ކ. މާލެ
|
12 ޖެނުއަރީ 2017 | ބުރާސްފަތި 21:34
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ހަސަން ލަތީފް ނ. އަތޮޅުގައި: އެމްޑީޕީން ދަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް ތައްޔާރުވަމުން.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ހަސަން ލަތީފް ނ. އަތޮޅުގައި: އެމްޑީޕީން ދަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް ތައްޔާރުވަމުން.
ރާއްޖެއެމްވީ
ލާމަރުކަޒީ ނިޒާމު
އިންތިޚާބުގައި ވާދަކުރަންވީތަ؟ ނުކުރަންވީތަ؟
 
ލޯކަލް ކައުންސިލް އިންތިޚާބުގައި އަދާލަތުން ވާދައެއް ނުކުރާނެ
 
އިންތިޚާބުގައި ވާދަކުރުމާ މެދު އިދިކޮޅު އިއްތިހާދުގެ ހިޔާލު ވަނީ ތަފާތުވެފައި

އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްކުރާ ކަން ވަރަށް ހާމަކަށް ބޮޑު ގޮތެއްގައި އެ އޮތީ ފެންނަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހިނގަމުންދާ ކަންކަމަށް ބެލުމުން އެކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތެވެ. އިންސާފުވެރި އިންތިޚާބެއް ނުލިބޭނެކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރެއެވެ. ހާއްސަކޮށް އިދިކޮޅު ފަރާތްތަކެވެ. އެފަދަ އިންތިޚާބެއްގައި ބައިވެރިވުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟ ނުވަތަ ބައިވެރި ނުވެ ދޫކޮށްލުމަކީ ޖަރީމާ ހިންގަން ދެވޭ ފުރުސަތެއް ހެއްޔެވެ؟

އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް އެތައް "ޖަރީމާތަކެއް" އެ ދަނީ ހިންގަމުންނެވެ. ކެންޑިޑޭޓުން ކުރިމަތިލައި ކަނޑައަޅައި ނިމިފައި ވަނިކޮށް އަނެއްކާ އަލުން އިންތިޚާބަކަށް ހުޅުވައިލީ ކީއްވެގެންކަން އެންމެންނަށް ވެސް އެނގެއެވެ. ވަކި ޕާޓީއަކަށް ތައްޔާރު ނުވެވޭތީ ކޯޓު މެދުވެރިކޮށް އިންތިޚާބު ހުއްޓުވުމުން ކޯޓުގެ ހުކުމަށް ތަބާވުމުގެ ނަމުގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ކުރިމަތިލެވޭ ގޮތަށް އަލުން އިންތިޚާބު އެވަނީ އިއުލާނުކޮށްފައެވެ. އެއީ ވެސް ސީދާ ބޭއިންސާފުން ހިންގި ކަމެއްކަން އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންތިޚާބުގައި ވާދަކުރުމާއި ކެމްޕެއިންކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެކެވެ. ނަމަވެސް ކެމްޕެއިންކުރުމުގެ ފުރުސަތު ވަކި ބަޔަކަށް ވާގޮތަށް ކަންކަން ވަނީ އިންތިޒާމުކޮށްފައެވެ. މަގުމައްޗަށް ކުނި އެޅޭތީ ޕޯސްޓަރު ހިއްޕޭކަށް ނެތެވެ. ޕޯސްޓަރު ބަހައި ކެމްޕެއިން ހަރަކާތްތައް ހިންގޭކަށް ނެތެވެ. ދުއްވާ އުޅަނދުފަހަރަށް އުނދަގޫވެ މަގު ބަންދުވާތީ ލޮރީ ބުރެއް ބޭއްވޭކަށް ނެތެވެ. މަގުމައްޗަށް އެއްވެވޭކަށް ނެތެވެ. ދެން އިންތިޚާބަކަށް މީހަކު ކެމްޕެއިން ކުރާނީ ކިހިނެއް ހެއްޔެވެ؟

މާލޭގައި އެއްވުންތައް އެއްވުމަށް ކަނޑައަޅާފައި އޮތީ އެންމެ ސަރަހައްދެކެވެ. ކާނިވާ ސަރަހައްދު އެ ކަމަށް ކަނޑައެޅިއިރު އެތަން ވެސް ދޫކުރުމުގައި އިންސާފެއް ނެތެވެ. އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ޖަލްސާއެއް ބާއްވާލާނެ ތަނެއް ނުލިބެއެވެ. މުޅި އިންތިޚާބު ނިމެންދެން ސަރުކާރު ހިންގާ ޕީޕީއެމްއަށް ދަރުބާރުގެ ދީފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކަށް ސްކޫލެއްގެ ކުޑަ ކްލާސްރޫމެއް ވެސް ނުލިބެއެވެ. ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތެއް ވެސް ނެތް އިންތިޚާބެއްގައި ވާދަކުރުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

އިންތިޚާބުގައި ބައިވެރިވުމާ މެދު އިދިކޮޅު ކޯލިޝަންގެ މެދުގައި ވެސް ވަނީ ހިޔާލު ތަފާތުވެފައެވެ. އަދާލަތު ޕާޓީން ވަނީ އިންސާފުވެރި އިންތިޚާބެއް ލިބެން ނެތް ކަމަށް ބަލައި އިންތިޚާބުގައި ވާދަނުކުރަން ނިންމާފައެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދުގެ ވިސްނުންފުޅަކީ ވެސް އެއީ އެވެ. އިންސާފުގެ އެންމެހާ ހަމަތަކުން ނެއްޓިފައިވާ ޖަރީމާތަކުން ދުރުވާންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވެފައި ވެއެވެ. އަދި އަދާލަތު ޕާޓީގެ ނިންމުމަށް ހިތްވަރު ދެއްވާފައި ވެއެވެ.

އަލީ ވަހީދު މިގޮތަށް ވިސްނެވި ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޭ ގޮތުގައި ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ދެމި ތިބެންޖެހެއެވެ. އެމްޔޫއޯގެ ހިޔަނި ކެބިނެޓްގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނުމަށް ވަރަށް މުހިއްމު އިންތިޚާބެއް ކަމަށެވެ.

އަލީ ވަހީދު ފާހަގަކުރެއްވި ފަދައިން ކަނޑައެޅިގެން މަކަރު ހަދާނެ އަދި ބޭއިންސާފުން ކަންކަން ހިނގާނެ އިންތިޚާބެއްގައި ވާދަކުރުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އަނެއްކޮޅުން ސަރުކާރުން ހަދާނެ އެއްޗެއް ހަދަން ދޫކޮށްލައި ބަލި ގަބޫލުކޮށްގެން އިންތިޚާބުތަކާ ދުރުގައި ތިބުމަކީ ހަމަޖެހޭ ކަމެއް ހެއްޔެވެ؟ އެކަމުން ލިބޭނީ ފައިދާތޯ ނުވަތަ ގެއްލުންތޯ މި ވަނީ ސުވާލު އުފެދިފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް