ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 18:38
ބޮޑު ގަނޑުވަރު
ބޮޑު ގަނޑުވަރު
މުހައްމަދު ޝަރުހާން
ހިލާލީ ދަރިކޮޅާއި، ހުރަވީ ދަރިކޮޅު
ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟
 
މިދަރިކޮޅު ނިސްބަތްވާ ޙަސަނުލް ހިލާލީއަކީ އިންޑިއާގެ މަލާބާރުން އައިސް މާލެ އަތޮޅު ހުޅުލޭގައި ވަޒަންވެރިވެ ހުރި ހިލާލީ ދަރިކޮޅުގެ ބަދުރުއްދީންއޭ ކިޔުނު މީހެއްގެ ދަރިކަނބަލުންގެ މާމަދަރިއެކެވެ.
 
ހިލާލީ ދަރިކޮޅަކީ ރާއްޖެ އިސްލާމް ވުމަށްފަހު ރާއްޖޭގައި ރަސްކަން ކުރެއްވި މައިގަނޑު ހަތް ދަރިކޮޅުގެ ތެރެއިން ތިން ވަނަ ދަރިކޮޅު

މި ލިޔުމަކީ، ރާއްޖޭގައި ވެރިކަންކުރި ހިލާލީ ދަރިކޮޅާއި، ހުރާގޭ ދަރިކޮޅު، މިދެ ދަރިކޮޅުގެ ތެރެއިން އެންމެ ބޮޑަށް ބޭރުގެ ނުފޫޒު ފޯރާފައި ވަނީ ކޮން ދަރިކޮޅުއްގައި ތޯ ބެލުމަށް ހޯދުނު ހޯދުމުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މިގޮތުން މިލިޔުމުގައި ދިވެހި ތާރީޚާބެހޭ ގޮތުން ފަސްބޭފުޅަކު ލިޔުއްވާފައިވާ ހަ ފޮތަކުން މަޢުލޫމާތު ނަގާފައި ވާނެއެވެ.

އެފޮތްތަކުގެ ތެރޭގައި މުޙައްމަދު އަމީން. (1949) ގައި ލިޔުއްވާފައިވާ ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅާއި، މުޙައްމަދު އިބްރާހިމް ލުތުފީ (1988) ގައި ފަތްތޫރައިގެ ދެ ޢަދަދެއްގައި ރާއްޖޭގައި ވެރިކަން ކުރެއްވި ޢާއިލާ ތަކާ ބެހޭގޮތުން ލިޔުއްވާފައިވާ މަޟްމޫނާއި، މުޙައްމަދު އިސްމާޢީލް ދީދީ (1995) ލިޔުއްވާފައިވާ "ޕިރާޑުގެ ޤަލަމުން ދިވެހިރާއްޖެ" މި ފޮތާއި، ނަސީމާ މުޙައްމަދު (2010) ގައި ލިޔުއްވާފައިވާ "ދިވެހިރާއްޖޭގެ ރަހުންނާއި، ރަނީން" މިފޮތްތަކުން ސުރުޚީގައި ވާ ފަދައިން ދިވެހިރާއްޖެ އަށާއި، ދިވެހި ދައުލަތަށް، ދިވެހިރާއްޖެ އިން ބޭރުގެ ނުފޫޒުތައް އެންމެ ބޮޑަށް ފޯރާފައި ވަނީ މި ދެ ދަރިކޮޅުގެ ތެރެއިން ކޮން ދަރިކޮޅެއްގެ ރަސްކަމުގެ ދުވަސްވަރުގައި ތޯ ބަލައިފައި ވާނެއެވެ. މިގޮތުން މިދެ ދަރިކޮޅުގައި ރަސްކަން ކުރެއްވި އެކިއެކި ބޭފުޅުންގެ ދުވަސްވަރު ބޭރުގެ ނުފޫޒު ހުރިގޮތާއި، ނުފޫޒު ފޯރަން މެދުވެރިވި ގޮތާ ބެހޭ ގޮތުން ވެސް ހޯދަން މަސައްކަތް ކޮށްފައި ވާނެއެވެ.

މިގޮތުން މައިގަނޑު ދެކަމަކަށް ބަހާލައިގެން ހޯދުނު ހޯދުމަށް ޑިސްކަސް ކޮށްފައި ވާނެއެވެ. އެއީ ދިވެހިރާއްޖެ އަށް ކުރިމަތިވި ބޭރުގެ ނުފޫޒުތައް ފޯރުމަށް މެދުވެރި ވެފައިވާ ނުވަތަ ފޯރާފައިވާ ގޮތާ ބެހޭ ގޮތުންނާއި، ދިވެހި ދައުލަތަށް ދިވެހިރާއްޖެ އިން ބޭރުގެ ނުފޫޒުތައް ފޯރާފައި ވާ މިންވަރާއި ގޮތްތަކުގެ މައްޗަށް ބާލާފައިވާނެއެވެ. ދިވެހިރާއްޖެ ކަމަށް ބަލާފައިވާނީ ދިވެހި ރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށާއި، ދިވެރާއްޖޭގެ އިޤްތިޞާދަށާއި، ދިވެރާއްޖޭގެ ރަށްތަކަށް ބޭރުގެ ނުފޫޒު ފޯރާފައިވާ ގޮތާއި ފޯރާފައިވާ މިންވަރެވެ. އަދި ދިވެހިދައުލަތް ކަމަށް ބާލާފައިވާނީ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށާއި އެބޭފުޅުންނަށް ކުރިމަތިވި ނުފޫޒާއި، ފިއްތުން ތަކުގެ މައްޗަށެވެ.

  1. ހިލާލީ ދަރިކޮޅުގެ ވެރިކަމުގައި ދިވެހިރާއްޖެ އަށް ކުރިމަތިވި ނުފޫޒު. 1

އެޗްސީޕީ ބެލް އޭނާގެ މޮނޮގްރާފް ގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، ހިލާލީ ދަރިކޮޅަކީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަން ކުރެއްވި ދެވަނަ ދަރިކޮޅެވެ. ނަމަވެސް ރާއްޖޭގައި ރަސްކަން ކުރެއްވި ދަރިކޮޅު ތަކުގެ މައްޗަށާއި އެ ދަރިކޮޅުތައް ފެށިގެން އައިގޮތުގެ މައްޗަށް ބަލާއިރު، ހިލާލީ ދަރިކޮޅަކީ ރާއްޖެ އިސްލާމް ވުމަށްފަހު ރާއްޖޭގައި ރަސްކަން ކުރެއްވި މައިގަނޑު ހަތް ދަރިކޮޅުގެ ތެރެއިން ތިން ވަނަ ދަރިކޮޅު ކަމުގައި މުޙައްމަދު އިބްރާހީމް ލުޠުފީ (1988) ލިޔުއްވައެވެ. މިގޮތުން މިދަރިކޮޅަށް ނިސްބަތްވާ 30 ނުވަތަ 29 ރަސްކަލުން 34 ފަހަރުގެ މަތިން، 168 އަހަރާ 4 މަހާއި 15 ދުވަހު ރަސްކަން ކުރެއްވިއެވެ. މީގެތެރޭގައި މިދަރިކޮޅުގައި ހިމެނި ވަޑައި ނުގަންނަވާ ކަމަށް ބެލެވޭ ހަތް ރަސްކަލަކު ވެސް ރަސްކަން ކުރައްވާފައިވާ ކަމުގައި މުޙައްމަދު އިބްރާހީމް ލުޠުފީ (1988) ހާމަ ކުރައްވައެވެ.

މިދަރިކޮޅު ނިސްބަތްވާ ޙަސަނުލް ހިލާލީއަކީ އިންޑިއާގެ މަލާބާރުން އައިސް މާލެ އަތޮޅު ހުޅުލޭގައި ވަޒަންވެރިވެ ހުރި ހިލާލީ ދަރިކޮޅުގެ ބަދުރުއްދީންއޭ ކިޔުނު މީހެއްގެ ދަރިކަނބަލުންގެ މާމަދަރިއެކެވެ. އަދި މިދަރިކޮޅުގެ އަޞްލަކީ ޔަމަންގެ ދަރިކޮޅެއް ކަމުގައިވެސް ބުނެވެއެވެ. އަދި މަޝްހޫރުވެފައި ވަނީ ވެސް ޔަމަނުގެ ޢާއިލާއަކަށް ނިސްބަތްވާ ދަރިކޮޅެއްގެ ގޮތުގައެވެ. މިދަރިކޮޅަށް "ބަދުރުއްދީން" މިނަމުންވެސް ކިޔާކަމުގައި އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ (1988) ވިދާޅުވެފައިވެއެވެ. އަދި އޭނާ ވިދާޅުވާ ގޮތުގައި ޔަމަން އާއި ދިވެހިރާއްޖެ އަކީ 14 ވަނަ ޤަރުނުގައި ދަތުރު ފަތުރުގެ ސަބަބުން ވަރަށް ބޮޑަށް ގުޅިފައި އޮތް ދެޤައުމެވެ. އަދި ރާއްޖެއަށް ޔަމަނުގެ މަގުން ޢަރަބީން ދަތުރު ފަތުރު ކޮށްފައިވާ ކަން ތާރީޚުން ހާމަވާ ކަމުގައެވެ. މިހެން ވުމުން ޔަމަނުގެ ބޭފުޅަކު ނުވަތަ ޢަރަބިން މިޤައުމުގައި މީހުންނާއި އިނދެ ދަރިކޮޅު އުފެދިފައި ހުރެދާނެއެވެ.

ހިލާލީ ދަރިކޮޅުގެ ރަސްކަން ފެށުނީ ވެސް އޭގެކުރިން ހުންނެވި ރަސްގެފާނު އައްސުލްޠާން ޢުޘްމާން (އެއް ވަނަ) ގެ ރަސްކަން އަތުލައްވައި ގެންނެވެ. އެއީ އައްސުލްޠާން ޙަސަން (އެއް ވަނަ) ކަމުގައި އެޗް. ސީ. ޕީ. ބެލް (1940) ހާމަކުރައްވަ އެވެ. މި ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރަކީ ވަރަށް ހަލަބޮލި ދުވަސްވަރެކެވެ. ނަސީމާ މުޙައްމަދު (2010) ވިދާޅުވެފައިވަނީ "ރަސް ރަސްކަލުންގެ މެދުގައި ހަމަނުޖެހުން ތައް އުފެދި ރަސްކަމުގެ ދަހިވެތިކަމުގައި އެއްރަސްކަލެއްގެ ރަސްކަން އަނެއް ރަސްކަލަކު އަތުލައްވައި ބައެއް ބޭފުޅުން ޝަހީދުކުރެއްވުން ފަދަ ނޭދެވޭ ކަންތައްތަކެއް ހިނގި ދައުރެކެވެ. އަދި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރަސްކަލަކު އިސްލާމް ދީން ދޫކުރައްވައި ކްރިސްޓިއަން ދީން އިޚްތިޔާރު ކުރެއްވީ ވެސް މި ހިލާލީ ދަރިކޮޅުގެ ދައުރުގައެވެ. ބޭރުގެ ފަރާތްތަކަށް ރާއްޖެއަށް ލިބޭ އާމްދަނީގެ ބައެއް ދައްކަން ފެށުނީ ވެސް ހިލާލީ ދަރިކޮޅުގެ ރަސްކަމުގައެވެ."

ހިލާލީ ދަރިކޮޅުގެ ރަސްކަން 1368 ގައި އައްސުލްޠާން ޙަސަނުލް ހިލާލީ ސިރީ ވީރު ބަވަނަ މަހާރަދުންނާ ހިސާބުން ފެށިގެން 1558 އާ ހަމައަށް އައްސުލްޠާން ޢަލީ (ހަވަނަ) ޢަލިރަސްގެފާނާ ހަމައަށް ދެމިއޮތެވެ. ނަސީމާ މުޙައްމަދު (2010). ޢަލި ރަސްގެފާނާއި ޕޯޗްގީޒުންނާ ކުރެވުނު ހަނގުރާމައިގައި އެރަދުން އަވަހާރަ ވީ ހިސާބުން މިރަސްކަން ވަނީ ނިމުމަކަށް އައިސްފައެވެ. މިރަދުން އަވަހާރަވެ ދަރިކޮޅުގެ ވެރިކަން ނިމުމަކަށް އައިގޮތާ ބެހޭގޮތުން އަލްއަމީރު މުހައްމަދު އަމީން (1949) ހާމަކުރައްވަނީ މިހެންނެވެ. " ޢަލި ރަސްގެފާނު ރަސްކަން ކުރައްވާތާ ދެމަހާއި ފޮއި ދުވަސްވީ ތަނާ ރާއްޖެއިން ބޭރުގެ ބައެއް ރާއްޖެއަށް ޙަމަލާ ދިނުމަށްޓަކައި ހިނގައްޖައޫ އެވެ. ބަޔަކީ ދިވެހިރާއްޖޭގެ މައްޗަށް ދަހިވެތިވެފައިވާ ޕޯޗުގީޒުގެ މީހުންނެވެ. ... ޕޯޗުގީޒުންނާއި ދިވެހިން ދިމާކޮށްލި ދިމާކޮށްލުމުގައި ފުރަމަވެސް ފަތަޙަ ލިބުނީ ޕޯޗުގީޒުޒުންށެވެ." މިހެންނެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
100%
0%
0%
0%
0%
ކޮމެންޓް