ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 09:40
މޮރޮކޯ
މޮރޮކޯ
ބީބީސީ
ކަޕް އޮފް ނޭޝަންސް
ކަޕް އޮފް ނޭޝަންސް: އައިވަރީ ކޯސްޓް ބަލިކޮށް މޮރޮކޯއިން މުބާރާތުގެ ދެވަނަ ބުރަށް
 
މި މެޗު މޮރޮކޯއިން ކާމިޔާބު ކުރީ 1-0

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި އައިވަރީ ކޯސްޓް ބަލިކޮށް މޮރޮކޯއިން ދެވަނަބުރުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ގުރޫޕް "ޑީ"ގައި އައިވަރީ ކޯސްޓް އަދި މޮރޮކޯ ބައްދަލު ކުރި މެޗު މޮރޮކޯއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މޮރޮކޯއިން ދިޔައީ އައިވަރީ ކޯސްޓްގެ ހާފަށް ބާރު ބޮޑު ކުރަމުންނެވެ. އެގޮތުން މޮރޮކޯގެ ހަކިމް ފޮނުވާލި ބާރު ހަމަލާތައް ވަނީ ކީޕަރު ދިފާއު ކޮށްފައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި މޮރޮކޯއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގައިދީފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޫސުފް އެން ނަސޭރީއެވެ.

ފުރަތަމަ ހާފެކޭ އެއް ގޮތަށް މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި އައިވަރީ ކޯސްޓުން ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ވަނީ ބޭނުން ނުހިފިފައެވެ.

މި ނަތީޖާއާއެކު މޮރޮކޯއިން އޮތީ ހަ ޕޮއިންޓާ އެކު، ގުރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އައިވަރީ ކޯސްޓާއި ތިންވަނައިގައި އޮތް ސައުތް އެފްރިކާ އޮތީ ތިން ޕޮއިންޓާއި އެކު އެވެ. އަދި ގުރޫޕުގެ ފުލުގައި ނެމީބިޔާ އޮތީ ކުޅުނު 2 މެޗުން ބަލިވެގެންނެވެ.

މުބާރާތުގައި 24 ޓީމެއް ހަ ގްރޫޕަކަށް ބަހާލާފައިވާއިރު، އޭގެ ތެރެއިން ގަދަ 16 އަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އަދި ހަ ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޓީމަށް ވެސް ގަދަ 16 އިން ޖާގަ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް