ކ. މާލެ
|
24 ޖެނުއަރީ 2017 | އަންގާރަ 15:24
މެޝިންގެ ޕޯސްޓަރެއް
މެޝިންގެ ޕޯސްޓަރެއް
ގޫގުލް
ބޮލީވޫޑް
ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
 
މިފިލްމު ވެގެންދާނީ އައްބާސް-މުސްތަންގެ މަޤްބޫލުކަން އިތުރުވެގެންދާނެ ފިލްމަކަށް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރޭ
 
އެކްޓު ކުރުމަށްވުރެ ބޮޑަށް ކުރިއަށް ދާހިތްވަނީ ފިލްމު އުފެއްދުމުގެ ރޮނގުން: މުސްތަފާ

އައްބާސް އާއި މުސްތާން ބަރުމަވާލާގެ ފިލްމު "މެޝިން" މާޗް މަހު ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

 

އައްބާސްގެ ފިރިހެން ދަރިފުޅު މުސްތަފާގެ ފުރަތަމަ ފިލްމު "މެޝިން" ގައި އޭނާއާއެކު ދެން ފެނިގެންދާނީ ކިއާރާ އަދްވާނީއެވެ.

 

މުސްތަފާގެ އެކްޓިންގ ކެރިއަރުގެ ފެށުން ކަމުގައިވާ މިފިލްމު ވެގެންދާނީ އައްބާސް އާއި މުސްތާންގެ މަޤްބޫލުކަން ވެސް އިހުނަށް ވުރެ އިތުރުވެގެންދާނެ ފިލްމަކަށް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެހެންނަމަވެސް، މުސްތަފާ ބޭނުންވަނީ އެކްޓު ކުރުމުގެ ބަދަލުގައި ފިލްމު އުފެއްދުމުގެ ދާއިރާއިން ކުރިއަރައިގެން ދާން ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ވަނީ ނިއުޔޯކްގެ ފިލްމު އެކެޑެމީގައި އެދާއިރާއިން ކޯހެއް ވެސް ފުރިހަމަ ކޮށްފައެވެ.


ބައްޕަ އައްބާސް އަދި ބޮޑުބޭބެ މުސްތާންއެކޭ އެއްފަދައިން މުސްތަފާ ވެސް ޝައުޤުވެރިވަނީ އެކްޝަން ތްރިލާ ޖޯންރާގެ ފިލްމުތަކަށް ކަމުގައިވީއިރު، މާޗް މަހު ރިލީޒްކުރާ ފިލްމު "މެޝިން" އަކީ ވެސް އެކްޝަން ތްރިލާއެކެވެ. މިފިލްމުގެ ތިން ޕޯސްޓަރު މިހާތަނަށް ނެރެފައިވާއިރު، މިއީ ތަފާތު ޙާދިސާތަކުގެ މައްޗަށް އެކުލެވޭ ލޯބީގެ ވާހަކައެކެވެ.

ޢުމުރުން 28 އަހަރުގެ މުސްތަފާ ވަނީ 2012 ވަނަ އަހަރުގެ ތެރޭގައި ފިލްމެއްގެ އެންމެ މަންޒަރެއްގައި ސޯނަމް ކަޕޫރާއެކު ޙަރަކާތްތެރިވެފައެވެ.

 

އައްބާސް-މުސްތާންގެ އުފެއްދުންތަކަކީ މިހާތަނަށް ބޮލީވުޑްގައި އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ އުފެއްދުންތަކެކެވެ. އެގޮތުން، 1992 ވަނަ އަހަރު ނެރުނު ފިލްމު "ކިލާޅީ" އާއި ޖެހިގެން އައި އަހަރު ނެރުނު ފިލްމު "ބާޒީގަރް" ގެ އިތުރުން 2001 ވަނަ އަހަރު ނެރުނު "އަޖްނަބީ" ފާހަގަކޮށްލެވެއެވެ. އައްބާސް އާއި މުސްތާންގެ އިތުރު ފިލްމުތަކުގެ ތެރޭގައި 2006 ވަނަ އަހަރު ނެރުނު "36 ޗައިނާ ޓައުން" އާއި 2008 ވަނަ އަހަރު ނެރުނު "ރޭސް" އަދި 2013 ވަނަ އަހަރު ނެރުނު އެފިލްމުގެ ސީކުއެލް "ރޭސް 2" ހިމެނެއެވެ.

 

އައްބާސްގެ ދަރިފުޅު ބޮލީވުޑަށް ލޯންޗުކުރާ ފިލްމު "މެޝިން" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް