ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 05:47
އަދިތްޔާ ރޯއީ ކަޕޫރު
އަދިތްޔާ ރޯއީ ކަޕޫރު
ގޫގުލް
މުނިފޫހި
އަދިތްޔާ ރޯއީ ކަޕޫރު ހުސްހަށިބައިބާ؟

ދިރިއުޅުމުގައި އަދި އެހާ ސީރިއަސް ނޫން ކަމަށާއި، ހުސްހަށިބައި ނޫނަސް އުޅެނީ ވަރަށް ހަމަޖެހިލައިގެން ކަމުގައި ބޮލީވުޑްގައި ވިދަމުން އަންނަ ތަރި އަދިތްޔާ ރޯއީ ކަޕޫރު ބުނެފިއެވެ.

އަދިތްޔާ ރޯއީ ކަޕޫރަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މަޖާ، ކޫލް މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ދާދިފަހުން އޭނާ ވަނީ އޭނާގެ ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު "އޯކޭ ޖާނޫ" އާއި، އޭނާގެ ފިޓްނަސްގެ އިތުރުން ކެޓްރީނާ ކައިފް އާއި އޭނާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ޙިއްސާ ކޮށްފައެވެ.

އަދިތްޔާގެ މަޝްހޫރުކަމާއި މަޤްބޫލުކަމާއި އެއްވަރަށް ޢާއްމު ދިރިއުޅުމުގައި އޭނާ ސްޓާރެއްގެ ގޮތަށް ނުފެންނަ ކަމަށް ނޫސްވެރިއަކު ދެންނެވުމުން އަދިތްޔާ ބުނީ، މަޝްހޫރުވުމާއެކު އޭނާއަށް އޭގެ ރަނގަޅު އަސަރުތައް ކުރަން ފެށި ކަމަށެވެ. ޙަޤީޤަތުގައި އެކްޓަރަކަށް ވާން އެއްއިރެއްގައި ވެސް ބޭނުން ނުވާ ކަމަށް ބުނަމުން އަދިތްޔާ ބުނީ، އޭނާ ވެސް އުޅެ ބޮޑުވީ އެހެނިހެން އާދައިގެ ކުދިންތަކެކޭ އެއްފަދައިން ކަމަށެވެ. އޭނާއަކީ ފިލްމް އިންޑަސްޓްރީއަށް އެއްއިރެއްގައި ވެސް ނިސްބަތްވީ މީހެއް ނޫން ކަމަށާއި "ހީރޯ" އަކަށް ވެދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށް އަދިތްޔާ ބުންޏެވެ. ރޮކް ކޮންސަޓްތައް ލައިވްކޮށް ބަލާލުމަށް އަބަދުވެސް ލޯބިކުރާ އަދިތްޔާ ބުނީ އެކްޓަރަކަށް ވުމަށް ފަހު އެ ފުރުޞަތު ވެސް ހަނިވެފައިވާ ކަމަށެވެ.

ފެށިގެން މިއައި އާ އަހަރާ މެދު ކުރެވޭ އުއްމީދުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަދިތްޔާ ބުނީ، ފާއިތުވި އަހަރަކީ ކާމިޔާބީއާ އެއްވަރަށް އަޑިގުޑަންތައް ވެސް އައި އަހަރެއް ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ނެރުނު ފިލްމު "ފިޠޫރް" އަށް ލިބުނު ނާކާމިޔާބީގެ ސަބަބުން ވަރަށް އަސަރު ކުރި ކަމަށް އަދިތްޔާ ފާހަގަކުރިއެވެ. އޭނާ ބުނީ ފިލްމަކަށް މުޅި ހިތާއި ފުރާނަ ޤުރުބާންކުރި ފިލްމަށް އުއްމީދު ކުރި ފަދަ ކާމިޔާބީއެއް ނުލިބުމުން ކޮންމެ މީހަކު ވެސް ހިތްދަތިވާނެ ކަމަށެވެ. އެހެންނަމަވެސް، ފިލްމު ރިލީޒްކުރިތާ އެއްމަސް ތެރޭ "އޯކޭ ޖާނޫ" ގެ ޝޫޓިންގ ފެށުމާއެކު މީހާ ހަމައަކަށް އެޅުމަށް އެހީއަކަށް ވެގެންދިޔަ ކަމަށް އަދިތްޔާ ބުންޏެވެ.

އަދިތްޔާ ބުނީ، ސިކުނޑި އާއި ހިތަށް ލިބިފައިވާ މޮޅިވެރިކަމުން އަރައިގަތުމަށް މަސައްކަތް ކުރުން ފިޔަވާ އިތުރު މޮޅު ގޮތެއް ނޯންނާނެ ކަމަށެވެ. މިހާރު އެންމެ ކަންބޮޑުވެ، އަދި އެހާމެ އުފާވެސް ވަނީ އަންނަ ހަފްތާގައި ނެރުމަށް ހަމަޖެހިފައިވާ "އޯކޭ ޖާނޫ" ގެ މަސައްކަތްތަކާ މެދު ކަން ފާހަގަކުރަމުން އަދިތްޔާ ބުނީ މި ފިލްމަކީ 2017 ވަނަ އަހަރަށް ރަނގަޅު ފެށުމަކަށް ވެގެންދާނެ ކަމަށެވެ.

އޭނާ އާއި ބޮލީވުޑް ބަޠަލާ ކެޓްރީނާ ކައިފްއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަދިތްޔާ ބުނީ، ބައެއް ފަހަރު ރަޙުމަތްތެރިއަކާއެކު ކެއުމަކަށް ނުވަތަ ކޮފީއަކަށް ގޮސް އެނބުރި އަންނައިރު އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ޚަބަރުތަކުގެ ފަލަ ސުރުޚީތަކަށް އެރުވުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެފަދަ ގުޅުމެއް ނެތި ރަޙުމަތްތެރިއަކާއެކު އޭނާގެ ގެއަށް ޒިޔާރަތް ނުކުރެވޭނެ ކަމަށް ބައެއް ފަރާތްތަކަށް ހީވާކަމަށް ބުނަމުން އަދިތްޔާ ބުނީ މީހުންގެ އެފަދަ ޢަމަލުތަކުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ބާރުބޮޑުކޮށް އެފަދަ ވާހަކަތަކަށް ރައްދުދޭން ބޭނުން ނުވާ ކަމަށެވެ. އެފަދަ ވާހަކަތަކަށް ހެއްލި ނުވަތަ އެކަމާ ކަންބޮޑު ވާން ވެއްޖެ ނަމަ އެއްވެސް މީހަކާ މުޢާމަލާތް ނުކުރެވޭނެ ކަމަށް އަދިތްޔާ ބުންޏެވެ.

އޭނާގެ ވާހަކަތަކުން އޭނާ ސިންގަލް ކަމަށް ދޭހަވާ ކަމަށް ބުނުމުން އަދިތްޔާ އެސުވާލުގެ ސީދާ ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި އޭނާ ބުނީ އޭނާ ސިންގަލް ނޫނަސް ދިރިއުޅުމުގައި ވަރަށް ހަމަޖެހިލައިގެން އުޅޭ ކަމަށެވެ. އަދި ދިރިއުޅުމުގެ އެފަދަ ކަންކަމާއި މެދު އަދި އެހާ ސީރިއަސް އެއް ނޫންކަން ފާހަގަކުރަމުން އަދިތްޔާ ބުނީ އޭނާ އަދި އެ ޒޯންއަށް ނުދާ ކަމަށެވެ.

ފިޓްނަސްއާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން އަދިތްޔާ ބުނީ ހުރިހާ ރޯލަކަށް "ސިކްސް ޕެކް އެބެއް" ބޭނުން ނުވާ ކަމަށާއި އެހެންނަމަވެސް، އޭނާއަކީ ވަރަށް ޞިއްޙަތަށް ބަލައިގެން ފަރުވާތެރިކަމާއެކު ޞިއްޙަތު މެއިންޓެއިން ކުރާ މީހެއް ކަމަށެވެ. އަދި އަންނަ ހަފްތާގައި ރިލީޒްކުރާ ފިލްމު "އޯކޭ ޖާނޫ" ގައި އޭނާ ދައްކުވައިދޭން ޖެހޭ ރޯލަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއްގެ ރޯލު ކަމުން އެ ފިލްމަށްވެސް އެހާ ފިޓުވާން މަސައްކަތެއް ނުކުރާ ކަމަށެވެ.

"އޯކޭ ޖާނޫ" އަކީ ތަމަޅަ ފިލްމު "އޯކޭ ކަމަނީ" ގެ ހިންދީ ރީމޭކެކެވެ. އޮރިޖިނަލް ފިލްމާ "އޯކޭ ޖާނޫ"އާ އަޅާ ކިޔާނެ ކަމަށް ބެލެވޭތޯއާއި އެކަމާއި ކަންބޮޑުވޭތޯ ސުވާލުކުރުމުން އަދިތްޔާ ބުނީ، އެހާ މޮޅަށް އުފައްދާ ޑައިރެކްޓްކޮށްފައިވާ ފިލްމެއްގެ ރީމޭކެއް އުފެއްދުމަކީ އޭނާ ދެކޭ ގޮތުގައި އެޑްވާންޓޭޖެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް