ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 22:10
ވެލާނާގެ: ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަނީ މި އިމާރާތުގައި
ވެލާނާގެ: ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަނީ މި އިމާރާތުގައި
ރާއްޖެ އެމްވީ
އޮފީސް މާޙައުލު
ދުވަހުގެ އެންމެ އުފެއްދުންތެރި ވަގުތަކީ ކޮބާ؟
 
އެންމެ އުފެއްދުންތެރި ދުވަހަކީ ހަފްތާގެ ފުރަތަމަ ދުވަސް

އަހަރެމެން އޮފީހުގައި ދުވާލަކު 8 ގަޑިއިރު ހޭދަކުރަނީ މަސައްކަތްކުރުމުގައެވެ. ހަފްތާގެ 6 ދުވަސް ނިމިގެންދަނީ އެހެންނެވެ. އެހެން ނަމަވެސް މިހުރިހާ ވަގުތުތަކުގެ ތެރެއިންވެސް، ވަކިން އުފެއްދުންތެރި ވަގުތެއްވެއެވެ.

ޕްރޮޖެކްޓް މެނޭޖްމަންޓް ޕްލެޓްފޯމެއް ކަމަށްވާ ރެޑްބޫތުގެ ޕްލެޓްފޯމްގައި މީހުން ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ޕްލޭންކުރާ ގޮތަށް ބަލައިގެން ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުން، ދުވާލުގެ އެންމެ އުފެއްދުންތެރި ވަގުތަކީ ހެނދުނު 11 ޖަހާއިރެވެ. ހެނދުނު އޮފީސްތަކަށް ގޮސް، ރަނގަޅަށް ހަމަޖެހިލައިގެން މަސައްކަތްތައް ރަނގަޅު ސްޕީޑްގައި ފަށައިގަނެ، އެންމެ ރަނގަޅަށް މަސައްކަތްކުރެވޭ، އެންމެ އުފެއްދުންތެރި ގަޑިއަކަށްވަނީ އެގަޑިއެވެ.

އެތައް ސަތޭކަ ހާސް ބައެއްގެ އެތައް މިލިއަން ޓާސްކްތަކެއް އެނަލައިޒްކުރުމަށް ފަހު ނެރުނު ރިޕޯޓް ބުނާ ގޮތުން ހަފްތާގެ އެންމެ އުފެއްދުންތެރި ދުވަހަކީ ހޯމަ ދުވަހެވެ. އެގޮތުން ހަފްތާގެ ހޯމަ ދުވަހުން ފަށައިގެން ހަފްތާ ކުރިއަށްދާ މިންވަރަކުން އުފެއްދުންތެރިކަން ދަށަށްދާކަން ފާހަގަކުރެވިފައިވެއެވެ. މިއީ އެމެރިކާގައި ހެދިފައިވާ ދިރާސާއެއްކަމުން މި ދިރާސާގައި ހަފްތާގެ މަސައްކަތް ކުރާ ފުރަތަމަ ދުވަސްކަމަށް ބަލާފައިވަނީ ހޯމަ ދުވަހެވެ. އެހެން ނަމަވެސް ބައެއް ޤައުމުގައި، ޚާއްސަކޮށް އިސްލާމީ ޤައުމުތަކުގައި ހަފްތާ ފަށަނީ އާދިއްތަ ދުވަސްކަމުން، އެޤައުމުތަކުގައި އެންމެ އުފެއްދުންތެރި ދުވަހަކީ ހަފްތާގެ މަސައްކަތް ކުރާ ފުރަތަމަ ދުވަސްކަމަށްވާ އާދިއްތަ ދުވަހެވެ.

މިދިރާސާއާއި ގުޅޭ ގޮތުން ކެނެޑާގެ ޓޮރޮންޓޯ ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރ ޖޯން ޓްރޮގާކޮސް ބުނީ މިއީ ކުރިން ހެދިފައިވާ ދިރާސާތަކާއި އެއްގޮތް ނަތީޖާތަކެއް ނިކުތް ދިރާސާއެއް ކަމަށެވެ. ޓްރޮގާކޮސް ބުނީ ހިތުގެ ހިނގުމަށް ބަލާއިރު، 75 އިންސައްތަ މީހުން މެންޓަލީ އެންމެ އެލަރޓްވަނީ ހެނދުނު 9 އާއި 11 އާއި ދެމެދު ކަމަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ ބަޔޮލޮޖިކަލް ކްލޮކްއަށް ބަލައިގެން މަސައްކަތްތައް އަތުރާލާނަމަ މީހާގެ އުފެއްދުންތެރިކަން އިތުރުވެއެވެ. އަދި ބަޔޯކްލޮކްގައި މީހާގެ ސިކުނޑި އެންމެ އެލަރޓްކޮށް ހުންނަނީ ހެނދުނު 9 އާއި 11 އާއި ދެމެދުއެވެ.

ހަށިގަނޑުގެ ނިޒާމްތަކުގެ ހިނގުން މެންދުރު 2 އާއި 3 އާއި ދެމެދު މަޑުޖެހެއެވެ. ބައެއް ޤައުމުތަކުގައި މިގަޑިތަކުގައި މީހުން ނިދާލަން ބްރޭކެއް ނަގަނީ މިސަބަބަށްޓަކައެވެ.

ހަފްތާގެ ފުރަތަމަ ދުވަސް އެންމެ އުފެއްދުންތެރި ދުވަހަކަށް ވަނީ ހަފްތާ ބަންދަށް ފަހު އަނެއްކާ ވެސް މަސައްކަތަށް ނިކުންނައިރު، މީހުން ތާޒާވެފައި ތިބޭތީއެވެ. އަދި ހަފްތާގެ ފަހުކޮޅަށްދާއިރު އުފެއްދުންތެރިކަން ދަށްވަނީ މީހާ ވަރުބަލިވެ، ނަފްސާނީ ގޮތުން ވެސް ވަރުބަލިވާތީއެވެ.

މިދިރާސާއިން ދައްކާ ގޮތުގައި އެންމެ އުފެއްދުންތެރި މަހަކީ އޮކްޓޯބަރު މަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
13%
0%
0%
13%
75%
0%
ކޮމެންޓް