ކ. މާލެ
|
21 ސެޕްޓެންބަރ 2018 | ހުކުރު 21:00
ތަންޒޭނިއާގައި ބަންޑުން ޖަހާލި ފެރީ
ތަންޒޭނިއާގައި ބަންޑުން ޖަހާލި ފެރީ
ޓްވިޓަރ
ފެރީ ބަންޑުން ޖަހާލުން
ތަންޒާނިއާގެ ފެރީއެއް ބަންޑުން ޖަހާލައި މަރުވި މީހުންގެ އަދަދު 100 އަށް!
 
ސަލާމަތް ކުރެވުނު މީހުންގެ އަދަދެއް އަދި ޔަގީނެއް ނުކުރެވޭ
 
އެ ހާދިސާ ހިނގާފައި ވަނީ އެފްރިކާ ބައްރުގެ އެންމެ ބޮޑު ކޯރުގައި

ތަންޒޭނިއާގެ އުކާރާ ރަށް ކައިރިއަށް ބަންޑުން ޖެހި ފެރީން މަރުވި މީހުންގެ އަދަދު 100 އަށް އަރައިފިއެވެ.

އެފްރިކާ ބައްރުގެ އެންމެ ބޮޑު ކޯރުގައި ހިނގި އެ ހާދިސާގައި ގާތްގަނޑަކަށް 200 މީހުން ގެނބިފައިވާކަމަށް ބެލެވެއެވެ.

ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި މީހުން ސަލާމަތްކުރުން އެ ރޭ މެދުކަޑާލުމަށްފަހު ހުކުރު ދުވަހު ވަނީ ފަށާފައެވެ. ރޭނގަޑަށް މެދު ކަނޑާލީ ފެންގަނޑު ކިލަނބުވެ، އެއްވެސް ތަނެއް ނުފެނުމުންނެވެ.

މުވަންޒާ ސިޓީގެ ރީޖަނަލް ކޮމިޝަނަރ ޖޯން މޮންގެއްލާ ވިދާޅުވީ ހުކުރު ދުވަހުގެ މެންދުރާއި ހަމަށް 40 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށާއި އެމީހުންގެ ހާލު ވަރަށް ދެރަކަމަށެވެ. ސަރަހައްދީ ފުލުހުން ބުރާސްފަތި ދުވަހު ބުނީ 100 މީހުން ސަލާމަތް ކުރެވިފައިވާކަމަށެވެ.

ސަލާމަތް ކުރެވުނު މީހުންގެ އަދަދާއި ޣަރަގުވި މީހުންގެ އަދަދު ޔަގީން ކުރެވޭގޮތް އަދި ނުވެއެވެ. ރޮއިޓާސްއިން ބުނީ ފެރީގެ ޓިކެޓު ކެނޑި މީހާ ވެސް ވަނީ ޣަރަގުވެފައި ކަމަށެވެ. އޭނާ ޓިކެޓް ކަޑަން ބޭނުން ކުރި މެޝިން ވެސް ވަނީ ގެއްލިފައެވެ. އެ މެޝިނުން ބޯޓުގައި ތިބި މީހުންގެ އަދަދު އެގޭނެއެވެ.

ސަރަހައްދީ ނޫސްތަކުން ބުނީ ފެރީ އަޑިއަށް ދާން ދިމާވި އެއް ސަބަބަކީ މީހުން މާގިނަވުން ކަމަށެވެ. އެއަށް އެރުވެނީ ގިނަވެގެން 100 މީހުންކަމަށާއި ނަމަވެސް 400 މީހުން އަރުވާފައިވާ ކަމަށެވެ. އަދި އެ ފެރީގައި ވަނީ ސިމެންތި އަދި ޒުވާރި ބަސްތާތައް ބަރުކޮށްފައި ކަމަށެވެ.

އެ ފެރީ ދުވާލަކުގެ މައްޗަށް 8 ދަތުރު ތަންޒާނިއާގެ އުކާރާ ރަށާއި އުކްވެރެވެ ރަށާއި ދެމެދު ކުރެއެވެ. އެ ދެ ރަށް އޮންނަނީ ތަންޒޭނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، މުވަންޒާއާ ކައިރީގައެވެ.

ރިޕޯޓަތައް ބުނާ ގޮތުން އެ ބޯޓުގައި ދަތުރު ކުރި ގިނަ މީހުންނަކަށް ފަތާކަށް ނޭގެއެވެ.

މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ނިމުމުން ރަސްމީކޮށް އެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފަށާނެކަމަށް އޮފިޝަލުން ބުނެއެވެ.

ތަންޒޭނިއާ އަކީ މީގެ ކުރިން ވެސް މިކަހަލަ ގިނަ ހާދިސާތަކެއް ކުރިމަތިވެފައިވާ ގައުމެކެވެ. ގިނަ ހާދިސާތައް ކުރި މަތިވެފައި ވަނީ ފެރީތައް މީހުން ފުރިގެން ބާރު ބޮޑުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް