ކ. މާލެ
|
17 ޖެނުއަރީ 2017 | އަންގާރަ 14:30
ސާރާ ޚާދިމް ޗެސް ކުޅެން ފެށީ ޢުމުރުން އެންމެ އަށް އަހަރުގައި
ސާރާ ޚާދިމް ޗެސް ކުޅެން ފެށީ ޢުމުރުން އެންމެ އަށް އަހަރުގައި
ގޫގުލް
ޗެސް ކުޅުންތެރިޔާ ސާރާ
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
 
ސާރާއަކީ ޢުމުރުން އެންމެ 12 އަހަރުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް
 
ޗެސް އަކީ މީހާގެ ވިސްނުން ރަނގަޅުވެ، ރީތި ދިރިއުޅުމަކަށް މަގުފަހިވާ ކުޅިވަރެއް: ސާރާ

އީރާންގެ ޗެސް ކުޅުންތެރިޔާ ސާރާސާދަތް ޚާދިމަލްޝަރީޢާ، މަޤްބޫލު ނަމުން ނަމަ ސާރާ ޚާދިމް ޗެސް ކުޅެން ފެށީ އޭނާގެ ޢުމުރުން އެންމެ އަށް އަހަރުގައެވެ. ޢުމުރުން 19 އަހަރުގެ ސާރާ އަކީ ޗެސް ކުޅުމުގެ ރޮނގުން އިންޓަނޭޝަނަލް މާސްޓަރ އަދި ވުމަން ގްރޭންޑް މާސްޓަރ ގެ ޝަރަފްވެރި މަޤާމްތައް ހޯދާފައިވާ ކުޅަދާނަ ކުޅުންތެރިއެކެވެ.

 މިކުޅިވަރަށް އޭނާ ޝައުޤުވެރިކަން އިތުރުވެގެން ދިޔައީ ކުޅެން ފެށިތާ އެންމެ ހަތަރު އަހަރު ފަހުން އޮތް 12 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު ކަމަށް ސާރާ ބުނެއެވެ. އޭނާއާއެކު ކިޔަވަމުން އައި ރަޙުމަތްތެރިއަކު ޗެސްގެ ވާހަކަ އޭނާ ގާތު ބުނުމުން ވެދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތި ފެށި ކުޅިވަރު، އޭނާއަށް ކިޔެވުމަށްވުރެ މުހިއްމު ވެގެން ދިޔަ ހިސާބަކީވެސް އެއީއެވެ.

މިއަހަރު އޮންނަ ވުމަންސް ވޯލްޑް ޗެމްޕިއަންޝިޕް އީރާނުގެ ވެރިރަށް ޠެހެރާނުގައި ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް އަލްޖަޒީރާގެ ޓީމުން ވަނީ ސާރާގެ އިންޓަވިއުއެއް ނަގާފައެވެ.

ސާރާއާއި ޙަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ކުޅިވަރުކުޅުމާއި ތަފާތު ކުޅިވަރު އިވެންޓްތަކަށް އަންހެނުން ދިއުން މަނާކުރާ ސަޤާފަތެއް އޮންނަ އީރާނުގައި، ތަފާތު ކުޅިވަރުތަކަށް ސަމާލުކަން ލިބެމުން އަންނައިރު، ވަކިން ޚާއްޞަކޮށް އަންހެން ކުދިންގެ މެދުގައި ކުޅިވަރުގެ ރޫޙު އިތުރުވަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

 

 

ދުނިޔޭގެ ޗެމްޕިއަންކަން ލިބުނު ގޮތް ކިޔައިދެމުން ސާރާ ބުނެފައިވަނީ އޭނާ ގްރޭޑް ދޭއްގައި ކިޔަވަމުން ދަނިކޮށް ރަޙުމަތްތެރިއަކު ޗެސްގެ ވާހަކަ ބުނިއިރު، އޭނާއަކީ ދުވަހަކު ޗެސް ބޯޑެއް ދެކުނުވެސް ދަރިވަރެއް ނޫން ކަމަށެވެ. އޭނާގެ ޢާއިލާގައިވެސް ޗެސް ކުޅޭ މީހަކު ނުހުންނަކަމަށް ބުނަމުން ސާރާ ބުނީ، އެންމެ ފުރަތަމަ ޗެސް ކުޅެން ފެށީ ހުސް ވަގުތުގައި ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް، ދުވަސްވަމުން ދިޔަ ވަރަކަށް ޗެސްއަށް ޝައުޤުވެރިކަން އުފެދި، ދުވާލަކު ހަ ގަޑިއިރު ނުވަތަ ހަތް ގަޑިއިރު ޗެސް ކުޅުމުގައި ހޭދަކުރަން ފެށި ކަމަށެވެ. އަދި ހަތަރު އަހަރު ފަހުން އެ ހުރިހާ ވަގުތެއްގެ އަގު އަދާ ކުރެވުނީ ދުނިޔޭގެ ޗެމްޕިއަންކަން ޢުމުރުން އެންމެ 12 އަހަރުގައި ލިބުމުން ކަމަށް ސާރާ ބުންޏެވެ.

ސާރާ ބުނީ ޗެސްއަކީ ކަންކަމާމެދު މީހާގެ ސަމާލުކަން އިތުރުވެ، ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ ކުއްޖަކު އެކަމުންވެސް ކުރިއަރައިގެން ދާނެ ކަމަށް ކަމަށެވެ. އެހެންނަމަވެސް، އޭނާއަށް ދިމާވީ މުޅިން ތަފާތު ގޮތަކަށް ކަމަށް ބުނަމުން، ސާރާ ބުނީ، ޗެސްއަށް އުފެދުނު ޝައުޤުވެރިކަމާއެކު އޭނާ ސްކޫލަށް ދިއުން މަދުވެ، ކިޔެވުމަށްވެސް ދަށްވާން ފެށި ކަމަށެވެ. އެހެންނަމަވެސް، ބައްޕަގެ އެހީތެރިކަމާއެކު އިމްތިޙާންތަކުން މަތީ ވަނަަތަކެއް ނުލިބުނު ކަމުގައިވިޔަސް ފާސްވާވަރު ވާ ކަމަށް ސާރާ ބުންޏެވެ.

ޗެސްއަކީ އޭނާއަށް މުހިއްމު އެއްޗެއް ކަމުގައި ވީ ދުނިޔޭގެ ޗެމްޕިއަންކަން ލިބުނު ހިސާބުންނެވެ. އޭރު އޭނާއަކީ މުޅި އީރާނުންވެސް އެޝަރަފްވެރި މަޤާމް ކަށަވަރުކުރި ތިން ވަނަ މީހާއެވެ. އޭގެ ފަހުން ޗެސް އަކީ އޭނާގެ ޕްރޮފެޝަން ކަމުގައި ވެގެން ދިޔައެވެ.

ކޮންމެއަކަސް ކިޔެވުމަށްވެސް ޝައުޤުވެރިކަން ހުންނަ ސާރާ މިހާރު ރާވަމުން ގެންދަނީ ގްރެފިކްސް ޑިޒައިނިންގ ދާއިރާއިން ތަޢުލީމް ޙާޞިލް ކުރުމަށެވެ. އޭނާ މިހާރު ވަނީ ޔުނިވަސިޓީއަކަށް އެޕްލައި ކޮށްފައެވެ. އެހެންނަމަވެސް، ވާނެ ގޮތެއް އަދި ނޭނގޭ ކަމަށް ސާރާ ބުނެއެވެ.

އީރާނުގައި ކުރިއަރަމުން އަންނަ ޗެސްއަށް އެޤައުމުގެ ޒުވާނުންގެ ޝައުޤުވެރިކަން އިންތިހާއަށް އިތުރުވަމުން އަންނައިރު، އެޤައުމުގެ ޗެސް ޤައުމީ ޓީމުގައި 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުޅުންތެރިން ހިމެނެއެވެ. އެހެންކަމުން އީރާނުގައި މި ކުޅިވަރަށް ވަރަށް އުޖާލާ މުސްތަޤްބަލެއް އެބައޮތް ކަމަށް ބެލެވެއެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އީރާނުގައި ފުޓުބޯޅަ ފިޔަވާ ދެވަނައަށް އެންމެ ގިނަ މީހުން ކުޅޭ ކުޅިވަރަކީވެސް ޗެސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް