ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 17:07
"ރައީސް" އަދި "ކާބިލް" ގެ ޕޯސްޓަރެއް
"ރައީސް" އަދި "ކާބިލް" ގެ ޕޯސްޓަރެއް
ގޫގުލް
"ރައީސް" އާއި "ކާބިލް"
މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން
 
ކާބިލް ރިލީޒްކޮށްފައިވަނީ ރައީސްއަށްވުރެ ދެގުނަ މަދު ސްކްރީނުގައި
 
ރައީސް އަށް ފުރަތަމަ ދުވަހު 20.5 ކްރޯޑް ރުޕީސް އަދި ކާބިލްއަށް 10.4 ކްރޯޑް ރުޕީސް

ރާކޭޝް ރޯޝަންގެ ފިލްމު "ކާބިލް" އާއި ރާހުލް ދޮލާކިއާ ޑައިރެކްޓްކޮށްފައިވާ ޝާހުރުކް ޚާންގެ ފިލްމު "ރައީސް" އެކުއެކީގައި މިމަހުގެ 25 ވަނަ ދުވަހު (އިއްޔެ) ރިލީޒްކޮށްފައިވާއިރު، ޝާހުރުކް ޚާނާ މެދު ރާކޭޝް ނުރުހުންވެފައި ހުރިކަން އޭނާގެ ވާހަކަތަކުން ހާމަވެއްޖެއެވެ.

 

މި ދެ ފިލްމު އެކުއެކީގައި ރިލީޒްކުރަން ހަމަޖެހުމާ އެކު ޑިސްޓްރިބިއުޓަރުންނާއި އެގްޒިބިޓަރުން ވަނީ ސްކްރީންތަކުގެ ފަންސާސް އިންސައްތަ ރާކޭޝް އާއި ޙިއްސާ ކުރާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް، ފިލްމު ރިލީޒްކުރި ދުވަހު އެކަން އެހެން ނުހިނގާ ކަމަށާއި ގިނަ ސްކްރީންތައް ލިބުނީ ޝާހުރުކްއަށް ކަމަށް ޚަބަރުތައް ބުނެއެވެ.

 

މިކަމާ ނުރުންވެގެން ބޮލީވުޑްލައިފްއަށް ދިން އިންޓިވައުއެއްގައި ރާކޭޝް ބުނީ، އިންޑިޔާގެ ފިލްމް އިންޑަސްޓްރީ އެއްދުވަހުން އަނެއް ދުވަހަށް ތަހުޒީބު ވަމުން އަންނާނެ ކަމަށް ހީކުރެވުނު ނަމަވެސް، މި އިންޑަސްޓްރީ މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ފަހަތަށް ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ ކޯޅުންތައް އުފެދޭ ގޮތަށް ކަންކަން ނުނިންމުމަށް ބުނެފައިވާނެ ކަން ފާހަގަކުރަމުން ރާކޭޝް ބުނީ، މިއީ ފިލްމުތަކަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

ރާކޭޝް އިތުރަށް ބުނީ، ޕްރޮޑިއުސަރުންނާއި، ޑިސްޓްރިބިއުޓަރުންގެ އިތުރުން އެގްޒިބިޓަރުން ވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ފަހަތަށް ކަމަށާއި އޭގެ ސަބަބުން ފިލްމުތައް ބެލުމަށް ވަންނަ އޯޑިއަންސް ވެސް ގެއްލެމުން އަންނަ ކަމަށެވެ.

 

ވާދަވެރި ދެ ފިލްމު އެއްފަހަރާ ޕްރިމިއާރ ކުރުމުން، ދެ ފިލްމަށް އެއްފަހަރާ ޓިކެޓު ގަންނަން ފައިސާ ހުރީ ކޮން ބައެއްގެ އަތުގައިތޯ ރާކޭޝް ސުވާލު އުފެއްދިއެވެ. އަދި މިކަމަށް އޮތް ހަމައެކަނި ޙައްލަކީ ސްކްރީންތައް ހަމަހަމައަށް ދިނުން ކަމަށާއި އޭރުން ކުރިއަށް އޮތްތަނުގައި މިފަދަ ކޯޅުމެއް އުފެދޭނެ ފަދަ ގޮތަކަށް ފިލްމުތައް ޕްރިމިއާރކުރާ ތާރީޚުތައް ފައިނަލް ކުރުމުގައި ކޮންމެ މީހަކު ވެސް ދެފަހަރު ވިސްނާނެ ކަމަށް ރާކޭޝް ބުންޏެވެ.

 

ދެފިލްމު އެއްފަހަރާ ޕްރިމިއާރ ކުރުމުން އުފެދުނު ކޯޅުންގަނޑާ އެކު ރާކޭޝް ވަނީ ޝާހުރުކް އާއި އޭނާއާ ދެމެދު އޮތް ރަޙުމަތްތެރިކަމާ މެދު ވެސް ސުވާލު އުފައްދާފައެވެ. އެގޮތުން ރާކޭޝް ބުނީ ހުރިހާ ކަމެއްގައި ވެސް "ހަޑި ހާވާ"، މިންގަނޑުތަކާ ވެސް ޚިލާފުވަމުން އަންނަތަން ފެންނައިރު، އެއްވެސް ޕްރޮފެޝަނަލިޒަމެއް އަދި ރަޙުމަތްތެރިކަމުގެ ކަންފުޅެއް ވެސް މިހާރު ބޮލީވުޑްގައި ނޯންނަ ކަމަށެވެ. އެވާހަކަ އިތުރަށް ތަފްޞީލު ކޮށްދެމުން ރާކޭޝް ބުނީ، އޭނާގެ ކެރިއަރު ފެށިތާ ކުރީކޮޅު އޭނާ އާއި ރިޝީ ކަޕޫރާއި ޖީތެންދްރާއަކީ އެންމެ ގާތް ރަޙުމަތްތެރިން ކަމަށެވެ. އަދި އަދަށްދާންދެން ވެސް ތިން މީހުންގެ މެދުގައި އޮންނަ ރަޙުމަތްތެރިކަމަށް ބަދަލެއް ނާންނަކަން ފާހަގަކުރަމުން ރާކޭޝް ބުނީ، އޭރު މަސައްކަތްކުރަމުން އައި ފިލްމް އިންޑަސްޓްރީއަކީ އެއީ ކަމަށެވެ. އެހެންނަމަވެސް، މިހާރު އަތާ އަތް ޖޯޑުކޮށް ސަލާމްކުރާއިރު މޫނުމަތިން ހިނިތުންވެފައި ހުންނަ މަންޒަރު ފެނުނެއް ކަމަކު ހިތުގައި އޮތް އެއްޗެއް ނޭނގޭ ކަމަށެވެ. ރާކޭޝް އިތުރަށް ބުނީ މީޑިއާ ކުރިމަތީގައި ހީލާ، ކޮނޑާ ކޮނޑު ޖައްސާލުމަކުން އެއީ ރަޙުމަތްތެރިކަމެއް ނޫން ކަމަށެވެ.

 

ފިލްމު "ކާބިލް" އާއި "ރައީސް" އެއްދުވަހެއްގައި ރިލީޒްކޮށްފައިވާއިރު، "ރައީސް" ވަނީ 3،400 ސްކްރީނުގައި ރިލީޒްކޮށްފައެވެ. އަދި "ކާބިލް" ރިލީޒްކޮށްފައިވަނީ 800 އެއްހާ ސްކްރީނުގައެވެ.

 

"ރައީސް" އަށް ފުރަތަމަ ދުވަހު 20.5 ކްރޯޑް ރުޕީސް ލިބިފައިވާއިރު، "ކާބިލް" އަށް ލިބިފައިވަނީ 10.43 ކްރޯޑް ރުޕީސްއެވެ. "ރައީސް" އަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ އާއި "ކާބިލް" އަށް ލިބުނު އާމްދަނީއާ އަޅާކިޔާއިރު، ދެފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީގައި 12 ވަރަކަށް ކްރޯޑް ރުޕީސްގެ ފަރަޤެއް ވެއެވެ. މިއީ 2015 ވަނަ އަހަރުގެ ބޮޑު ކޯޅުން ކަމުގައިވާ އެއްފަހަރާ ރިލީޒްކުރި "ބަޖިރާއޯ މަސްތާނީ" އާއި "ދިލްވާލޭ" އަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީގެ ފަރަޤަށް ވުރެ ބޮޑު ފަރަޤެކެވެ. އެ ދެފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީގައި ހުރީ 8 ކްރޯޑް ރުޕީސްގެ ފަރަޤެކެވެ.

 

"ކާބިލް" އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށްވީއިރު، ބަޖެޓުގައި ރިތިކްގެ މުސާރައެއް ނުހިމެނެއެވެ. މިފިލްމަށް އިންޑިޔާއިން ބޭރުން ލިބުނު އާމްދަނީއަށް ބަލާއިރު، އޮސްޓްރޭލިއާއިން 4،000 ޑޮލަރު އަދި ނިއުޒިލޭންޑުން 3،500 ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއާ ޚިލާފަށް ރައީސްއަށް އޮސްޓްރޭލިއާއިން 3،900 ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، ނިއުޒިލޭންޑުން 16،096 ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

 

ޝާހުރުކްގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު ހަތަރުވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މި ފިލްމަށް ވީއިރު، މި ފިލްމަށް ވުރެ ކުރީގައި އަދިވެސް އުޅެނީ، "ހެޕީ ނިއު އިޔާ" އާއި، "ޗެންނާއީ އެކްސްޕްރެސް" ގެ އިތުރުން "ދިލްވާލޭ" އެވެ. 85 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މިފިލްމު ހިޓަކަށް ވެގެންދާނީ ފިލްމަށް 100 ކްރޯޑް ރުޕީސް ލިބުމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް