ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 05:40
މުހައްމަދު އަބްދުﷲ
މުހައްމަދު އަބްދުﷲ
ފޭސްބުކް
ނެޝަނަލް ފިލްމް އެސޯސިއޭޝަން
ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ
 
ނިމިގެން ދިޔަ އަހަރު ބައްދަލުވުންތަކުން ނިންމި ކަންކަމުގެ ނަތީޖާ މި އަހަރު ފެނިގެން ދާނެ ކަމަށް ގަބޫލު ކުރަން
 
ގިނަ ކަންތައްތަކެއް ވާނެ ކަމަށް އުއްމީދުކުރި ނަމަވެސް އެ އުއްމީދުތައް ހާސިލް ނުވިކަން ގަބޫލު ކުރަން

ނިމިގެން ދިޔަ 2016 ވަނަ އަހަރު ނެޝަނަލް ފިމްމު އެސޯސިއޭޝަން އޮތީ ވާގިނެތިފައި ކަމަށް އެ އެސޯސިއޭޝަންގެ ޗެއަރޕާސަން މުހައްމަދު އަބްދުﷲ (މުހައްމާ) އަމިއްލައަށް އިއުތިރާފްވެ ވަޑައިގެންފި އެވެ.

 

ރާއްޖެ ޓީވީގެ "ކުލަ ސްކްރީން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ 2016 ވަނަ އަހަރު ވަރަށް ގިނަ ކަންތައްތަކެއް ވާނެ ކަމަށް އުއްމީދު ކުރި ނަމަވެސް އެ އުއްމީދުތައް ހާސިލް ނުވިކަން ގަބޫލު ކުރައްވާ ކަމަށެވެ.

 

މުހައްމާގެ ޗެއަރޕާސަންގެ ދަށުން 2011 ވަނަ އަހަރު ފިލްމީ ދާއިރާއަށް ކުރިއެރުންތަކެއް ލިބި ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔައީ މުހައްމާ ފާހަގަ ކުރެއްވި ގޮތުގައި އޭނާއާއެކު އޭރު ބޯޑުގައި މަސައްކަތް ކުރަން ތިބި ފަރާތްތަކަކީ އެކަމަށް ވަރަށް ގާބިލް ފަރާތްތަކަކަށް ވުމުންނެވެ. ނަމަވެސް 2016 ވަނަ އަހަރު ބޯޑުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ "ވާގިނެތިފައި" ތިއްބެވި ބޭފުޅުންގެ ގޮތުގައި މުހައްމާވަނީ ފާހަގަކުރައްވާފައެވެ.

 

"ހަގީގަތަކީ ބޯޑު އެކްޓިވް ނުވުން. ބޯޑު އެކްޓިވް ވެގެން އާންމު މެންބަރުން އެކްޓިވް ވާނީ" މުހައްމަ ވިދާޅުވިއެވެ.

 

ވައިސް ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ބޭފުޅާ އާއި ހަޒާންދާރުގެ މަގާމްގައި ހުންނެވި ބޭފުޅާއަށް ވެސް ދިމާވި ޕާސްނަލް ކަންތައްތަކެއްގެ ސަބަބުން ޒިންމާ އުފުލިފައި ނުވާކަން މުހައްމާ ވަނީ ފާހަގަ ކުރައްވާފައެވެ.

 

"ޕާސަނަލް ސަބަބުތަކަކާއި ހުރެ 7 ބޭފުޅުންގެ ބޯޑެއް އޮންނައިރު އެންމެ އިސް މަގާމުތަކުގައި ތިއްބެވި ދެތިން ބޭފުޅެއް ތިއްބެވީ ވާގިނެތިފަ،" މުހައްމާ ވިދާޅުވިއެވެ.

 

އެހެންކަމުން ކޯރަމް ހަމަނުވެގެން އެތައް މީޓީންތަކެއް ކެންސަލް ކުރަން ޖެހުނު ކަން މުހައްމާ ވަނީ ފާހަގަ ކުރައްވަފައެވެ.

 

މުހައްމާ ވިދާޅުވީ 2016 ވަނަ އަހަރު ވަރަށް ގިނަ ކަތައްތަކެއް ރޭވިފައި ހުރި ނަމަވެސް އެކަންކަން ތަންފީޒު ނުކުރެވޭ ކަމަށެވެ. އޭގެ ތެރެއިން ތަންފީޒު ކުރެވިފައިހުރި ކަންކަމުގެ ތެރޭގައި 2016 ވަނަ އަހަރު ފިލްމް އެސޯސިއޭޝަން ނެޝަނަލް އެސޯސިއޭޝަނަކަށް ވެގެން ދިއުމާއި ފިލްމް އެވޯޑު ނައިޓް ބޭއްވުން މުހައްމަ ވަނީ ފާހަގަ ކުރައްވަފައެވެ.

 

އެމްއެފްއޭ އެވޯޑު ނުބޭއްވުމާއި ރާވާފައިހުރި ބައެއް އިވެންޓްތައް ވެސް ނުބޭއްވިގެން ދިޔަދިއުމަކީ 2016 ވަނަ އަހަރު ބޭނުންވި މަގްސަދު މުޅިން ހާސިލްނުވެ ދިޔަ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް މުހައްމާ ވިދާޅުވިއެވެ.

 

މުހައްމާ ވިދާޅުވީ ފިލްމީ ދާއިރާގައި އެންމެ ރަނގަޅަށް ވަގުތު ދެވޭނެ ބޭފުޅަކީ މުހައްމާ ކަމަށް އޭނާ ގަބޫލު ކުރއްވާ ކަމަށާއި މުހައްމާ މިވަގުތު ހުންނެވި މަގާމުގެ ގޮތުން ވެސް ވަގުތު ނުދެވިގެން އެއްވެސް މަސައްކަތެއް ނުކުރެވި ނޯންނާނެ ކަމަށެވެ. އަދި ފިމްލީ ދާއިރާގެ މަސައްކަތަކީ ވަރަށް ވަގުތު ދީގެން މެނުވީ ނުކުރެވޭ މަސައްތަކެއް ކަމަށާއި މުހައްމާ ވަނީ އެކަށީގެންވާ ވަގުތު ދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.

 

ނިމިގެންދިޔަ އަހަރު ބައްދަލުވުންތަކުން ނިމިފައިވާ ކަންތައްތަކުގެ ނަތީޖާ 2017 ވަނަ އަހަރު ފެނިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މުހައްމާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް