ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 13:01
ޒަމްޒަމް ވަޅުކޮޅަކީ 7 ފޫޓު 3.5 ފޫޓު ހުންނަ ވަޅުކޮޅެކެވެ.
ޒަމްޒަމް ވަޅުކޮޅަކީ 7 ފޫޓު 3.5 ފޫޓު ހުންނަ ވަޅުކޮޅެކެވެ.
މިއުޒިއަމް އޮފް ދަ ސިޓީ
ޒަމްޒަމް ފެން
ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
 
ޒަމްޒަމް ވަޅަކީ، މީލާދީގޮތުން 3000 އަށްވުރެ ގިނައަހަރުވެފައިވާ ވަޅެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ. "ދުނިޔޭގައިވާ އެންމެ ރަނގަޅު ފެނަކީ ޒަމްޒަމް ފެނެވެ. ބަނޑުހައިވެފައިވާ މީހަކަށް ކެއުމަކަށް އެފެން ފުދެއެވެ. އަދި އެއީ ބަލިތަކަށް ހުރި ޝިފާއެކެވެ. އެފެން ބުއިމުން ބަނޑުހައި ހޫނުކަން ފިލައިދެއެވެ. ބަލިތަކަށް ޝިފާ ލިބެއެވެ. އަދި ބޮޑެތި ބަލިތަކާއި ކުދިބަލިތައް ފިލުވައިދެއެވެ." މި ޙަދީޘަށް ބަލާއިރު މިފެނަށް އާދެ "ޒަމްޒަމް" ފެނަކީ ވަރަށް ބަރަކާތްތެރި ނުވަތަ ޚާޞިއްޔަތެއް ލިބިގެންވާ ފެނެކެވެ. މިހެންވުމުން ޒަމްޒަމަކީ ކޮބައިކަން ބަލައިލުން މުހިންމެވެ.

ޒަމްޒަމް ވަޅަކީ، މީލާދީގޮތުން 3000 އަށްވުރެ ގިނައަހަރުވެފައިވާ ވަޅެކެވެ. ވަޅު އުފެދުނު ގޮތްކަމަށް ލިޔުންތަކުން ފެންނަން ހުރީ އަންނަނިވި ގޮތަށެވެ. އެއީ އިބްރާހީމްގެ ފާނުގެ ދަރިކަލުން އިސްމާޢީލުގެ ފާނަށްޓަކައި ﷲގެ އަމުރުފުޅަށް މައްކާގެ ބިމުން ނެރުއްވުނު ފެނެކެވެ. ﷲ ގެ އަމުރުފުޅަށް އިބްރާހީމްގެ ފާނުނު އެކަލޭގެފާނުގެ އަނބިކަބަލުން ހާޖަރާ އާއި ތުއްތު ދަރިކަލުން އިސްމާޢީލުގެ ފާނު މައްކާގެ ހަނަފަސް ވާދީއަށް ދޫކޮށްލައްވައި ވަޑައިގަންނަވަން ޖެހިވަޑައި ގެންނެވިއެވެ. އެއީ ﷲ ގެ އަމުރުފުޅަށެވެ. އަމުރުކުރެއްވުނު ތަނަކަށް ވަޑައިގަންނަވަން ފެށްޓެވުމުން، އިސްމާޢީލްގެ ފާނުން އެ ބިމުގައި އުޑުތިލައަށް ބާއްވަވައި ހާޖަރާ އެ ސަހަރާގައި ހުންނަ ދެފަރުބަދަ ކަމުގައިވާ ޞަފާ އާއި، މަރުވާގެ ދެމެދުގައި ދުވެވަޑައިގަންނަވަމުން ގެންދެވިއެވެ. އެއީ އެ ސަރަޙައްދުން ދަތުރުވެރިޔަކު ވިޔަސް ފެނިވަޑައި ގަނޭތޯއެވެ. އެހެނީ އެ ހަނަފަސް ސަހަރާގައި ކާނޭ އެއްޗެއް، ބޯނޭ އެއްޗެއް ހުރި ބިމެއް ކަމުގައި ނުވާތީ، އެފަދަ އެއްޗެއް ހޯއްދެވުމުގެ ބޭނުން ފުޅުގައެވެ. އެއީ ހަނަފަސް ބިމަކަށް ވާތީއެވެ. މި މަސައްކަތުގައި އުޅުއްވާފައި ހާޖަރާ އެނބުރި ތުއްޕުޅު އިސްމާޢީލްގެ ފާނުންގެ އަރިއަހަށް ވަޑައިގެންނެވި އިރު އެކަލޭގެފާނުގެ ފައިޕުޅުން ބިމުގައި ޖެހުނު ތަނުން ފެން ނިކުންނަމުން ދިޔައެވެ.

އަދި އެހެން ރިވާޔަތެއްގައި ވެއެވެ. ހާޖަރުގެ ފާނު ޞާފާ މަރުވާ ދެމެދުގައި ބާރަށް ހިންގަވައި ވަޑައިގަންނަވަމުން، ތުއްޕުޅު އިސްމާޢީލުގެ ފާނު ބޭއްވެވި ތަނާ ދިމާއިން އެކަމަނާއަށް އަޑެއް އިވިވަޑައިގަތެވެ. އެއީ ހަތްވަނަ ފަހަރަށް މަރުވާ ފަރުބަދަޔަށް އަރައިވަޑައި ގަންނަވަނިކޮން ނެވެ. އެހިނދު އެ ދިމާއަށް އެކަމަނާ ބައްލަވައިލެއްވި އިރު ފެނިވަޑައިގެންނެވީ ޖިބްރީލުލްއަމީން، އިސްމާޢީލުގެފާނު އޮންނެވި ދިމާއަށް ފައިބައިވަޑައިގެންނެވި މަންޒަރެވެ. އަދި ޖިބްރީލުގެފާނު އެކަލޭގެފާނުގެ ފުންނާބުފުޅުން ނުވަތަ ފިޔަފުޅުން ބިންމަތީގައި ޖެއްސެވިތަނެވެ. ނުވަތަ ބިންގަނޑު ކޮންނަވަނިކޮށްނެވެ. އެ ކޮންނެވި ތަނުން ކޯދުލައި އަރައިގެން އައީ ޒަމްޒަމްގެ ބަރަކާތްތެރި ފެނެވެ.

ދެން އެދެ މައިން ފެންފޮދު ހިއްޕަވައި ފަރިއްކޮޅަކަށް ބޭނުން ކުރެއްވީ، އެފެން ކަމުގައި ބުނެވެއެވެ. މިއީ ޒަމްޒަމުގެ ނަމުން މަޝްހޫރުވެފައިވާ ފެނެއްކަމުގައި ލިޔުންތަކުން ފެންނަން ހުރެއެވެ. ޒަމްޒަމްގެ މާނައަކީ "ހުއްޓޭ ހުއްޓޭ" އެވެ. އެއީ ކޯދުލައި އަރަމުން ދިޔަ ފެނަށް އިޝާރާތް ކުރައްވައި ހާޖަރު ވިދާޅުވި ވިދާޅުވުން ކަމުގައި ވެސް ބުނެވެއެވެ. ކޮންމެއަކަސް، ގާތްގަޑަކަށް ތިންހާސް އަހަރަށްވުރެ ގިނަ އަހަރު ވެފައިވާ މިވަޅުކޮޅުގެ ފެންގަނޑު ހިނދެން ކީއްކުރަންތޯއެވެ. ފެނުގެ މިންވަރަކަށް ވެސް އެއްވެސް އުނިކަމެއް އައިސްފައެއް ނުވެއެވެ.

މި ވަޅުކޮޅާ ގުޅޭގޮތުން އައިސްފައިވާ ވާހަކަތަކުގެ ތެރޭގައި އަންނަނިވި ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ. މައްކާގައި އާބަދުވި މީހުންގެ މެދުގައި ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުން މައްކާގެ ޖުރްހުމް ޤަބީލާގެ މީހުން އެރަށުން ނިކުމެގެން ދާން ޖެހިދާނޭކަމަށް ބެލެވެން ފެށުމުން، ޖުރްހުމް ޤަބީލާގެ ވެރިޔާ ޒަމްޒަމް ވަޅުކޮޅަށް ފަސް އަޅައި ފޮރުވައިލި ކަމަށް ބުނެވެއެވެ. އަދި އޭގެފަހުން އެތަކެއް ދުވަހެއް ފާއިތުވުގެން ދިޔަފަހުންް އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެ ފާނުގެ ދުވަސްވަރާ ހަމަޔަށް އެ ވަޅުކޮޅު ހުރީ ވަންހަނާ ވެފައެވެ. އެހެން ނަމަވެސް ޢަބްދުލްމުއްޠަލިބުގެ ފާނަށް ހުވަފެންފުޅުގައި ފެނިވަޑައިގެން، އެ ވަޅުކޮޅު އަލުން ހޯއްދެވިއެވެ. އެއީ އިތުރު ނަބިއްޔާ މުޙައްދުގެފާނު ދުނިޔެއަށް ރައްކައުވުމުގެ ތިރީހަކަށް އަހަރު ކުރީންނެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް ޒަމްޒަމްގެ ބޭނުން ދަނީ ކުރެވެމުންނެވެ.

މިދުވަސްވަރުން ފެށިގެން ވަޅުކޮޅު ހުރީ އާދައިގެ ވަޅެއްގެ ސިފައިގައެވެ. ވަޅުކޮޅުގެ ވަށައިގެން ހުރީ އާދައިގެ ހިލަ ޖައްސާފައެވެ. އެއަށްފަހު މީލާދީން 771 ގައި ޢައްބާސީ ދައުލަތުގެ ޚަލީފާއެއް ކަމުގައިިވާ އަލްމަންޞޫރުގެ ޒަމާނުގައި ޒަމްޒަމް ވަޅުކޮޅަށް ހިޔާ ލިބޭނޭ ގޮތަށް ގުއްބެއް ހެއްދެވިއެވެ. އޭގެ ފަހުން އެކި ދުވަސްވަރު މުސްލިމް އެކިއެކި ވެރިން، ވަޅުކޮޅު ހުންނަ ތަނާއި، ސަރަޙައްދު ހިޔާ ކުރައްވައި ޒީނަތްތެރި ކުރައްވަމުން ގެންދަވައިފައިވެއެވެ. މީލާދީން 775 ގައި ޢައްބާސީ ދައުލަތުގެ ޚަލީފާ އަލްމަހްދީ އާއި، މީލާދީން 835 ގައި އެ ދައުލަތުގެ ޚަލީފާ އަލްމުޢްތަޞިމް އާއި، މީލާދީން 1417 ގައި މިޞުރުގެ މަމްލޫކީ ސުލްޠާން ވެސް ޒަމްޒަމް ވަޅުގެ ގުއްބު އިތުރަށް ފުރިހަމަ ކުރައްވިއެވެ. ނުވަތަ އަލުން ބިނާ ކުރައްވިއެވެ. މިހެން އަންނަމުން އައިސް ސަޢޫދީ ޢަރަބިއްޔާ އުފެދި އެޤައުމުގެ ރަސްކަން އުފެދުމަށް ފަހު އެޤައުމުގެ ވެރިކަމުގެ ފަރާތުން ވަނީ ޒަމްޒަމް ވަޅުކޮޅު ހުންނަ ސަރަހައްދު ވަރަށް ބޮޑަށް ބަދަލު ކުރައްވައިފައެވެ. މިއަދު އެ ވަޅުކޮޅު ހާމަޔަށް ފެންނާކަށް ނުހުރެއެވެ.

މުސްލިމުން ޤަބޫލުކުރާ ގޮތުގައި ޒަމްޒަމް ވަޅުކޮޅުގެ ފެނަކީ މުޤައްދަސް ފެނެކެވެ. ޚާއްޞިއްޔަތެއް ލިބިގެންވާ ބަރަކާތްތެރި ފެނެކެވެ. މުސްލިމުންގެ ގާތުގައި މިފަދަ މަޤާމެއް ލިބިގެންވާ ކޮންމެ އެއްޗަކާ ބެހޭގޮތުން ހުޅަނގުންނާއި، އެބައިމީހުންގެ އައުވާނުން ފާޑުފާޑުގެ ވާހަކަތައް ފަތުރަމުން ގެންދެއެވެ. އެހެން ނުވެ ދިޔުމަކީ މި ޒަމާނުގައި މުޅިން މުސްތަހީލު ކަމެކެވެ. މި ބީދައިން ޒަމްޒަމްގެ ފެނާ ބެހޭގޮތުން ވެސް މި ފަދަ ދޮގު ބުހުތާން ވާހަކަތަކެއް ފަތުރާފައިވެއެވެ.

ޒަމްޒަމް ވަޅުކޮޅު ހުންނަނީ ކަޢްބަތުﷲ ގެފުޅު އެހުންނަ "ވާދީ އިބްރާހީމް" ގައެވެ. ގެފުޅާ ޖެހިގެންނޭ ބުނެވޭހައި ގާތުގައެވެ. ގާތްގަނޑަކަށް މާތްވެގެންވާ ކަޢުބާއާ 21 މީޓަރު ދުރުގައިވާ ވަޅެކެވެ. ޠަވާފު ކުރާ ސަރަހައްދުގައި، މަޤާމު އިބްރާހީމުގެ ފަހަތުގައެވެ. ޒަމާނުއްސުރެ ހާމަޔަށް ހުރި އެ ވަޅުކޮޅު މިހާރު ހުންނަނީ ޠަވާފުކުރާ ސަރަހައްދުގެ އަޑިއަށް ވާގޮތަށެވެ. މަތީގައި މާބްލް ޖަހާފައެވެ. ވަޅުކޮޅު ހުންނަ ދިމާ ދައްކައިދޭ ނިޝާނެއް ޠަވާފު ކުރާ ސަރަހައްދުގައި ހުރެއެވެ. މިހާރު ވަޅުކޮޅުން ސީދާ ފެން ނެގޭކަށް ވެސް ނުހުރެއެވެ. ފެން ނަގަނީ ބިމުގެއަޑިން ވަޅުކޮޅަށް ގުޅާފައި ހުންނަ ފެން ނަގާ ނިޒާމެއްގެ ބޭނުން ހިފައިގެން ފެން އިސްކުރުތަކުންނެވެ.

ޒަމްޒަމް ވަޅުކޮޅު އެއްމެ ފުރަތަމަ ހުރީ އާދައިގެ ވަޅެއްގެ ގޮތުގައި ކަމަށް ބުނެވެއެވެ. އެ ދުވަސްވަރު ޒަމްޒަމް ވަޅުކޮޅު ވަރަށް ތިލައެވެ. އަދި ކުޑައެވެ. ނަމަވެސް މިހާރު އެ ވަޅުކޮޅަކީ ވަރަށް ފުނަށް ކޮނެވިފައި ހުންނަ ވަޅުކޮޅެކެވެ. "ސަޢޫދީ ޖިއޮލޮޖިކަލް ސާރވޭ" ގެ ބެލުމުގެ ދަށުން ޒަމްޒަމް ފެނާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށްޓަކައި މުއައްސަސާއެއް ޤާއިމު ކޮށްފައި ހުރެއެވެ. އެ މުއައްސަސާ ކަމުގައިވާ "ޒަމްޒަމް ސްޓަޑީޒް އެންޑް ރިސާރޗް ސެންޓަރ" ގެ ވެބްސައިޓުގައި ވާގޮތުން މިހާރު ޒަމްޒަމް ވަޅުކޮޅުގެ ފުންމިނުގައި ގާތްގަނޑަކަށް 98 ފޫޓުހުރެއެވެ. ވަޅުކޮޅުގެ އެކި ހިސާބުހިސާބުގެ ފުޅާމިން ތަފާތެވެ. އެއް ސަރަޙައްދެއްގައި ގާތްގަނޑަކަށް 7 ފޫޓު ހުންނަ އިރު އެހެން ހިސާބެއްގައި ހުންނަނީ ގާތްގަނޑަކަށް 3.5 ފޫޓު އެވެ.

.... ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
10%
71%
0%
5%
0%
14%
ކޮމެންޓް