ހޮނިހިރު 24 އޮކްޓޯބަރ 2020
07 ހެއި
1442 ރަބީއުލް އައްވަލް 07
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:05
ރޯދަ ޤަޟާކުރުން:

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

  • ފާއިތުވީ ރޯދަ ޤަޟާކުރާން ކަމުދާނީ ސުންނަތް ރޯދަހިފާން ކަމުދާ ދުވަސް ދުވަހެވެ.

ކ. މާލެ | 14 ޖޫން 2018 | ބުރާސްފަތި 14:53 | 18,354

ސުންނަތް ރޯދަ އާއި، ޤަޟާ ރޯދަ ހިފާ ދުވަސްތަކުގައި ވެސް ޤުރްއާން ކިޔެވައި، އަޅުކަމުގައި އުޅުމަކީ ވަރަށް މުހިންމު ކަމެއް - މުހައްމަދު ޝަރުހާން

ރަމަޟާންމަހުގައި ރޯދަވީއްލުން ހުއްދަކުރާ ޢުޒުރުތަކުގެ ތެރެއިން ޢުޒުރެއް މެދުވެރިވެގެން ނުވަތަ ރޯދަގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެގެން ރޯދަ ގެއްލުމުން ނުވަތަ ތިމާގެ ރޯދަ ވީއްލުމުން ނުވަތަ ގަސްތުގައި އެފަދަ ކަމެއް ކޮށް ރޯދަ ނަގައިލުމުން ފާއިތުވެގެންދާ ރޯދަ ޤަޟާކުރުމަށް އަވަސްވެގަތުމީ މުސްތަޙައްބު ސުންނަތެކެވެ. ގިނަ ރޯދަތަކެއް ޤަޟާކުރަންވެފައި ވާނަމަ ވިދިވިދިގެން އެރޯދަތައް ހިފުން ވެސް އެފަދައެވެ. އަނެއް އަހަރު ރަމަޟާންމަހާއި ދެމެދު އެރޯދަތައް ކިރިޔާ ހިފޭހައި ދުވަސް ނޫނީ ނެތިއްޖެ ނަމަ، ޤަޟާކުރުމަށް އަވަސްވެގަތުން ވާޖިބުވެދެއެވެ. އަނެއް އަހަރުގެ ރަމަޟާންމަސް އަތުވެއްޖައުމަށް ދާންދެން ފަސްކޮށްފައި ނަމަ ޤަޟާކުރުމާ އެކު ފިދުޔަދިނުން ލާޒިމުވާނެއެވެ. ތަކުރާރުވަމުންދާ ކޮންމެ އަހަރަކަށް މިބުނި ފިދުޔަ ތަކުރާރުކުރަންޖެހޭނެއެވެ.

 ފާއިތުވީ ރޯދަ ޤަޟާކުރާން ކަމުދާނީ ސުންނަތް ރޯދަހިފާން ކަމުދާ ދުވަސް ދުވަހެވެ. ރޯދަހިފުން ޙަރާމްވެފައިވާ ދުވަސް ދުވަހާއި ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަސް ދުވަހު އެފަދަ ރޯދަހިފުން ހުއްދައެއްނޫނެވެ. ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަހަކީ އެހެން އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކެވެ. ނުވަތަ ވަކި މިވެނި ދުވަހަކު ރޯދަހިފާން ނަދުރުގެންފައިވާ ދުވަހެވެ.

ފާއިތުވީ ރޯދައެއް ނުވަތަ ރޯދަތަކެއް ޤަޟާންކުރާންވެފައި އޮތުމާ އެކު ޤަޟާނުކުރެވިގެން އުޅެނިކޮށް މަރުވެއްޖެ ނަމަ އެއިން ކޮންމެ ރޯދައަކަށް މުއްދެއް ބެހުމީ އެމީހާގެ ވަލީވެރިޔާގެ މައްޗަަށް ވާޖިބުވެގެންވާ ކަމެކެވެ. މުއްދުބެހުމަކާ ނުލައި އެރޯދަތައް އެމީހާގެ މަތީން ވަލީވެރިޔާ ހިފުން ވެސް ހުއްދައެވެ.

ފާއިތުވި ރޯދައިގެ ނިޔަތް:

ދުލުން ކިޔާނީ نَوَيْتُ صَوْم غَدٍ عَنْ قَضَاءِ مَافَاتَ مِنْ شَهْرِ رَمَضَانَ لِلَّهِ تَعَالى މިފަދައިންނެވެ. ހިތުން ނިޔަތް ގަންނާނީ ރަމަޟާންމަހުން ފާއިތުވި ފަރުޟުރޯދަ ޤަޟާކުރުމަށްޓަކައި މާތްކަލާނގެ ކިބަޔަށް މާދަމާ ރޯދަހިފުމަށް ނިޔަތްގަތީމެވެ. މިފަދައިންނެވެ. އެހެން މީހަކުގެ ކިބައިން ޤަޟާކުރާ ރޯދައެއް ނަމަ لِلَّهِ تَعَالى ކިޔުމުގެ ކުރިއަށް عَنْ އިތުރުކޮށް އެމީހެއްގެ ނަންގެންނާނީއެވެ. مَثَلاً: عَنْ أَبِى (ތިމަންގެ ބަފައިގެ ކިބައިން) ނުވަތަ عَنْ فُلاَنٍ بِنْ فُلاَنٍ  (އެވެނިމީހާގެ ދަރި އެވެނި މީހާގެ ކިބައިން) لِلَّهِ تَعَالى މިފަދައިންެނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.