ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 13:00
ޙަރަމްފުޅުގެ އިމާމް އައްޝައިޚް ޞާލިޙު އާލްޠާލިބް
ޙަރަމްފުޅުގެ އިމާމް އައްޝައިޚް ޞާލިޙު އާލްޠާލިބް
ހަަވަރސްޓީވީ
މަސްޖިދުލް ޙަރާމް
އަލްމަސްޖިދުލް ޙަރާމްގެ އިމާމަކު ސައުދީ ސަރުކާރުން ހައްޔަރުކޮށްފި!
 
ގިނަ އަދަދެއްގެ ޢިލްމުވެރިންތަކެއް މީގެ ކުރިންވެސް ހައްޔަރުކޮށްފައިވޭ
 
ހައްޔަރުކުރި ކަމަށް ބުަނަނީ އާދިއްތަ ދުވަހު
 
ޙައްޔަރުކުރީ ހުކުރު ޚުތުބާގައި ދެއްކެވި ވާހަކައަކާއި ގުޅިގެން

މައްކާގެ އަލްމަސްޖިދުލް ޙަރާމް (ޙަރަމްފުޅު) ގެ އިމާމު އަދި ޚަތީބެއް ކަމުގައިވާ އައްޝައިޚް ޞާލިޙު އާލްޠާލިބް ސަޢޫދީ ސަރުކާރުން ހައްޔަރުކޮށްފި ކަމުގައި، ސަޢޫދީ ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފިއެވެ.

ސައުދީގެ ބައެއް ފަރާތްތަކާއި ޙަވާލާދީ އަލްޖަޒީރާ އަރަބިކްގެ ޚަބަރެއްގައި ބުނެފައިވަނީ ޝައިޚް އާލްޠާލިބު ހައްޔަރު ކުރީ އޭނާ ދެއްވި ހުކުރު ޚުޠުބާއެއްގައި އަނިޔާވެރި ވެރިންނާ ދެކޮޅު ހަދަންޖެހޭނެކަމަށް ވިދާޅުވުމުންނެވެ.

ޝައިޚް ޞާލިޙު އާލްޠާލިބްގެ ޚުތުބާގައި އެވާހަކަ ގެންނަވާފައިވަނީ، މުންކަރާތްތައް ހުއްޓުވުމަށް މަސައްކަތްކުރަން ޖެހޭނެކަމަށް ވިދާޅުވެފައި އެކަމަށް އަލިއަޅުވާލައްވަމުންނެވެ.  

ޝައިޚް ޞާލިޙު އާލްޠާލިބްގެ އިތުރުން މައްކާގެ ޙަރަމްފުޅުގެ އިމާމުންގެ ގޮތުގައި 10 ވަރަކަށް ބޭފުޅުން ތިއްބަވައެވެ.

އޭގެތެރޭގައި ޢަބްދުއްރަޙްމާން އައްސުދައިސް، ސުޢޫދު އައްޝުރައިމް، ބަންދަރް އަލްބަލްބަލާ، އުސާމާ އަލްޚައްޔާޠު، ފައިޞަލް ޣައްޒާވީ، މާހިރު އަލްމުޢައިޤިލީ، ޚާލިދު އަލްޣާމިދީ، ޞާލިޙު ބިން ޙުމައިދު އަދި ޢަބްދުﷲ ބިން ޢަވާދު އަލްޖުހަނީ ހިމެނިވަޑައިގަންނަވައެވެ.

ޝަރުޢީ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޝައިޚް ޞާލިޙު އާލްޠާލިބަކީ ޙަރަމްފުޅުގެ އިމާމުކަން ކުރެއްވުމުގެ އިތުރުން މާއްކާގެ ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވަމުންނެވެ.

ޝޭޚް ސޯލިހު ނިސްބަތްވާ އާއިލާއަކީ ސައިންސާއި ޤާނޫނީ ޢިލްމުގެ ދާއިރާގެ ޢިލްމުވެރިންގެ އިތުރުން ޙާފިޒުން ހިމެނިވަޑައިގަންނަވާ އާއިލާއެކެވެ.

އަލްމަސްޖިދުލް ޙަރާމުގެ އިމާމަކަށް އޭނާ އައްޔަންކުރައްވާފައި ވަނީ ހިޖުރައިން 1423 ވަނަ އަހަރުގައެވެ.

މި ފަހުގެ ތާރީޚުގައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށް ފާޑުވިދާޅުވާ ޢިލްމުވެރިން ގެންދަނީ ހައްޔަރުކުރަމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސައުދީ އަރަބިއާގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ޢިލްމުވެރިންގެ ތެރެއިން 8 އިލްމުވެރިއެއްގެ މައްޗަށް ޝަރީއަތް ހިންގުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ސައުދީ ސަރުކާރުން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިންގެ ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރު ކުރެވިފައިވާ ޝަރީއަތުގެ މަޖްލިސްތަކެއްގައެވެ.

ހުކުރު ޚުތުބާގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ޝޭޚް ސޯލިޙް ހައްޔަރުކޮށްފައިވާ އިރު، މީގެ ކުރިން ހުކުރު ޚުތާބާއެއް ދެއްވަނިކޮށްވެސް އިމާމަކު ހައްޔަރުކޮށްފައިވެއެވެ.

ޝޭޚް ސާލިޙް ހައްޔަރުކުރުމުގެ ކުރިން ޙައްޖުވެރިންނަށް ތަހުނިޔާކިއުއްވައި ހެޔޮ ދުޢާ ކުރައްވާފައި ވެއެވެ. އަދި ފާއިތުވި ހުކުރު ދުވަހު ދެއްވި ޚުޠުބާގެ ތަންކޮޅެއްވެސް ހިމަނުއްވާފައި ވެއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
50%
13%
38%
0%
ކޮމެންޓް