ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 15:17
ސައުދީ ރަސްގެފާނު މެލޭޝިއާގައި: މި ދަތުރުފުޅުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވޭ – ފޮޓޯ: ދަ ސްޓާ
ސައުދީ ރަސްގެފާނު މެލޭޝިއާގައި: މި ދަތުރުފުޅުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވޭ – ފޮޓޯ: ދަ ސްޓާ
ގޫގުލް
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
 
މި ދަތުރުފުޅުގައި އިންޑޮނީޝިއާ، ބުރުނާއީ، ޖަޕާން، ޗައިނާ އަދި ރާއްޖެއަށްވެސް ވަޑައިގަންނަވާނެ

އޭޝިއާގެ ބައެއް ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ސައުދީ ރަސްގެފާނު، ސަލްމާން ޢަބްދުލްއަޒީޒް އަލް ސައުދު އާދީއްތަ ދުވަހު މެލޭޝިއާއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ވަޑައިގެންނެވުމުން، މެލޭޝިއާގެ ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއާޕޯޓްގެ ބުންގާ ރާޔަ ކޮމްޕްލެކްސްއިން ސައުދީ ރަސްގެފާނާއި، ސައުދީގެ 600 އިސް އޮފިޝަލުންގެ ވަފުދަށް މަރުޙަބާ ދަންނަވާފައިވަނީ، މެލޭޝިއާގެ ބޮޑުވަޒީރު، ނަޖީބް ތުން ރައްޒާޤާއި، އެ ޤައުމުގެ ޑިފެންސް މިނިސްޓަރ ދަތުކް ސެރީ ހިޝާމުއްދީން ތުން ހުސެއިނެވެ.

މެލޭޝިއާގެ ރަސްގެފާނު، ސުލްތާން މުޙައްމަދު 5 ގެ ދަޢުވަތުފުޅަކަށް ކުރައްވާ މި ދަތުރުފުޅުގައި ސައުދީ ރަސްގެފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އާދީއްތަ ދުވަހު، ކުއަލަލަންޕޫރުގެ ޕާލިމެންޓް ސްކޮއާގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މި ރަސްމިއްޔާތަށްފަހު، ދެ ޤައުމުގެ ރަސްގެފާނުން ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅުގައި މެލޭޝިއާ އާއިއެކު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ހަމަޖެހިފައިވާއިރު، ޚާއްސަކޮށް، ވިޔަފާރީގެ ދާއިރާއިން މުހިއްމު އެއްބަސްވުންތަކެއް ވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި ދަތުރުފުޅުގައި ސައުދީގެ ތެޔޮ ކުންފުނި، އަރަމްކޯގެ 5 އިންސައްތަ ހިއްސާ އޭޝިއާގެ ވިޔަފާރިވެރިންނަށް ވިއްކުމަށް ނިންމާފައިވާއިރު، އަރަމްކޯ އާއި މެލޭޝިއާގެ ތެޔޮ ކުންފުނި، ޕެޓްރޯނަސް އާއި ދެމެދު މުހިއްމު އެއްބަސްވުންތަކެއް ވުމަށްވެސް ވަނީ ނިންމާފައެވެ.

ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅުގައި ދެން ވަޑައިގަންންވަން ހަމަޖެހިފައިވާ ޤައުމުތަކުގެ ތެރެއިން ޗައިނާ އާއި އެކު، 15 ދާއިރާއަކުން ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގުމާއި ގުޅޭ އެއްބަސްވުންތަކެއް ވުމަށް ހަމަޖެހިފައިވާއިރު، ޖާޕާނުގެ ސޮފްޓްބޭންކް ގްރޫޕަށް ސައުދީއިން 45 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އިންޑޮނީޝިއާގައި ސައުދީން 25 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ބެލެވޭއިރު، ބުރުނާއީއަށް ވަޑައިގަތުމަށްފަހު، ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެއަށް ކުރައްވާ 2 ހަފްތާގެ ޗުއްޓީ ދަތުރުފުޅަކުންނެވެ.

ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ޗުއްޓީ ދަތުރުފުޅެއް ނަމަވެސް، މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި މުހިއްމު އެއްބަސްވުންތަކެއް ވާނެ ކަމަށް ބެލެވެއެވެ. އަދި ހަމަ މިއާއިއެކު ފ އަތޮޅު ގަތުމަށް ސައުދީ ޝަހީ އާއިލާއިން ކުރިން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާއިރު، ފ އަތޮޅާއި ގުޅޭ އެއްބަސްވުންތަކެއްވެސް މި ދަތުރުގެ ތެރެއިން ރާއްޖެ އާއި ސައުދީ އާއި ދެމެދު ވާނެ ކަމުގެ އިޝާރާތްތަކެއް ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ ކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް