ކ. މާލެ
|
13 ޖެނުއަރީ 2017 | ހުކުރު 03:38
ދިވެހި ފިލްމް ބައިވެރިޔާގެ ޕޯސްޓަރު
ދިވެހި ފިލްމް ބައިވެރިޔާގެ ޕޯސްޓަރު
އަޒުމޫން އަހުމަދު
މުނިފޫހި
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
 
ދާއިރާ ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކަމާ ގުޅުންހުރި ފަރާތްތަކުން ކޮށްފައި ނުވުން
 
ފިލްމު ތަކުން އަބަދު އެއް މޫނު ތަކެއް ފެންނަމުންދިއުން
 
ދިވެހި ފިލްމު ތަކުގައި އަބަދު އެއްޒާތަކަށް މަންޒަރުތައް ފެނުން

ދިވެހި ފިލްމީ ދާއިރާ ކުރިނާރަ ވާހަކަ އާއި ދިވެހި ފިލްމީ ތަރިންނަށް ދުނިޔޭގެ އެހެން ގައުމު ތަކުގައި ފިލްމީ ތަރިންނަށް ދެވިފައިވާ އިހްތިރާމާއި ގަދަރު ނުދެވޭ ވާހަކައަކީ އާންމުކޮށް ދެކެވޭ ވާހަކަ އެކެވެ.

ހަމަ އެހެންމެ ދިވެހި ފިލްމު ތަކުގައި އަބަދު އެއްޒާތަކަށް މަންޒަރުތައް ފެންނަ ވާހަކަ އާއި ދިވެހި ހުރިހާ ފިލްމު ތަކުންވެސް އަބަދު އެއް މޫނު ތަކެއް ފެންނަމުންދާ ވާހަކަ އަކީ އަބަދުވެސް ދެކެވެމުންދާ ވާހަކަ ތަކެވެ.

ދިވެހި ފިލްމީ ދާއިރާއިން އާ މޫނު ތަކެއް ނުފެނުމާއި ފިލްމް ތަކުގައި މަގުމައްޗާއި ގޭތެރެ ފިޔަވާ އިތުރު ތަނެއް ނުފެނުމާއި މި ކަންކަން މިހެން ހިނގަނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ.

އިއްޔެވެސް އަދި މިއަދުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިހާތަނަށް ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކަމާ ގުޅުންހުރި ފަރާތްތަކުން ކޮށްފައި ނުވާ ކަމެވެ.

ފިލްމީ ދާއިރާއަށް އާ މޫނުތައް ގެނައުމަށް އެކަމަށް ޝައުގުވެރިވާ ކުދިނަނަށް ކަމާ ގުޅުންހުރި ތަމްރީނާއި ހުނަރު ދަސްކޮށް ނުދެވޭ ކަމީ ދިވެހި ފިލްމީ ދާއިރާކުރިއަރައިގެން ނުދިއުމުގެ އަސްލެވެ.

ދުނިޔޭގެ އެހެން ގައުމު ތަކުގައި މުނިފޫހި ފިލުވުމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ހުނަރު ދަސްކޮށްދޭ އިންސްޓިޓިއުޝަންތައް ހުރި ނަމަވެސް ރާއްޖެގެ ފިލްމީ ދާއިރާގައި އެންމެ ކުރިން ފެށިގެންވެސް މިއަދާ ހަމައަށް ވެސް ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ހުނަރު ދަސްކޮސްދޭނެ އިންސްޓިޓިއުޓެއް ނެތުމަކީ މިދާއިރާ ކުރިއަށް ނުދިއުމުގެ ދިމާވެފައިވާ ދަތިކަމެކެވެ.

މީގެ އިތުރުން ކޮންމެ އަހަރަކުވެސް ނިކުންނަ ފިލްމު ތަކުގެ އަދަދު މަދުވަނީ ފިލްމު އުފައްދަން އެކަށީގެންވާ ބަޖެޓެއް ނުލިބޭތީ ކަމަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ދިވެހި ފިލްމީ ދާއިރާގައި މިއަދާ ހަމައަށްވެސް ދެމި އޮތީ މި ދާއިރާގައި ޝައުގެވެރިކަމާއި އެކު މަސައްކަތް ކުރާމީހުން އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރާ މަސައްކަތުންނެވެ. ސަރުކާރުން ފިލްމު އުފައްދާ ފަރާތްތަކަށް ލޯނެއް ލިބެނޭ ފުރުސަތު ތަކެއް ހޯދައިދީފައިވާ ނަމަ ފިލްމް އުފައްދާ ފަރާތްތަކަށް ގިނަ ފިލްމް ތައް އުފެއްދިގެން ދާނެއެވެ.

ހަމައެކަނި ލޯބީގެ ފިލްމްތައް އުފެއްދުމުގެ ބަދަލުގައި "1962 ތެނަދޫ" ފަދަ ފިލްމްތައް ރާއްޖޭގެ ތާރީޚް ދައްކުވައިދޭ ހަގީގީ ހާދިސާތަކުގެ މައްޗަށް އުފައްދާ  ހިސްޓޯރިކަލް ފިލްމްތައް އުފެއްދުމަށް ސަރުކާރުން ފުރުސަތު ތަނަވެސްކޮށް ދިނުމަކީވެސް ބެލުންތެރިން ޝައުގުވެރިވާފަދަ މޮޅު ފިލްމްތަކެއް އުފެދި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.

ކޮންމެ ދާއިރާއެއްވެސް ކުރިއަރައިގެން ދާނީ އެދާއިރައަކުން އެކަށީގެންވާ ތަމްރީން ތަކެއް ލިބިފައިވާ މީހުން އެދާއިރާއެއްގައި ހަރަކާތްތެރި ވުމުން ނެވެ. ހަމަ އެގޮތަށް ފިލްމީ ދާއިރާވެސް ކުރިއަރައިގެން ގޮސް މި ދާއިރާއިން އާ މޫނުތައް ފެނިގެންދާނީ ރަނަގަޅު އާމްދަނީއެއް ލިބި އަދި އެކަށީގެންވާ ތަމްރީންތަކެއް ލިބިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް