ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 13:36
ދެ ފިރިހެނެއްގެ ހެކިބަހުން ޤަޒުފް ސާބިތުވޭ
ދެ ފިރިހެނެއްގެ ހެކިބަހުން ޤަޒުފް ސާބިތުވޭ
އަޝްވާ ފަހީމް
ޙައްދު ޤާއިމް ކުރުން
‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
 
ރާބުއި މީހާގެ މައްޗަށް ޙައްދު ވާޖިބު ވަނީ އެކަން ކުރި މީހާ އެކަމަށް އިޢުތިރާފް ވި ނަމައެވެ.
 
قذف އަކީ: މީހެއްގެ ބޮލުގައި ސާފު ބަހުން ޒިނޭގެ ތުހުމަތު އެޅުވުމެވެ.

04 ފެބްރުއަރީ 2019 ގެ ލިޔުމާ ގުޅޭ

ށ. ޤަޛްފު ކުރުމުގެ ކުށް:

ޤަޛްފަކީ ކޮބާ؟

قذف އަކީ: މީހެއްގެ ބޮލުގައި ސާފު ބަހުން ޒިނޭގެ ތުހުމަތު އެޅުވުމެވެ. ނުވަތަ ޒިނޭގެ ތުހުމަތު ކުރުމެވެ. ނުވަތަ އޭނާގެ ބައްޕަ ނޫން އެހެން މީހަކަށް ނިސްބަތް ކުރުމެވެ. އިސްލާމް ދީނުގައި ޤަޛްފް މަނާ ކުރައްވައިފައި ވަނީ އަބުރާއި ޝަރަފު ރައްކާތެރިކޮށް ޙިމާޔަތް ކުރެއްވުމަށްޓަކަ އެވެ. ކީރިތި ޤުރުއާނުގެ ނޫރުސޫރަތުގެ 4 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ: وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَـٰئِكَ هُمُ الْفَاسِقُونَ މާނައީ: "عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކު ވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ."

ޤަޛްފު ސާބިތުވުން:

ޤަޛްފު ސާބިތު ވާނީ 2 ފިރުހެނުންގެ ހެކިބަހުން ނުވަތަ ޤާޛިފް (ޤަޛްފުކުރި މީހާ) އެކަމަށް އިޢްތިރާފް ވުމުންނެވެ. ޤާޛިފްގެ މައްޗަށް ޙައްދު ޤާއިމް ކުރެވިއްޖެ ނަމަ އޭނާގެ ހެކިބަސް އޭގެ ފަހުން ޤަބޫލެއް ނުކުރެވޭނެއެވެ. މި ހެކިބަސް ދެން ޤަބޫލު ކުރެވޭނީ ތަވްބާ ވުމުންނެވެ.

ނ. މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް.

ރާ ބުއިމާއި މަސްތުވާ ތަކެތީގެ ބޭނުންކުރުން الله تعالى ޙަރާމް ކުރައްވާފައި ވަނީ ބުއްދި އާއި ފުރާނަ އާއި އަބުރާއި މުދާ ރައްކާތެރި ކުރެއްވުމަށްޓަކަ އެވެ. الله تعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ (المائدة: ٩٠) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާ އާއި، ޖުވާކުޅުމާއި، އަޅުކަންކުރުމަށް ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައި މީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ." ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ: مُد مِنَ الخَمْرِ كَعَا بِدِ وَثَنِ "ރާ ބުއިން އާދަކޮށްފައިވާ މީހަކީ ބުދަށް އަޅުކަން ކުރާ މީހެއް ފަދަ މީހެކެވެ."

ރާ ބުއި މީހާގެ މައްޗަށް ޙައްދު ޤާއިމް ކުރުމާ މެދު ދަންނަ ބޭކަލުންގެ މެދުގައި އެއް ވެސް ދެބަސްވުމެއް ނެތެވެ. އެބޭކަލުންގެ ޚިޔާލު ތަފާތުވެފައި ވަނީ ޙައްދުގެ މިންވަރާ މެދުގައެވެ. ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި ޙައްދުގެ މިންވަރަކީ 40 އެތިފަހަރު ޖެހުމެވެ. ނަމަވެސް ގިނަ ބޭކަލުން ވިދާޅުވަނީ 80 އެތިފަހަރު ޖެހުމެވެ.

ރ. ރާ ބުއިކަން ސާބިތުވުން:

ރާބުއި މީހާގެ މައްޗަށް ޙައްދު ވާޖިބު ވަނީ އެކަން ކުރި މީހާ އެކަމަށް އިޢުތިރާފް ވި ނަމައެވެ. ނުވަތަ ދެ ފިރިހެނުންގެ ހެކިބަހުން އެކަން ޘާބިތު ވުމުންނެވެ. އަދި އެމީހަކީ ބާލިޣުވެފައި ހުރި، ބުއްދި ސަލާމަތުން ހުރި، ރާ ބުއިމަކީ ޙަރާމްކަމެއްކަން ދަންނަ ފުރިހަމަ އިޚުތިޔާރު ގައި އެކަން ކުރި މީހަކަށް ވާނަމައެވެ. މަސްތުވުމުގައި ބޭނުންކުރެވޭ މިންވަރާ ގުޅޭގޮތުން ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "އެ އެއްޗެއްގެ ގިނަ މިންވަރެއް ބޭނުންކުރުމުން މަސްތުވާ އެއްޗެއްގެ ކިތަންމެ މަދު މިންވަރެއް ނަމަވެސް ޙަރާމްވާނެއެވެ." އަދިވެސް އެހެން ޙަދީޘް ފުޅެއްގެ މާނާގައިވެއެވެ. "ރުނބައެއްގެ މިނަށް ބޮއިގެން މަސްތުވާ އެއްޗެއްގެ ކޯވަރެއް ހައި މިންވަރު ވިޔަސް ޙަރާމް ވެގެންވެއެވެ."

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
100%
0%
0%
0%
0%
0%
ކޮމެންޓް