ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 19:12
ވެންހާލް (ކ) އަދި ރޫނީ (ވ)
ވެންހާލް (ކ) އަދި ރޫނީ (ވ)
ގެޓީ އިމޭޖަސް
ރޫނީ - ވެން ހާލް
މިހާތަނަށް އިރުޝާދު ދިން އެންމެ މޮޅު ކޯޗަކީ ވެންހާލް: ރޫނީ
 
ވެން ހާލްގެ ފަރާތުން ގިނަ ކަން ކަން ދަސްވި

މިހާތަނަށް އިރުޝާދު ދިން އެންމެ މޮޅު ކޯޗަކީ މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު ލުއީ ވެންހާލް ކަމަށް ޑީސީ ޔުނައިޓެޑަށް ކުޅެމުން އަންނަ ވޭން ރޫނީ ބުނެފިއެވެ.

ދަ ޓެލެގްރާފްއަށް ދިން އިންޓަވިއުއެއްގައި ރޫނީ ބުނީ، މިހާތަނަށް އޭނާއަށް އިރުޝާދު ދިން އެންމެ މޮޅު ކޯޗަކީ ވެންހާލް ކަމަށާއި، އެއީ 100 އިންސައްތަ ޔަގީން ކަމެއް ކަމަށެވެ.

އުމުރުން 33 އަހަރުގެ ރޫނީ ބުނީ، ވެންހާލް ގައިގައި ހުރި ސިފަތަކަކީ ކޯޗެއްގެ ފަރާތުން ކުރިން ނުފެންނަ ސިފަތަކެއް ކަމަށާއި، އޭނާއަކީ ވަރަށް ހުނަރުވެރި އަދި ގަޔާވާ ކޯޗެއް ކަމަށެވެ.

އެގޮތުން ރޫނީ ބުނީ، ވެންހާލްގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވި ކަމަށާއި، ދަސްވި ކަންކަން ކޯޗަކަށްވީ ދުވަހަކުން ބޭނުންކުރާނެ ކަމަށެވެ.

ޔުނައިޓެޑުގެ ކޯޗުކަން 2014 ވަނަ އަހަރުން ފެށިގެން 2016 ގެ ނިޔަލަށް ވެންހާލް އަދާކޮށްފައިވާއިރު، އެ މުއްދަތުގައި ރޫނީ ވަނީ ޔުނައިޓެޑަށް ކުޅެފައެވެ. އަދި އޭނާ ވަނީ ކްލަބުގެ ކެޕްޓަންކަންވެސް ކޮށްފައެވެ.

ޔުނައިޓެޑުގައި ވެންހާލް ހޭދަކުރި މުއްދަތުގައި އެޓީމަށް ލިބުނު ހަމައެކަނި ތައްޓަކީ 2015 ވަނަ އަހަރުގެ ސީޒަނުގެ އެފްއޭ ކަޕެވެ. އޭގެ އިތުރުން އެ ކްލަބަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

ޔުނައިޓެޑު ދޫކޮށްލުމަށްފަހު ރޫނީ އެވަޓަންއަށްވެސް ވަނީ ކުޅެފައެވެ. އަދި އޭނާ މިހާރު ކުޅެމުން އަންނަނީ ޑީސީ ޔުނައިޓެޑަށެވެ. ނަމަވެސް ޔުނައިޓެޑު ދޫކޮށްލި ފަހުން ވެންހާލް އެއްވެސް ކްލަބަކަށް ކޯޗުކޮށްދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް