ކ. މާލެ
|
23 ޖެނުއަރީ 2017 | ހޯމަ 13:28
ފިލްމުގައި އެކުލެވޭ މަންޒަރުތަކަކީ ޤަސްދުގައި ޖުޑީޝަރީގެ އަގު ވައްޓާލަން ހިމަނާފައިވާ މަންޒަރުތަކެއް: އެޑްވޮކޭޓް އަޖޭކުމާރް
ފިލްމުގައި އެކުލެވޭ މަންޒަރުތަކަކީ ޤަސްދުގައި ޖުޑީޝަރީގެ އަގު ވައްޓާލަން ހިމަނާފައިވާ މަންޒަރުތަކެއް: އެޑްވޮކޭޓް އަޖޭކުމާރް
ގޫގުލް
އަކްޝޭ ކުމާރާއިގެން ކޯޓަށް
"ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި
 
ފިލްމުގެ ޓްރެއިލާ ދެއްކުން ހުއްޓާލުމަށް އެދި އަމުރަކަށް ވަނީ އެދިފައި
 
ކޯޓުގެ ޙުރުމަތް ކެނޑޭ ފަދަ މަންޒަރުތައް ހިމަނާފައިވުމުގެ ސަބަބުން ވަކީލުންނަށް އަސަރުކުރާ ކަމަށް ޕެޓިޝަނުގައި ވަނީ ބުނެފައި

އަންނަ ފެބްރުއަރީ މަހު ނެރުމަށް ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި އެޑްވޮކޭޓް އަޖޭކުމާރް އެސް ވަގްހްމާރް މުމްބާއީގެ ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ފޮކްސް ސްޓާރ ސްޓޫޑިއޯސްއިން ޕްރޮޑިއުސްކޮށް، ސުބާޝް ކަޕޫރު ޑައިރެކްޓްކުރާ ކޮމެޑީ ޑްރާމާ ފިލްމު "ޖޯލީ އެލް.އެލް.ބީ 2" ގެ ޓްރެއިލާގައި ހިމަނާފައިވާ މަންޒަރުތަކުގެ ތެރޭގައި ތާސްކުޅޭ މަންޒަރުގެ އިތުރުން ކޯޓު ތެރޭގައި ނަށާ މަންޒަރު ދައްކާފައި ވުމުގެ ސަބަބުން ވަކީލުންނަށް އޭގެ އަސަރު ކޮށްފައިވާ ކަމަށް އަޖޭކުމާރް ހުށަހެޅި ޕެޓިޝަނުގައި ވަނީ ބަޔާންކޮށްފައެވެ. އެ ޕެޓިޝަނުގައި އިތުރަށް ބުނެފައިވަނީ ފިލްމުގެ ނަމުގެ ފަހަތުގައި "އެލް.އެލް.ބީ" ހިމަނާފައިވަނީ "ޤަސްދުގައި އިންޑިޔާގެ ޤާނޫނީ މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގު ވައްޓާލުމުގެ ނިޔަތުގައި" ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި ފިލްމުގައި ހިމަނާފައިވާ އެފަދަ މަންޒަރުތަކުން ދޭހަވަނީ ޖުޑީޝަލް ދާއިރާއަށް އެއްވެސް ކަހަލަ އިޙުތިރާމެއް އަކްޝޭގެ ޓީމުން ނުކުރާކަން ކަމަށްވެސް އެޕެޓިޝަނުގައި ވަނީ ބުނެފައެވެ.

"އެލް.އެލް.ބީ" ނުވަތަ "ލެޓިން ލީގަމް ބެކެލޯރިއަސް" އަކީ ޤާނޫނު ތަންފީޒުކުރާ ގިނަ ޤައުމުތަކުގައި ޤާނޫނީ ދާއިރާއިން ފުރަތަމަ ޕްރޮފެޝަނަލް ޑިގްރީއެއްގެ ގޮތުގައި ހުށަހަޅާ ބެޗެލަރ އޮފް ލޯ ޑިގްރީއެކެވެ.

ޖެނުއަރީ 24 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވާ މި ޕެޓިޝަނުގައި އެދިފައިވަނީ "ޖޯލީ އެލް.އެލް.ބީ 2" ގެ ޓްރެއިލާ ސޯޝަލް މީޑިއާގައާއި ޓީވީ ޗެނަލްތަކުން ދެއްކުން ވަގުތުން ހުއްޓުވާލުމަށް އަމުރެއް ނެރެދިނުމަށެވެ.

މިއީ އަކްޝޭގެ ފިލްމެއްގެ ސަބަބުން އިންޑިޔާގެ އެތައް ބައެއްގެ ހިތް ނުތަނަވަސްވީ ފުރަތަމަ ފަހަރެވެ.

ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގައި ފެނިގެންދަނީ ކުދިކުދި ކޭސްތަކުގައި ވަކާލާތު ކުރަމުން އައިސް ލިބުނު ވަރުގަދަ ކޭސްއަކާއި ގުޅިގެން ޙަޔާތް ބަދަލުވެގެންދާ ވަކީލެއްގެ ވާހަކައެވެ. 2013 ވަނަ އަހަރު ނެރުނު "ޖޯލީ އެލް.އެލް.ބީ" ގެ ސީކުއެލްއެއް ކަމަށްވާ މިފިލްމުގައި އަކްޝޭ ކުމާރާއެކު ހުމާ ޤުރޭޝީ ލީޑް ރޯލުން ފެނިގެންދާނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް