ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 09:42
މިސްރު އަދި ކޮންގޯ ބައްދަލުކުރި މެޗުގެ ތެރެއިން
މިސްރު އަދި ކޮންގޯ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ކަޕް އޮފް ނޭޝަންސް
ކަޕް އޮފް ނޭޝަންސް: ކޮންގޯ ބަލިކޮށް މިސްރު ގަދަ 16 އަށް
 
ކޮންގޯގެ މައްޗަށް މިސްރު ކުރިހޯދީ 0-2 ގެ ނަތީޖާއަކުން

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ކޮންގޯ ބަލިކޮށް މިސްރު ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ގްރޫޕް އޭގައި ކުޅުނު މެޗު ކޮންގޯއާ ވާދަކޮށް މިސްރުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މިސްރުގެ ކައިރޯ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅެމުންދިޔައީ މިސްރުންނެވެ. އެގޮތުން އެޓީމުން ދިޔައީ ކޮންގޯގެ ގޯލަށް ފުލުފުލުގައި ނުރައްކާ ކުރަމުންނެވެ.

މިސްރުން މެޗުގެ ލީޑު ނެގީ 28 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އެލް މުހައްމަދީއެވެ. މި ލަނޑަށްފަހު ވެސް މިސްރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މިސްރުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޓްރެޒުގޭޓްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހުއެވެ.

ދެވަނަ ހާފް ފެށިގެން ވެސް މިސްރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިއިރު، ލަނޑު ޖެހުމަށް ވެސް ގިނަ ފުރުސަތުތައް އެޓީމަށް ވަނީ ލިބިފައެވެ. ނަމަވެސް ލިބުނު ފުރުސަތުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ނުހިފެއެވެ.

މި ހާފްގައި ކޮންގޯގެ ފަރާތުން ވެސް ހަމަލާތަކެއް ފެނިގެންދިޔައިރު، އެޓީމަށް ވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، މިސްރުން ވަނީ ހަ ޕޮއިންޓާއެކު ގަދަ 16 އިން ޖާގަ ކަށަވަރު ކޮށްފައެވެ. މެޗުން ބަލިވި ކޮންގޯ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތްއިރު، ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ޔުގާންޑާއެވެ. އަދި ތިންވަނައިގައި އޮތީ ޒިމްބާބްވޭއެވެ.

މުބާރާތުގައި 24 ޓީމެއް ހަ ގްރޫޕަކަށް ބަހާލާފައިވާއިރު، އޭގެ ތެރެއިން ގަދަ 16 އަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އަދި ހަ ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޓީމަށް ވެސް ގަދަ 16 އިން ޖާގަ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް