ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 16:31
ޒަކާތް ބަލައިގަތުމުގެ ހިދުމަތް އިސްލާމީ މަރުކަޒުގައި ގާއިމުކުރެވިފައި
ޒަކާތް ބަލައިގަތުމުގެ ހިދުމަތް އިސްލާމީ މަރުކަޒުގައި ގާއިމުކުރެވިފައި
މުހައްމަދު ޝަރުހާން
ރޯދައާއި ދީން
ފިޠުރު ޒަކާތް
 
ޒަކާތް ނުދީ ތިބޭ މީހުންގެ އަތުން ގަދަކަމުން ވެސް އަތުލައިދެވޭންވާ އެއްޗެކެވެ.

ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެއީ ތަނަވަސްކަމާއި މުއްސަނދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް މާތް އިސްލާމްދީން ލިބިދޭ ޙައްޤެކެވެ.

ކީރިތި ޤުރްއާނުގައި ޒަކާތާމެދު އަޅުއްވާފައިވާ ބާރަކީ އެކަކަށް ވެސް ވަންހަނާވެގެންވާ ކަމެއް ނޫނެވެ. އާއެކެވެ! ނަމާދުކުރުމަށް ކުރައްވާފައިވާ ކޮންމެ އަމުރުފުޅަކާއި ވިދިގެން އޮންނަނީ ޒަކާތްދިނުމަށް ކުރައްވާފައިވާ އަމުރުފުޅެވެ. މާތް ޤުރްއާނުގެ އެއްތަނަށްވުރެ ގިނަތާގައެވެ. ކައުއިތުރު ރަސޫލު الله صلى الله عليه وسلم ގެ ޙަދީޘްފުޅުވެސް ހަމައެފަދައެވެ. ޒަކާތްދިނުމުން ތިމާއަށާއި، ތިމާގެ މުދަލަށްލިބޭނޭ ބަރަކާތާއި ނުދީތިބުމުން ލިބޭނޭ ސުންޕާކަމާއި ގެއްލުންތައް ބަޔާންކުރައްވާފައިވާ އާޔަތްތަކާއި ޙަދީޘްތައް ގިނަ ގުނައެވެ.

ޒަކާތަކީ ޤުރްއާނާއި ޙަދީޘުގެ ދަލީލުން ފަރުޟުވެފައިވާ ކަމެކެވެ. ޒަކާތް ނުދީ ތިބޭ މީހުންގެ އަތުން ގަދަކަމުން ވެސް އަތުލައިދެވޭންވާ އެއްޗެކެވެ.

ޢަރަބިބުހުގައި ޒަކާތުގެ މާނައަކީ ޠާހިރުކުރުމެވެ. ނުވަތަ ބަރަކާތް ޙާޞިލްކުރުމެވެ. ފިޤުހު ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޒަކާތަކީ ވަކިމިންވަރެއް ހަމަވެއްޖެ މުދަލުން ވަކިމިންވަރަކަށް ނެގިގެން ޝަރުޠުތަކެއްގެ މަތީން ވަކިބަޔަކަށް ބަހައިދެވޭ މުދަލެކެވެ.

ޒަކާތްހުރީ ދެބަޔަކަށެވެ. އެއްބަޔަކީ މުދަލާއިގުޅިގެންހުރި ޒަކާތެވެ. އަނެއްބައަކީ ތިމާގެ ނަފްސާއި ގުޅިގެންހުރި ޒަކާތެވެ. ތިމާގެ ނަފްސާއިގުޅިގެން ހުރިޒަކާތަކީ ފިޠުރުޒަކާތެވެ.

ފިޠުރު ޒަކާތް:

ފިޠުރުޒަކާތަކީ އެޒަކާތްވާޖިބުވުމުގެ ޝަރުޠު ހަމަވެފައިވާ ކޮންމެ މީހަކުގެ މައްޗަށް ހުރި ޢައިނިއްޔަ ފަރުޟެކެވެ.

ފިޠުރު ޒަކާތް ވާޖިބުވުމުގެ ޝަރުޠު:

ފިޠުރުޒަކާތް ވާޖިބުވަނީ ހަތަރުކަމަކުންނެވެ.

  1. މުސްލިމަކު ކަމުގައިވުން.
  2. މިނިވަނަކު ކަމުގައިވުން.
  3. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސުމެވެ. ފަހު ރޯދަ ދުވަހުގެ އިރު ނުއޮއްސެނީސް މަރުވެއްޖެ މީހާއާއި ޢީދުވިލޭރޭ ވިހޭ ކުއްޖާގެ ފިޠުރުޒަކާތް ވާޖިބެއް ނޫނެވެ.
  4. ތިމާއާއި، ތިމާ ޚަރަދުދީގެން ބަލަހައްޓާން ވާޖިބުވެފައިވާ މީހުން ޢީދުދުވަހާއި ޢީދުވިލޭރޭ ކާނޭތަކެތި ހުރެފައި އެއަށްވުރެ އިތުރަށް އެއްޗެއް ހުރުމެވެ. އެހެން ޢިބާރާތަކުން ބުނަނީނަމަ ޢީދު ދުވަހާއި ބެހިގެން އެތަނެއްގައި އާދަވެގެން ހިންގާ ޚަރަދު ހިންގާފައި އިތުރަށް އެއްޗެއް ހުރުމެވެ.

