ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 06:00
ޑަންގަލްގެ ލީޑް އެކްޓަރުންނާއެކު ނަގާފައިވާ ޕޯސްޓަރެއް
ޑަންގަލްގެ ލީޑް އެކްޓަރުންނާއެކު ނަގާފައިވާ ޕޯސްޓަރެއް
އަޒުމޫން އަހުމަދު
މައުމޫން
ދިއްލީގައި "ޑަންގަލް" ޓެކްސް ފްރީ ކޮށްފި!

އާމިރް ޚާންގެ ފިލްމް "ޑަންގަލް" އަކީ ޓެކްސް ފްރީ ފިލްމެއްގެ ގޮތުގައި ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރ މަނީޝް ސިސޯޑިއާ ހަމަޖައްސައިފިއެވެ. މިކަން އިޢުލާންކުރަމުން މުނިފޫހިފިލުވުމުގެ ޑިޕާޓްމަންޓް ވެސް ބަލަހައްޓަވާ މަނީޝް ވިދާޅުވީ، އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި "ޑަންގަލް" ޓެކްސް ފްރީ ކުރުމަށް އިންޑިޔާ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަން މިހާރު ލިޔުމުން ވެސް އަންގާފައިވާ ކަމަށެވެ.

މަނީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ޑަންގަލް" އަކީ ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމަށް ވަރަށް ހިތްވަރުދޭ ފިލްމެއް ކަމަށެވެ.

ދިއްލީގެ އަވަށްޓެރި ސްޓޭޓްތައް ކަމަށްވާ ހަރިޔާނާ އާއި އުއްތަރް ޕްރަދޭޝްގައި ވެސް ދާދިފަހުން ވަނީ މިފިލްމު ޓެކްސް ފްރީ ކޮށްފައެވެ. 

އިންޑިޔާގެ ރެސްލަރ މަހާވީރް ސިންގް ޕޯގަޓްގެ މައްޗަށް ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ މިފިލްމު ރިލީޒްކޮށްފައިވަނީ ފާއިތުވި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މަހާވީރް ސިންގް ޕޯގަޓްގެ ދެ އަންހެން ދަރިން ދުނިޔޭގެ ފެންވަރުގެ ރެސްލަރުންނަށް ވެގެންދާ ގޮތް ފެނިގެންދާ މިފިލްމަށް ފުރަތަމަ 11 ދުވަސްތެރޭގައި ވަނީ ޖުމްލަ 284.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.

ފާއިތުވި ހަފްތާ ބަންދުގައި 22 ކްރޯޑް ރުޕީސް ހޯދައިގެން ފިލްމު "ބަޖްރަންގީ ބައިޖާން" އިން ހަދާފައިވާ ރެކޯޑެއް "ޑަންގަލް" އިން ވަނީ މުގުރާލާފައެވެ. "ބަޖްރަންގީ ބައިޖާން" އިން ވަނީ ހަފްތާ ބަންދުގައި 19 ކްރޯޑް ރުޕީސް ހޯދާފައެވެ. 

ބެލެވޭ ގޮތުގައި "ޑަންގަލް" އަށް ލިބުނު ޖުމްލަ އާމްދަނީ ސަލްމާން ޚާންގެ ފިލްމު "ސުލްޠާން" އަށް ލިބުނު 300.45 ކްރޯޑް ރުޕީސްއަށް ވުރެ ކުރިއަށް އަރާނެއެވެ. "ސުލްޠާން" އަކީ 2016 ވަނަ އަހަރުގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ލިބި ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފިލްމެވެ.

އެހެން ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ އެންމެ ފަހު ފަސް ވަރަކަށް ދުވަހު "ސުލްޠާން" އަށް ލިބުނު އާމްދަނީއަށްވުރެ "ޑަންގަލް" އަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމެވެ. އެގޮތުން ފިލްމު ރިލީޒްކުރިތާ ހަތް ވަނައަށް ވީދުވަހު "ޑަންގަލް" އަށް 20.29 ކްރޯޑް ރުޕީސް ލިބުނު އިރު "ސުލްޠާން" އަށް ލިބިފައިވަނީ 13 ކްރޯޑް ރުޕީސްއެވެ. އޭގެ ފަހުން ޖެހިގެން އައި ހަތަރު ދުވަހު ވެސް "ޑަންގަލް" އުޅުނީ ކުރީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް