އަންގާރަ 19 ނޮވެންބަރު 2019
06 ނޮރަ
1441 ރަބީއުލް އައްވަލް 22
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06
ދިވެހި ބަސް - ދިވެހި ބަސް ތަޢުލީމް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ 'ދިވެހި ބަސް'

  • މާދަރީބަސް ނޫން ދެވަނަ ބަހަކުން ފިލާވަޅު ނަގައިދޭ ނަމަ އެކުދިންނަށް ފަހުމްވެ އެނގޭ މިންވަރު ވަރަށް ބޮޑަށް ދާއްވެ،
  • ކުޑަކުއްޖެއްގެ ވިސްނުމާއި ޝުޢޫރުތަކާއި ރޫޙީ ކުރިއެރުމަށް އެންމެ އަސަރުކުރުވާ ބާރަކީ މާދަރީ ބަހެވެ.

އަހްމަދުﷲ ޖަމީލް
adjameel

ކ. މާލެ 28 ފެބުރުއަރީ 2019 | ބުރާސްފަތި 14:04 15,633

ސްކޫލެއްގެ ދަރިވަރުން: މާދަރީ ބަހުން ފިލާވަޅު ނަގައި ދޭ ނަމަ އެ ފިލާވަޅެއް ފަހުމް ވާ މިންވަރު ބޮޑުވޭ - މުހައްމަދު ޝަރުހާން

(04 އޮކްޓޯބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ޅަފަތުގެ ދުވަސްވަރު ކުދިންނަށް އެކުދިންގެ މާދަރީބަހުން ނޫން އެހެން ބަހަކުން ފަށާތަޢުލީމު ކިޔަވައި ދޭނަމަ އެކުދިންގެ ވިސްނުން ދަށްވާކަމުގައި ޖޭ ފިޝްމަން (1972) ހާމަކުރައްވައެވެ. އަދި މާދަރީބަސް ނޫން ދެވަނަ ބަހަކުން ފިލާވަޅު ނަގައިދޭ ނަމަ އެކުދިންނަށް ފަހުމްވެ އެނގޭ މިންވަރު ވަރަށް ބޮޑަށް ދާއްވެ، އެފިލާވަޅުން އެނގެން ވާ މިންވަރު ނޭނގޭކަމުގައެވެ. އަދި އެފިލަވަޅަކުން ކުރާ އަސަރު ވެސް ވަރަށް ބޮޑުތަން ދައްވާނެއެވެ. މީގެއިތުރުން ގްރޯސް ޖީން (1982) ވިދާޅުވާގޮތުގައި އެއްވެސް ކުއްޖަކަށް މާދަރީ ބަހާއެކު އިތުރު އެހެންބަހެއް ތަޢާރަފްކުރާނަމަ އެ ދެބަހުން ކުރެ ބަހެއް އެކުއްޖާއަށް ރަނގަޅަށް ނޭނގޭނެ ކަމުގައެވެ. މިހެންވުމުން ދަރިވަރުން މޮޅުކުރުމުގެ ނިޔަތުގައި ޕްރައިމަރީ ތަޢުލީމު މާދަރީ ބަސް ފިޔަވައި އެހެން ބަހަކުން ކިޔަވައި ދޭނަމަ އެކުއްޖާއަށް ފައިދާކުރުމުގެ ބަދަލުގައި ވާނީ ގެއްލުންކަމަށް ބަހުގެ ޢިލްމުވެރިންނާއި، އެކަމާގުޅޭ ގޮތުން ކުރެވޭ ދިރާސާއާއި، ހޯދުންތަކުން ޔަޤީންވަމުން އެބަދެއެވެ. މިސާލަކަށް ރާއްޖޭގައި ތިމާވެށީގެ ޢިލްމު ކިޔަވައި ދެމުން ގެންދަނީ އިނގިރޭސި ބަހުންނެވެ. އަޅުގަނޑުމެންގެ ތިމާވެށީގައި އިނގިރޭސިބަހުން އެއަށް ލަފްޒު ނުހުންނަ ބައެއް ތަކެއްޗާއި، ތަންތަން އެބަހުރެއެވެ. އަދި ކަންކަންވެސް އެބަހުރެއެވެ. މި ޙާލަތުގައި އެބަސް ބޭނުން ކުރެވޭނީ ދިވެހި ބަހުންނެވެ. މީގެއިތުރުން ބައެއް ފަހުރު ބިދޭސީން މި މާއްދާ ކިޔަވައިދެމުން ވެސް އެބަ ގެންދެއެވެ. ކުރިން ދެންނެވި ފަދަ ލަފްޒު އިނގިރޭސި ބަހުން ލިޔެފައި ހުންނަ އިރު ދިވެހިބަހުން ކިޔާގޮތަށް ބައެއްފަހުރު ލިޔެވެން ވެސް ނުހުރެއެވެ. އަދި ކިޔަވައި ދޭ މުދައްރިސަށް އެލަފްޒު އަދާކުރަންވެސް ނޭނގޭ ޙާލަތު މެދުވެރިވެއެވެ. މިފަދަ ޙާލަތްތަކުގައި ލިބޭނީ ފައްދާ އަށްވުރެ ގެއްލުންކަން ކަށަވަރެވެ.

މި ނޭދެވޭ އަސަރު ދަރިވަރުންނަށާއި، ޤައުމުތަކަށް ކުރަމުން ދާތީ، ބައިނަލްއަޤުވާމީ ޖަމާޢަތެއް ކަމުގައިވާ ޔުނިސްކޯއިން މިއަދު ބާރުއަޅަމުން ގެންދަނީ ދަރިވަރުންނަށް ފަށާތަޢުލީމު، މާދަރީ ބަހުން ފޯރުކޮށްދިނުމަށެވެ. އަދި މާދަރީ ބަހުން ކިޔަވައިދިނުމުގެ ފައިދާ ދުނިޔޭގެ އެތަން މިތަނުގައި ޔުނެސްކޯގެ އިތުރުން ބައެއް ޤައުމުތަކުން ކުރަމުންގެންދާ ދިރާސާތަކުން ހޯދި ސާބިތުވެފައިވެއެވެ. މިގޮތުން އިންޑިޔާގެ ސްކޫލުތަކުގެ ޤައުމީ މުޤައްރަރާ ގުޅޭ ފޮތާއި ޙަވާލާދެއްވައި ޑރ. ޙަސަން ޙަމީދު (2002) ލިޔުއްވާފައި ވެއެވެ. ކުޑަކުއްޖެއްގެ ވިސްނުމާއި ޝުޢޫރުތަކާއި ރޫޙީ ކުރިއެރުމަށް އެންމެ އަސަރުކުރުވާ ބާރަކީ މާދަރީ ބަހެވެ. އަދި މާދަރީ ބަހަކީ ދަރިވަރުންގެ ވިސްނުމާއި ޝުޢޫރުތައް ބައްޓަންކުރާ އެންމެ މުހިއްމު ވާސިޠާއެވެ. މިހެންވުމުން ޅަފަތުގައި ދެވޭ ތަޢުލީމު މާދަރީ ބަހުން ދިނުމުގެ ބަދަލުގައި ދެވަނަ ބަހަކުން ދެވޭނަމަ "އެގަހުގެ ކޭލަކަށް ނުވެ، މިގަހުގެ ކޭލަކަށް ނުވެ" ޚިޔާލެއް ހުށަހެޅުމަށް ނުކުޅެދުންތެރިކަން އުފައްދާ ކަމެއްކަމުގައި ވެގެންދާނެ ކަމުގައި ވެސް ޙަސަން ޙަމީދު ލިޔުއްވާފައިވެއެވެ.

ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި އެ ބައެއްގެ މާދަރީ ބަސް ބޭނުންކުރުން ތަޖުރިބާކޮށް އެކަމުގެ ހެޔޮ ނަތީޖާ ލިބިފައިވާ، ތިން ވަނަ ދުނިޔެ އާއި، ދެވަނަ ދުނިޔޭގެ ޤައުމުތަކުގެ ތެރޭގައި ޕަޕައު ނިއުގިނީ އާއި، މިޔަންމާ އާއި، ތައިލެންޑާއި، އިންޑޮނޭޝިޔާ އާއި، އިންޑިޔާ ފަދަ ޤައުމުތައް ހިމެނެއެވެ. މިފަދަ ބައެއް ޤައުމުތަކުގެ ޤާނޫނޫ އަސާސީގައި މާދަރީ ބަހުން ފަށާ ތަޢުލީމު ދޭންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަމުގައި ވެއެވެ. ޕަޕައު ނިއުގިނީގައި ވާހަކަދައްކައި އުޅޭ 867 ބަހުގެ ތެރެއިން އެ ބައެއްގެ މާދަރީ ބަހުން ފަށާ ތަޢުލީމުގެ ފުރަތަމަ ތިން އަހަރު ކިޔަވައިދޭން ޖެހޭ ގޮތަށް އެ ޤައުމުގެ ޕާލަމެންޓުން 1995 ގައި ވަނީ ނިންމާފައެވެ. އަދި އިޒްރޭލަށް ހިޖުރަކުރާ އެކި ޤައުމުތަކުގެ މީހުންގެ މެދުގައި އެއްބައި ވަންތަކަން ޤާއިމްކުރުވުމަށް ހިބްރޫ ބަސް ކިޔަވައި ދިނުމުގެ އިތުރުން އެޤައުމުގެ ފަށާތަޢުލީމު ކިޔަވައި ދިނުމަށް ބޭނުންކުރަނީ ވެސް ހިބްރޫ ނުވަތަ މާދަރީ ބަހެވެ. މީގެ އިތުރުން ތަރައްޤީވެފައިވާ ޤައުމުތައް ކަމުގައިވާ ޖަޕާން، ރަޝިޔާ، ޖަރުމަން، ޔޫރަޕުގެ ޤައުމުތަކުގައި ފަށާތަޢުލީމު ކިޔަވައި ދެނީ މުޅިން ވެސް އެބައެއްގެ މާދަރީބަހުންނެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް