ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 20:12
މާޒިޔާގެ ކޯޗު ސެކުލޮސްކީ ނޫސްވެރިންނާ ވާހަކަ ދައްކަނީ
މާޒިޔާގެ ކޯޗު ސެކުލޮސްކީ ނޫސްވެރިންނާ ވާހަކަ ދައްކަނީ
މުހައްމަދު ޝަރުހާން
މައުމޫން
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

ރާއްޖޭ ފުޓުބޯޅަ ދަންނަ ކަމަށާއި، ކާމިޔާބުކުރެވެން އޮތް ހުރިހާ އެއްޗެއް މާޒިޔާއާއެކު ކުރާނެ ކަމަށް އެ ކްލަބުގެ ކޯޗުކަމާ އަލަށް ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗު މަރްޔަން ސެކުލޮސްކީ ބުނެފި އެވެ.

 

ގަލޮޅު ދަނޑުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ސެކުލޮސްކީ ބުނީ އޭނާ އަށް ރާއްޖޭގެ ފުޓުބޯޅަ އަދި ރާއްޖޭގެ ޓީމުތައް ކޮންމެވެސް ވަރަކަށް އެނގޭ ކަމަށާއި، މަގާމާ ހަވާލުވީ ކާމިޔާބުކުރެވެން އޮތް ހުރިހާ އެއްޗެއް ކާމިޔާބުކުރަން ކަމަށެވެ.

 

ސެކުލޮސްކީ ބުނީ މާޒިޔާގެ މިވަގުތު އޮތް ސްކޮޑާއެކު އަދި ބޭރު ކުޅުންތެރިން ލައިގެން ކުރިޔަށް އޮތް ސީޒަނުގައި ތަފާތު ދެއްކިދާނެ ކަމަށާއި، ސީޒަނަށް ތައްޔާރުވާން ވެސް އޭނާ ގަބޫލުކުރާ ގޮތުގައި އަދި ބައިވަރު ދުވަސް އެބަ އޮތް ކަމަށެވެ. އެގޮތުން ރަނގަޅު ޓީމަކާއެކު އަންނަ ސީޒަނާ ކުރިމަތިލާނެ ކަމަށް ސެކުލޮސްކީ ވަނީ ބުނެފައެވެ.

 

އޭއެފްސީ ކަޕާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސެކުލޮސްކީ ބުނީ މުބާރާތް ކުޅޭ ސިސްޓަމަށް ބަދަލު ގެނެސްފައިވާ ކަމަށާއި، އެހެންނަމަވެސް މިހާރުގެ ސިސްޓަމަށް ވުރެ އޭނާ އަށް ރަނގަޅީ ކުރީގެ ސިސްޓަމް ކަމަށެވެ.

 

ސެކުލޮސްކީ ބުނީ މިހާރު ފޯމެޓް ބުނާ ގޮތުން ކުޅެން ޖެހޭނީ ހަ މެޗު ކަމަށާއި، އެ ހަ މެޗު ވެސް ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ އިދިކޮޅަށް ކޮންމެ ޓީމެއް ނިކުތަސް އޭނާ އަށް މައްސަލައެއް ނޫން ކަމަށެވެ.

 

އެހެންނަމަވެސް ހަ މެޗު ކާމިޔާބުކުރަން އުނދަގުވެދާނެ ކަމަށެވެ. އެގޮތުން ސެކުލޮސްކީ ބުނީ ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، ދެވަނަ ބުރަށް ކޮލިފައިވާން މަސައްކަތްކުރާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް