ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 06:02
އެމެރިކާގައި ބޭއްވުނު އެއްވުމެއްގެ ތެރެއިން: އޮރިއެންޓްލިސްޓުން މުސްލިމުން އޮޅުވާލުމަށް ގިނަ ގުނަ އުކުޅު ގެންގުޅޭ
އެމެރިކާގައި ބޭއްވުނު އެއްވުމެއްގެ ތެރެއިން: އޮރިއެންޓްލިސްޓުން މުސްލިމުން އޮޅުވާލުމަށް ގިނަ ގުނަ އުކުޅު ގެންގުޅޭ
ޓްވިޓަރ
އޮރިއެންޓަލިސްޓުން
އޮރިއެންޓްލިސްޓުން ޙަދީޘާ ގުޅޭ ގޮތުން ދައްކަނީ ބުހުތާނު ވާހަކައެވެ.
 
ޙަދީޘްތައް ޤަބޫލު ކުރެއްވުމުގައި ޝަރުޠުތަކެއް ފުރިހަމަވެފައި ހުންނަންޖެހޭކަމަށް ޙަދީޘްގެ ޢިލްމުވެރިން އިޖްމާޢު ވެލައްވާފައެވެ.
 
މުސްލިމް ޢިލްމުވެރިންނަށް އެނގިވަޑައިގަންނަވާ ޙަދީޘްތައް އޮރިއެންޓަލިސްޓުންނަށް އެނގިފައި އޮތުމަކީ މުސްތަޙީލް ކަމެކެވެ.

29 ނޮވެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ވާނީ ވެސް އެހެންތާއެވެ! އެމީހުންގެ ދީންތައް މިހާރު ވަނީ އެފަދަ ޙާލަތަކަށް ގޮސްފައި ވިއްޔާއެވެ. ﷲގެ ޙަޟްރަތުން ބާއްވައިލެއްވުނު ފޮތްތައް ވަނީ އަމިއްލަ އަތުން ބަދަލުކޮށްފައެވެ. އެއައްފަހު އެބައިމީހުން މި ބުނަނީ އެއީ ﷲގެ ޙަޟްރަތުން ބާއްވައިލެއްވުނު ފޮތެއް ކަމުގައެވެ. މި ދަޢުވާ ޙަޤީޤަތަކަށް ހެދޭނޭ އެއްވެސް ހެއްކެއް އެވެރިންނަށް ނުދެއްކެއެވެ.

މިބައިމީހުން ޙަދީޘްތަކާ ގުޅޭގޮތުން ދައްކާ ދޮގުވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަން އެނގިތިބެމެ، ޙަދީޘްގެ ޢިލްމުވެރިން ޙަދީޘްތައް ޤަބޫލު ކުރެއްވުމާއި ބަލައިގަތުމުގައި ގެންގުޅުއްވި މަންހަޖާއި ޝަރުޠުތައް އެނގޭ އިރު ވެސް އެފަދަ ވާހަކަ ދެއްކުމަކީ އެމީހުން ކުޑަކޮށް ވެސް ޖެހިލުންވާ ކަމެއްނޫނެވެ. މުސްލިމް ޢިލްމުވެރިންނަކީ އެމީހުންނަށްވުރެ ޢިލްމީ މައިދާނުގައި ދަށުދަރަޖައިގެ ބައެއް ނޫނެވެ. މުސްލިމް ޢިލްމުވެރިންނަށް އެނގިވަޑައިގަންނަވާ ޙަދީޘްތައް އޮރިއެންޓަލިސްޓުންނަށް އެނގިފައި އޮތުމަކީ މުސްތަޙީލް ކަމެކެވެ. ސަބަބަކީ މުސްލިމް ޢިލްމުވެރިން ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމަށްފަހު އުފެދުނު ފިތުނަތަކާއި ގުޅިގެން ޙަދީޘްތަކާއި މެދު ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވައި އެބޭކަލުންގެ ބެއްލެވުމުގެ ދަށުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ޙިމާޔަތް ކުރެއްވުމަށް މަސައްކަތްޕުޅު ފަށްޓަވާފައެވެ.  

އެޒަމާނުގައިވެސް އަދި އޭގެ ފަހުން އެތަކެއް ޤަރުނުތަކެއް ވޭތުވެ ދިޔައިރު ވެސް ނު އުފައްދާ ޝައްކުތައް މީގެ 100 ވަރަކަށް އަހަރު ކުރިން އުފައްދާ އެކަންކަން ފަތުރަން މަސައްކަތް ކުރުމަކީ ވެސް މި މީހުން ދައްކާ ވާހަކަތަކުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ޚާއްޞަކޮށް ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއި ގުޅިގެން ހުޅަނގު ޤައުމުތަކަށް އޮރިއެންޓަލިސްޓުންނާއި މޮޑައިނިސްޓުން މިފަދަ ވާހަކަތައް ނަގައި މުސްލިމުން އިސްލާމްދީނާއި ދުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރު ކުރިއެވެ. ޙަދީޘް ޢިލްމުގެ ފުންނާބު އުސް ޢިލްމުވެރިއެއް ކަމުގައިވާ 'ޢުޘްމާން ބުން ޢަބްދުއްރަޙްމާން އަބޫ ޢަމްރު އިބްނުއްޞަލާޙް ރަޙިމަހުﷲ ތަޢާލާ' އެކަލޭގެފާނުގެ 'އަންވާޢު ޢުލޫމުލް ޙަދީޘް' ކިޔުނު ފޮތުގައި ވިދާޅުވެފައި ވެއެވެ. "ޙަދީޘް ޢިލްމުވެރިންނާއި ފިޤުހު ޢިލްމުވެރިންގެ ތެރެ އިން ގިނަ ޢިލްމުވެރިން ވަނީ އެ ބޭކަލުން ލިއުއްވާ ޙަދީޘް ތަކުގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވެފައި ހުންނަންޖެހޭކަމަށް އިޖްމާޢު ވެލައްވާފައެވެ.

  1. ރާވީ: މުސްލިމަކުކަމުގައި ވުން
  2. ބާލިޣުވެފައިވާ މީހަކުކަމުގައި ވުން
  3. ބުއްދި ފުރިހަމަވެފައިވާ މީހަކަ ކަމުގައި ވުން
  4. ޢަދުލުވެރި އެއް ކަމުގައިވުން
  5. މުރުއްވަތްތެރި އެއް ކަމުގައިވުން
  6. ރަނގަޅަށް ހަނދާން ހުންނަ މީހަކުކަމުގައި ވުން
  7. ހުރިހާ ފާސިޤު ނުވަތަ ގޯސް ސިފަތަކުން ސަލާމަތްވެފައިވާ މީހެއްކަމުގައި ވުން
  8. ދީނީ ކަންތައްތަކަށް ފަރުވާތެރި ކަންކަމާއިމެދު ވިސްނާ ފިކުރު ކުރާމީހެއްކަމުގައިވުން
  9. ޙަދީޘް ދަސްކުރާއިރު އެއްވެސް ކުށެއްނެތި ރަނގަޅަށް ދަސްކުރާ މީހެއްކަމުގައި ވުން
  10. ރިވާކުރާ ޙަދީޘަކީ ހިތުން ކިޔައިދޭ ޙަދީޘެއްކަމުގައި ވާނަމަ އެއްވެސް ކުށެއްނެތި ފުރިހަމަކޮށް  ކިޔައިދިނުމާއި، އަދި ރިވާކުރާ ޙަދީޘްއަކީ ލިޔެފައިވާ ޙަދީޘެއްނަމަ ލިޔުމުގައި އެއްވެސް ކަހަލަ ކުށެއްނެތް ހުރިހާ ކަމެއް ފުރިހަމަވެފައިވާ ޙަދީޘެއްކަމުގައިވުން

އަދި މިވަރުން މި ޝަރުޠުތަކާއިއެކު ފުއްދާލައްވަނީކީ އެއް ނޫނެވެ. މިސާލަކަށް، ޢަދުލުވެރިއެއްކަމުގައި އެބޭކަލުން ޤަބޫލުކުރައްވަނީ އެރާވީ އުޅުއްވާ ރަށެއްގެ އަހުލުވެރިން، އެއީ ޢަދުލުވެރިއެއްކަމުގައި ހެކިވުމުންނެވެ. މާނައީ އެއީ ޢަދުލުވެރިއެއް ކަމުގައި އެރަށުގެ އެންމެންގެ ތެރޭގައި މަޝްހޫރުވެފައިވުމެވެ. ދެންހުރި  ޝަރުޠުތައް ވެސް މި އުޞޫލުން އެނގެންޖެހެއެވެ. އެރާވީއަކާމެދު މީސްތަކުން ޚިޔާލު ތަފާތުވެފައިވާ އެއްވެސް ރާވީއެއްގެ ޙަދީޘް ޤަބޫލު ނުކުރައްވައެވެ.

މިމީސްމީހުންނަށް ރައްދު ދެއްވަމުން މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

  وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ ۗ لِّسَانُ الَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَـٰذَا لِسَانٌ عَرَبِيٌّ مُّبِينٌ ﴿١٠٣﴾ النحل މާނައީ: އެކަލޭގެފާނަށް އުނގަންނައިދެއްވަނީ ހަމަކަށަވަރުން، އިންސާނެކޭ އެއުރެން ބުނެއުޅޭކަން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއުރެން އެކަލޭގެފާނަށް އުނގަންނައި ދޭކަމަށް ބުނާ މީހާގެ ބަހަކީ، ޢަޖަމީ ބަހެކެވެ. މިއީ (އެބަހީ: މި ޤުރްއާންގެ ބަހަކީ ބަޔާންވެގެންވާ ޢަރަބި ބަހެވެ.)

މީހުން އުފައްދާ އަނެއް ކުށްހީއަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ފޮތްތަކެއްގެ ސިފައިގައި ލިޔެވުނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމުގެ ދެޤަރުނު ފަހުންނެވެ. އެހެންވީމާ އެގޮތަށް ދެޤަރުނަ ފަހުން ލިޔެވުނު ފޮތްތަކުގައި ކުށްހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްތައް ލިއުއްވުމުގެ ތާރީޚަށް ބަލާލުމުން އެކަލޭގެފާނުންގެ ޙަޔާތްޕުޅުގައި ޙަދީޘްތަކުގެ ވަރަށް ބޮޑު ބައެއް ލިއެވެމުން ގޮސްފައިވާކަން އެނގިގެން ދެއެވެ. ޙަދީޘް ފޮތްތަކުގެ ތެރޭގައި ހިމެނޭ މުޞައްނިފާތް ތަކާއި ޖަވާމިޢް ތަކާއި ބާބުތަކަށް ބަހާލެވިފައިވާ ޙަދީޘް ފޮތްތައް ހިޖުރައިން 200 އަހަރުވުމުގެ ކުރިން ޢިލްމުވެރިން ލިއުއްވާފައިވެއެވެ. އެގޮތުން މުޢައްމަރު ބިން ރާޝިދު ގެ ޖާމިޢް އާއި ހިޝާމް ބުން ޙައްސާން އާއި އިބްނު ޖަރީޖުގެ ޖާމިޢް އާއި ސުފްޔާން އައްޘައުރީގެ ޖާމިޢް ހިމެނެއެވެ. މުޢައްމަރު ބިން ރާޝިދު އަވަހާރަ ވެފައިވަނީ ހިޖުރައިން 154 ވަނަ އަހަރުގައިއެވެ. ހިޝާމް ބުން ޙައްސާން އަވަހާރަވެފައިވަނީ  ހިޖުރައިން 148 ވަނަ އަހަރުގައިއެވެ. އިބްނު ޖަރީރު އަވަހާރަވެފައިވަނީ ހިޖުރައިން 150 ވަނަ އަހަރުގައިއެވެ. ސުފްޔާން އައްޘައުރީ އަވަހާރަ ވެފައިވަނީ ހިޖުރައިން 161ވަނަ އަހަރުގައެވެ.

ނިމުނީ

ނޯޓު: މިއީ ޑރ. ޢަބްދުﷲ ޖަމީލް ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
17%
67%
0%
0%
17%
0%
ކޮމެންޓް