ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 04:42
ޖާނުން ފިދާވެގެން މިއަދު ހަމަލަތަކެއް ދިން ހިމްސް – ފޮޓޯ: އަލް ޖަޒީރާ
ޖާނުން ފިދާވެގެން މިއަދު ހަމަލަތަކެއް ދިން ހިމްސް – ފޮޓޯ: އަލް ޖަޒީރާ
ގޫގުލް
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔ
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
 
މިއީ ސުލްޙައިގެ ވާހަކަތަކަށް ހުރަސް އެޅުމަށް ސަރުކާރުން ދިން ހަމަލާއެއް – އިދިކޮޅު ފަރާތްތައް

ޖާނުންފިދާވެގެން ސީރިއާގެ ހިމްސްގެ އަސްކަރީ އޮފީސްތަކަކަށް ދިން ހަމަލާތަކެއްގައި، އެޤައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ، ޖެނެރަލް ހަސަން ދާބުލް އަވަހާރަކޮށްލައިފިއެވެ.

މިއަދު ދިން މި ހަމަލާތަކުގައި، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ ޖެނެރަލް ދާބުލް އަވަހާރަވެފައިވާކަން ސީރިއާގެ ދައުލަތުގެ ޓީވީއިން ކަށަވަރުކޮށްދީފައިވާއިރު، މި ހަމަލާތަކުގައި ސީރިއާގެ ސެކިއުރިޓީ ބްރާންޗްގެ އިސްވެރިޔާ، ބްރިގޭޑިއަރ އިބްރަހީމް ދާވިޝްއަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފައެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދުގެ ހަމަލާތަކުގައި ޖެނެރަލް ދާބުލް އަވަހާރަކޮށްލަފައިވަނީ ސީދާ އޭނާގެ އޮފީހަށް ވަދެ، ހަނގުރާމަވެރިއަކު ދިން ހަމަލާއެއްގައެވެ.

ސީރިއާގައި މިއަދު ވަރުގަދަ ހަމަލާތަކެއް ދީފައި މިވަނީ ސީރިއާގެ 6 އަހަރުވީ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް އދ މެދުވެރިވެގެން ޖެނީވާގައި މަޝްވަރާތައް ފަށައި، އަލިމަގެއް ފެނިދާނެ ކަމުގެ އުއްމީދު އާވެފައިވަނިކޮށެވެ.

ހަމަލާތަކަށްފަހު، މީޑިއާގައި ވާހަކަ ދައްކަވަމުން، ޖެނީވާގައި ކުރިއަށްދާ ސުލްޙައިގެ ވާހަކަތަކުގައި ސީރިއާ ސަރުކާރާއި އިދިކޮޅު، ފްރީ ސީރިއަން އާމީގެ ދެކުނު ގޮފީގެ ތަރުޖަމާނު، އިއްސާމް އަލް ރީސް ވިދާޅުވީ މިއީ ސުލްޙައިގެ ވާހަކަތަކަށް ހުރަސްއަޅައި، އެ ވާހަކަތައް ނާކާމިޔާބު ކުރުމަށް ރައީސް ބައްޝާރުގެ ސަރުކާރުން ކުރި ކަމެއް ކަމަށެވެ.

މީގެ ކުރިން ސުލްޙައިގެ ވާހަކަތައް ކުރިއަށްގެންދަނިކޮށް، ސަރުކާރުގެ ބާރުގެ ދަށުގައި އޮތް، ސައްޔިދާ ޒައިނަބް ކިޔާ  ހިސާބަކަށް ދިން ހަމަލާއަށް އިޝާރާތްކުރައްވާ އިއްސާމް ވިދާޅުވީ، މި ހަމަލާތައް ދީފައިވާ ސަރަޙައްދަކީ ހިމްސްގެ ގްރީން ޒޯންގައި ހިމެނޭ އަސްކަރީ ސަރަޙައްދަކަށް ވުމުން މި ހަމަލާތަކަކީ އިދިކޮޅު ފަރާތްތަކުން ދިން ހަމަލާތަކެއް ކަމެއް ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި މިއީ ރަޝިއާގެ ފަރާތުން ހަމަލާތައް ހުއްޓާލާފައި ބޭއްވުމަށް ރައީސް ބައްޝާރުގެ ސަރުކާރަށް އަޅަމުން ދާ ބާރުގެ ސަބަބުން ހުއްޓިފައިވާ ހަމަލާތައް އަލުން ފެށުމަށް ސަރުކާރަށް އުޒުރެއް ހޯދުމަށް ކުރި ކަމެއް ކަމަށްވެސް އިއްސާމް ވަނީ ތުޙުމަތު ކުރައްވާފައެވެ.

މި ހަމަލާތަކާއި ގުޅިގެން، ހިމްސްގެ ގަވަރުނަރު ޠަލާލް ބަރްޒާނީ ވިދާޅުވީ، މިއަދު ދިން ޖުމްލަ ތިން ހަމަލާއެއް 32 މީހުން މަރުވެ، 20 މީހުން ޒަޚަމް ވެފައިވާ ކަމަށެވެ.

މިއަދުގެ ހަމަލާތަކުގެ ފަހަތުގައި، އިދިކޮޅު ހަނގުރާމަވެރި ގިނަ ޖަމާއަތްތަކެއް ގުޅިގެން މި އަހަރުގެ ކުރީކޮޅު އުފެއްދި ތަޙްރީރް އަލް ޝާމް ޖަމާޢަތުގެ އަތެއް އޮތްކަމަށް، ކަށަވަރު ނުކުރެވޭ ތުޙުމަތުތަކެއް ކުރެވޭއިރު، މި ހަމަލާތަކާއި އެކު ޖެނީވާގައި ކުރިއަށްދާ ސުލްޙައިގެ ވާހަކަތަކަށް ބޮޑު ބުރޫތަކެއް އަރާނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް