ކ. މާލެ
|
5 ޖެނުއަރީ 2017 | ބުރާސްފަތި 03:33
އަޒުމޫން އަހުމަދު
މައުމޫން
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އައި އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބަދަލުވާން އުޅޭކަމުގެ މައުލޫމާތު ރާއްޖެއެމްވީ އަށް ލިބިއްޖެ އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިކްޓްރީން އަންނަނީ ބޮޑު ބަޖެޓަކާއެކު ކުޅުންތެރިންތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އެޓީމުން އަންނަނީ ރާއްޖޭގައި ކުޅެމުން އަންނަ ބައެއް ބިދޭސީ ކުޅުންތެރިން ވެސް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އީސަ ބުނީ ވިކްޓްރީން އޭނާއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އެހެންނަމަވެސް އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އަންނަ ސީޒަނުގައި ބޮޑަށް ބަދަލުވުން ގާތީ ވެސް އެ ކްލަބަށް ކަމަށެވެ. އެހެންނަމަވެސް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީސަ ވަނީ ވިކްޓްރީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މި ސީޒަނަށް އެޓީމަށް ސޮއިކޮށްފައެވެ.

 

ފާއިތުވެދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ނުފެންނަ ވަރުގެ ވަރުގަދަ ސްކޮޑެއް މިހިނގާ 2017 ވަނަ އަހަރު ވިކްޓްރީން ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކްލަބުގެ ޗެއާޕާސަން ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް ނަޒީމް ވިދާޅުވެފައިވާއިރު، ވިކްޓްރީން ވަނީ މިދިޔަ އަހަރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށްފަ އެވެ.

 

ނަޒީމް ވިދާޅުވީ ޓީމުން ފެންނާނެ ބިދޭސީ ކުޅުންތެރިންނަކީ ރާއްޖޭގައި ރަނގަޅަށް ޕާފޯމް ކޮށް އެކުޅުންތެރިންގެ ފެންވަރު އެނގޭ ކުޅުންތެރިން ކަމަށެވެ. އަދި ސަޕޯޓަރުން ހިތްހަމަޖެހޭވަރުގެ ސްކޮޑެއް އެކުލަވާލައި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ކުޅުންތެރިން ތައާރަފްކޮށް، ޓީމާ ދުރުގައި މާޔުސްވެފައި ތިބި ސަޕޯޓަރުން އަލުން ޓީމާ ގުޅުވާލައި ދޭނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް