ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 07:57
އެލެކްސިސް ސަންޗޭޒް
އެލެކްސިސް ސަންޗޭޒް
ގޫގުލް
އެލެކްސިސް ސަންޗޭަޒް
ސަންޗޭޒް އާސެނަލްގައި މަޑުކުރާނެ: ގާޑިއޯލާ
 
ސިޓީއިން އަންނަނީ އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން
 
އޭނާގެ ކޮންޓްރެކްޓުގައި ބާކީ އޮތީ ހަ މަސްދުވަސް

އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ހުނަރުވެރި ފޯވާޑް އެލެކްސިސް ސަންޗޭޒް އެ ޓީމުގައި މަޑުކުރާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އާސެނަލްއާއެކު ސަންޗޭޒް ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ ހަ މަސް ދުވަސް އޮތްއިރު މި މުއްދަތުގެ ތެރޭގައި އޭނާއަށް ޓްރާންސްފާއާ ގުޅިގެން އެހެން ކްލަބުތަކާއި މަޝްވަރާ ކުރެވޭނެއެވެ. އަދި އޭނާއަށް އެހެން ކްލަބަކާއެކު އެއްބަސްވުމަކަށް އާދެވިއްޖެނަމަ ޓްރާންސްފާ ފީގެ ގޮތުގައި އާސެނަލްއަށް އެއްވެސް އަދަދެއް ވެސް މި މުއްދަތުގެ ތެރޭގައި ދައްކަން ނުޖެހޭނެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ސިޓީއިން ސަންޗޭޒް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އާސެނަލްއިން އޭނާ ވިއްކާލުމަށް އެއްބަސްވެފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ސަންޗޭޒް ނުރުހުން ފާޅުކުރިއިރު އިނގިރޭސި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ސަންޗޭޒް ސިޓީއަށް ބަދަލުވާނެއެވެ.

ސަންޗޭޒް ގެންނަން އުޅޭ ކަމަށް ބުނެ ނޫސްވެރިން ކުރިމަތިކުރި ސުވާލުތަކުގެ ޖަވާބެއްގެ ގޮތުން ގާޑިއޯލާ ބުނެފައިވަނީ އޭނާއަށް އެ ސުވާލުގެ ޖަވާބު ދެވެން ނެތް ކަމަށާއި ސަންޗޭޒްއަކީ މިވަގުތު އާސެނަލްގެ ކުޅުންތެރިޔެއް ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އޭނާ އާސެނަލްގައި މަޑުކުރާނެ ކަމަށާއި އޭނާ ސިޓީއަށް ގެނައުމަށް ނިންމުމުގެ ގޮތުން ބައްދަލުވުންތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެއެވެ. އެހެނަސް އޭނާ ބުނީ އެ ބައްދަލުވުންތަކަކީ ކްލަބުގެ އެތެރޭގެ ބައްދަލުވުންތަކެއް ކަމަށެވެ.

ސިޓީއިން ސަންޗޭޒް ގެންނަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނީ އެ ޓީމުގެ ކުރިޔަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް ޖީސަސްއަށް އަނިޔާވެ އޭނާ ދެ މަސްދުވަހަށް ކުޅުމާއި ދުރަށްދާން ޖެހުމާއި ގުޅިގެންނެވެ. އާސެނަލްގެ ބައެއް ކުޅުންތެރިން ދެކޭގޮތުގައި ސަންޗޭޒްގެ މުސްތަގުބަލާމެދު ގޮތެއް ނިމިފައި ނުވުމަކީ ޓީމުގެ ކުޅުމަށް ވެސް އަސަރު ކުރަމުންދާ ކަމެކެވެ.

އާސެނަލްއިން 2003 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ ތަށި އުފުލާލުމަށް ފަހު ހެދި ރެކޯޑާއި އަރާހަމަ ނުކުރެވޭނެ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެއެވެ. އޭނާ ބުނީ އޭރު ކުޅުނު ފުޓްބޯޅައާ މިހާރު ކުޅެމުން އަންނަ ފުޓްބޯޅައާ ވަރަށް ގިނަ ތަފާތުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވަރުގަދަ ޓީމުތައް މިހާރު މާ ގިނަ ކަމަށާއި ކުޅެންޖެހޭ މެޗުތަކުގެ އަދަދު ވެސް މާ ގިނަ ކަމަށެވެ.

ސަންޗޭޒް އާސެނަލް ދޫކޮށްލަން އުޅޭ ކަމަށް މީޑިއާތަކުން ބުނަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ހަމައެހެންމެ އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ވެސް އެ ޓީމު ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އެހެން ނަމަވެސް އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ އެ ދެ ކުޅުންތެރިން ވެސް އެ ޓީމުގެ މަޑުކުރާނެ ކަމަށް ބުނެފައެވެ. އިނގިރޭސިވިލާތުގެ އެންމެ ބޮޑު ނޫސް ކަމަށްވާ 'ބީބީސީ' އާއި ވާހަކަ ދައްކަމުން ވެންގާ ބުނެފައި ވަނީ ޖެނުއަރީއަށް ފަހު ވެސް އެ ދެ ކުޅުންތެރިން އެ ޓީމުގައި މަޑުކުރާނެ ކަމަށާއި އެހެން ޓީމަކުން އެ ދެ ކުޅުންތެރިން ފެނުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ.

ބާސެލޯނާއިން 2014 ވަނަ އަހަރު އާސެނަލްއަށް ބަދަލުވި ސަންޗޭޒް ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 120 މެޗުގައި 60 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އާސެނަލްއާއެކު ދެ އެފްއޭ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑްއެއް ކާމިޔާބުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް