ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 15:19
މިނިސްޓަރ އަހުމަދު މަހްލޫފް (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު
މިނިސްޓަރ އަހުމަދު މަހްލޫފް (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު
އެފްއޭއެމް
ޔުއެފާ މުބާރާތް އައްޑޫގައި
ޔުއެފާ މުބާރާތް އައްޑޫގައި ބާއްވަން ނިންމައިފި
 
މުބާރާތަށް އައްޑޫ ސްޓޭޑިއަމްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ
 
މުބާރާތް ބާއްވަނީ ހިތަދޫ ސްޓޭޑިއަމްގައި
 
މުބާރާތުގައި ލެޓްވިއާ، ބޫޓާން އަދި ސައުދި އަރަބިޔާ ވާދަކުރޭ

ޔުއެފާގެ އެހީގައި ރާއްޖޭގައި ބާއްވާ 15 އަހަރުން ދަށުގެ މުބާރާތް އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުބާރާތް އައްޑޫގައި ބާއްވާކަން އިއުލާންކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، އައްޑޫގައި މުބާރާތް ބާއްވަން ނިންމާފައިވާ ކަމަށާއި، މިކަމާ ގުޅިގެން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިޔަށްދާ ކަމަށެވެ.

މީގެއިތުރުން ބައްސާމް ވަނީ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ޔޫތު މިނިސްޓްރީން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި މުބާރާތް ރާއްޖެއަށް ގެނައުމަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އިހުސާން އަބްދުލްގަނީ ކުރެއްވި މަސައްކަތަށްވެސް ބައްސާމް ވަނީ ޝުކުރުއަދާކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާލުވީ، މާލެއިން ބޭރުގައި މުބާރާތް ބޭއްވުމަށް މަޝްވަރާކުރެވުނީ ޖުލައި 26 ދުވަހާ ދިމާވާތީ ކަމަށާއި، އަދި އައްޑޫގައި މުބާރާތް ބާއްވަން ނިންމީ މިވަގުތު އެނޫންތަނެއް ނެތުމުން ކަމަށެވެ.

އެގޮތުން މަހްލޫފް ވިދާޅުވީ، މުބާރާތް އައްޑޫގައި ބޭއްވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެފްއޭއެމްއާ ގުޅިގެން ޔޫތު މިނިސްޓްރީ ކުރަމުން އަންނަ ކަމަށާއި، ބޮޑެތި މަރާމާތުތަކެއްވެސް ކުރަންޖެހޭ ކަމަށެވެ.

މި މުބާރާތް ބޭއްވުމަށް އައްޑޫ ސްޓޭޑިއަމަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ، ލައިޓިން ރަނގަޅުކުރުމާއި، އެކޮމޮޑޭޝަން ފުޅާކުރުމުގެ އިތުރުން ދަތުރުފަތުރުކުރުމަށް ވެސް ފަސޭހަގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ.

މި މަހުގެ 20 އިން 29 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގެ އިތުރުން ވާދަކުރާނީ ބޫޓާން، ލެޓްވިއާ އަދި ސައުދި އަރަބިއްޔާގެ 15 އަހަރުން ދަށުގެ ޓީމެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ މެޗުތަކެއް އައްޑޫގައި ވަނީ ކުޅެއިވާއިރު، މިއީ މިފަދަ ބޮޑު މުބާރާތެއް އައްޑޫގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
86%
0%
14%
0%
0%
ކޮމެންޓް