ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 23:21
ޕާކިސްތާން އެއަރލައިންގެ ފްލައިޓެއް އެއަރޕޯޓެއްގައި ޖައްސަނީ
ޕާކިސްތާން އެއަރލައިންގެ ފްލައިޓެއް އެއަރޕޯޓެއްގައި ޖައްސަނީ
ދި ހިންދޫ
އިމްރާން ޚާން
ޕާކިސްތާނުގެ އޮފިޝަލުން އެއަރޕޯޓްތަކުގައި ވީއައިޕީ ބޭނުންކުރުން މަނާކޮށްފި
 
ވީއައިޕީ ޚިދުމަތް ދީފި ނަމަ އެފްއައިއޭގެ މުވައްޒަފުންނަށް ވެސް ފިޔަވަޅު އަޅާނެ

ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީން އެ ގަމުގެ ނުފޫޒު ގަދަ ފަރާތްތަކަށް އެއަރޕޯޓްތަކުގައި ދެމުންގެންދާ ވީއައިޕީ ޕްރޮޓޮކޯލް ދިނުން މަނާކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ޑޯން ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި މި ނިންމުން ތަންފީޒުކުރުމަށް އިންޓީރިއާ މިނިސްޓްރީ އިން އަންގާފައި ވަނީ އާދީއްތަ ދުވަހުން ފެށިގެންކަމަށެވެ.

"މި ފިޔަވަޅު ހަރުކަށިކޮށް އެޅުމަށް ނިންމީ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ދަތުރުވެރިންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް" ކަމަށް އިންފޮމޭޝަން މިނިސްޓަރ ފަވާދު ޗައުދަރީ ޑޯން ނޫހުގައި އާދީއްތަ ދުވަހު ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ ވިދާޅުވީ ނުފޫޒުގަދަ ފަރާތްތަކުން އެފްއައިއޭގެ އޮފިޝަލުން ބޭނުންކޮށްގެން އެ ފަރާތްތަކުގެ ލަގެޖްތައް ނެރުމުގެ މަސައްކަތް ކުރުވާ ކަމަށެވެ.

ވީއައިޕީ ޕްރޮޓޮކޯލް އާއްމުކޮށް ދެނީ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ފަނޑިޔާރުންނާއި، އަސްކަރީ އޮފިޝަލުންނާއި، ނޫސްވެރިންނަށެވެ.

އެއްވެސް އޮފިޝަލަކަށް ވީއަޕީ ޚިދުމަތްދޭތޯ ބެލުމަށް އެއަރޕޯޓްގެ އިމިގްރޭޝަން ކައުންޓަރުތަކުން އެ ކައުންޓަރުތަކުގެ އިންޗާޖުން ބަލަމުންދާއިރު އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާ ނަމަ ވަގުތުން ސަސްޕެންޑް ކުރެވިގެންދާނެ ކަމަށް ބުނެފައި ވެއެވެ.

ޕާކިސްތާނުގެ ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ރައީސް އާއި، އުއްތަމަ ފަނޑިޔާރާއި، ސެނެޓްގެ ރައީސް އަދި ގާނޫނުހަދާ މަޖިލީހުގެ ރައީސް ވައިގެ މަގުން ކުރައްވާ ދަތުރުފުޅުތަކުގައި ފަސްޓް ކުލާހުން ދަތުރުކުރެއްވުން އެގައުމުގެ އައު ބޮޑުވަޒީރުގެ ކެބިނެޓުން މަނާކޮށްފައެވެ.

އިމްރާން ޚާން ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވިތާ ދެ ހަފްތާއެއްހާ ދުވަސް ވެފައިވާިއިރު އެ މަނިކުފާނު ގެންދަވަނީ ކެމްޕެއިންގައި ވައުދުވެ ވަޑައިގެންނެވި ގޮތަށް ޚަރަދު ކުޑަކުރެއްވުމަށް މަސައްކަތްކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
100%
0%
0%
0%
0%
ކޮމެންޓް