ފިޠުރު ޒަކާތް ނެރުން ލާޒިމުވާ މީހުން:

ފިޠުރުޒަކާތް ވާޖިބުވެގެންވަނީ ތިމާގެ އަމިއްލަ ނަފުސުގެ މަތީންނާއި ތިމާ ޚަރަދު ދީގެން ބެލެހެއްޓުން ވާޖިބުވެފައިވާ މީހުންގެ މަތީންނެވެ. އެއީ އަބިމީހާއާއި، މައިންބަފައިންނާއި ދަރީންނެވެ. މިބުނި އެންމެންގެ މަތީން ފިޠުރު ޒަކާތް ދެވެން ނެތްނަމަ، އޭގެތެރެއިން ދިނުމަށް ކުޅަދާނަވީ ބަޔަކުގެ މަތީން ދޭނީއެވެ. ފިޠުރު ޒަކާތްދިނުމުގައި އެންމެ އިސްކުރާނީ ތިމާގެ އަމިއްލަ ނަފުސެވެ. ދެން ތިމާގެ އަބިމީހާއެވެ. ދެން ކުދި ދަރީންނެވެ. ދެން ބައްޕަގެ މިލްކުގައި ފިޠުރުޒަކާތްދެވޭ ފަދަ ނެތްނަމަ ބަފައެވެ. ދެން އެފަދަ ޙާލުގައި އިން މަންމައެވެ. ދެން އެފަދަ ޙާލުގައި ތިބި ބޮޑެތި ދަރީންނެވެ.

ފިޠުރު ޒަކާތަށް ނެރުން ވާޖިބުތަކެތި:

ފިޠުރުޒަކާތަށް ނެރުން ވާޖިބުވެގެންވަނީ އެމީހަކު ހުރި ރަށެއްގައި އެއަހަރު ދުވަހު އާދަވެގެން ކާންލިބުނު އެއްޗަކުންނެވެ. ނަމަވެސް އެއެއްޗަކީ ޒަކާތަށް ދިހަބައިކުޅަ އެއްބައި ނުވަތަ ވިހިބައިކުޅަ އެއްބައި ދޭންޖެހޭ (مُعَشَّرَاتُ ) ބާވަތުގެ އޮއްޓަރެއް ކަމުގައިވުމީ ޝަރުޠެކެވެ. އެއީ ކަދުރު، މޭބިސްކަދުރު، ނުވަތަ ހަނޑޫ، ގޮދަން، ބިންބި، އުރާ، ކުދިބަތް، މިފަދަ ތަކެއްޗެވެ. ފިޠުރުޒަކާތަށްދޭ ތަކެއްޗަކީ ޢައިބުތަކުން ސަލާމަތްވެގެންވާ ތަކެތި ކަމުގައިވުން ވާޖިބެވެ.

ފިޠުރު ޒަކާތަށް ނެރެންވީ މިންވަރާއި، ނެރެންވީ ވަގުތު:

ފިޠުރު ޒަކާތްނެރުން ވާޖިބުވެގެންވަނީ ކޮންމެ ފަރުދެއްގެ މަތީން ޞާޢެކެވެ. އެއީ ގާތްގަނޑަކަށް ދެނާޅިބައެވެ.

ފިޠުރު ޒަކާތް ނެރުން ވާޖިބުވުމުގެ ވަގުތަކީ ޢީދުވިލޭރެއަށް އިރު އޮއްސުމުންނެވެ. އިމްކާނުގައިވީ އެންމެ އަވަސް ފުރުޞަތެއްގައި ދިނުން ވާޖިބެވެ. ސުންނަތްވެގެންވަނީ ފިޠުރު ޢީދު ދުވަހުގެ ފަތިސް ނަމާދަށްފަހު ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތްނެރުމެވެ. ޢީދު ނަމާދު ވަގުތަށްވުރެ ޢުޒުރަކާއިނުލައި ފަސްކުޅައުމަކީ މަކުރޫހަކަމެކެވެ. ޢީދު ދުވަހުގެ އިރު އޮއްސިޖެއުމަށް ދާންދެން ފަސްކުޅައުން ޙަރާމެވެ. ރަމަޟާންމަހު އެންމެފަހު ދުވަހުގެ އިރު އޮއްސޭއިރު ތިމާހުރި ރަށެއްގައި ފިޠުރުޒަކާތް ނެރުން ވާޖިބެވެ.

އިތުރު ބަޔާނެއް:

ފަރުޟުކޮންމެ ޒަކާތެއް އަދާކުރުމުގައި ޝަރުޠުވެގެންވާ ދެކަމެއްވެއެވެ.

1. ނިޔަތްގަތުމެވެ. ނިޔަތް ގަންނާނީ "މިއީ ތިމަންގެ މުދަލު ޒަކާތޭ" ނުވަތަ "މިއީ ތިމަންގެ ފިޠުރު ޒަކާތޭ" މިފަދަ ކޮންމެވެސް ޢިބާރާތެއް ހިތަށް ގެނެސް ގަތުމުންނެވެ. ނިޔަތް ގަތުމަކާނުލައި އެއްޗެއް ބަހައި ދިނަކަސް ޒަކާތަކަށް ނުފުދޭނެއެވެ. ނިޔަތްގަންނާނެ ވަގުތަކީ ޒަކާތަށްނެރޭ އެއްޗެތި ތިމާގެ މުދަލުގެ ތެރެއިން ވަކިކޮށްލާ ހިނދެވެ. ނުވަތަ ޒަކާތް ބެހުމުގެ ވަކީލަކު އަތަށްދެވޭ ވަގުތެވެ.

2. ދެވަނަ ކަމަކީ ޒަކާތުގައި ހިފުމަށް ޙައްޤުވެގެންވާ މީހުންނަށް ދިނުމެވެ.

ނޯޓު: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
67%
33%
0%
0%
0%
0%
ކޮމެންޓް
2 ސެޕްޓެންބަރ 2020 | ބުދަ 10:49
މުހައްމަދު
ވަރަށް އުފާވެޖެ.🙂