަތަ މިފަދަ ފުރުސަތު ކަމަށެވެ. އަދި ސާބިއާއަކީ ކުޅިވަރުގައި ކާމިޔާބީތަކެއް ހޯދައިފައިވާ ގައުމެއްކަން ފާހަނގަކުރައްވައި ރައީސް ސޯލިހު ވަނީ، މި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ކުޅުންތެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އުންމީދަކީ މި ތަމްރީނުތަކުގެ އަލީގައި އައިއޯއައިޖީގައި ދިވެހި ޤައުމީ ވޮލީ ޓީމު މެޑައްޔެއް ހާޞިލްކުރުންކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޤައުމީ ވޮލީ ޓީމުގެ ފަރާތުން ޓީމުގެ ކޯޗު ބުނީ، ސާބިއާއަކީ ދުނިޔޭގެ ރޭންކުން ވޮލީ އިން 10 ވަނައިގައި އޮތް ގައުމު ކަމަށާއި، މި ތަމްރީނުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، އައިއޯއައިޖީގައި ގައުމީ ވޮލީ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގެ ޔަގީންކަން ރައީސް ސޯލިހުއަށް ދެއްވާ ކަމަށް ބުނެފައެވެ.

ގައުމީ ވޮލީ ޓީމު ސާބިއާއަށް ފުރާފައިވާއިރު، ޓީމު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގައި ތަމްރީން ފުރިހަމަކުރާނެއެވެ. އަދި މި ތަމްރީން ދަތުރުގައި ކުވައިތު އަދި ސާބިއާގެ ޓީމުތަކާއެކު ރާއްޖޭގެ ގައުމީ ޓީމުން މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ސާބިއާއަށް ވޮލީ ޓީމު ކުރާ ތަމްރީން ދަތުރަކީ ސާބިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖެހުނު ދަތުރެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް