ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 07:21
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ލުކާކޫ
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ލުކާކޫ
ގެޓީ އިމޭޖަސް
މެންޗެސްޓަރ ޔުނައިޓެޑް
ލުކާކޫ ވަރުބަލިވެއްޖެ، އެހެން ނަމަވެސް އަރާމް ކުރުމަށް ފުރުޞަތު ދެވެން ނެތް: މޮރީނިއޯ
 
ފާއިތުވި ދެ މެޗެއްގައި އޭނާގެ ފަރާތުން ގޯސްތަކެއް ހެދިފައިވޭ
 
ލުކާކޫ ވަނީ ލީގުގައި ޔުނައިޓެޑް ކުޅުނު ހުރިހާ މެޗެއްގެ ފުރިހަމަ ވަގުތު ކުޅެފައި

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެއޫ ލުކާކޫ ވަރުބަލިވެފައިވާ ކަމަށާއި، އެހެން ނަމަވެސް އަރާމް ކުރުމަށް ފުރުޞަތު ދެވެން ނެތް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުނައިޓެޑްގެ ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާއި ގުޅިގެން، އުމުރުން 24 އަހަރުގެ ލުކާކޫ އަށް ވަނީ މިސީޒަނުގައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. އެގޮތުން ޔުނައިޓެޑް މިސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ކުޅުނު ހުރިހާ މެޗެއްގެ ފުރިހަމަ ވަގުތު ހަމަވަންދެން ލުކާކޫ ކުޅެފައިވެއެވެ.

މިދިޔަ ސީޒަނުގައި 19 މެޗުން ހަތަރު ލަނޑު ޖެހުނު ފޯވާޑުގެ ލަނޑު ޖެހުމުގެ ރެކޯޑް ވެސް މިސީޒަނުގައި ރަނގަޅެވެ. އޭނާ ވަނީ ސީޒަނުގެ ފުރަތަމަ 10 މެޗުގައި ޔުނައިޓެޑަށް 11 ލަނޑު ޖަހައިދީފައެވެ.

ލުކާކޫ އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ، އޭނާ ވަރުބަލިވެފައިވާ ކަމަށާއި، ޖިސްމާނީ ގޮތުން ވަރުގަދަ ނަމަވެސް، އޭނާ އަކީ މެޝިނެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި ލުކާކޫ އަކީ މުހިންމު ކުޅުންތެރިޔެއް ކަމަށާއި، އެހެން ނަމަވެސް އޭނާ އަށް އަރާމް ކުރުމަށް ފުރުޞަތު ދެވެން ނެތް ކަމަށް މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ލުކާކޫގެ ފަރާތުން ގޯސްތަކެއް ހެދިފައިވެއެވެ. އެގޮތުން މެންޗެސްޓަރ ސިޓީ އާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗާއި، ބާންލީ އާ ދެކޮޅަށް ކުޅުނު ޔުނައިޓެޑް ކުޅުނު މެޗުގައި އަމިއްލަ ޕެނަލްޓީ އޭރިއާ ތެރެއިން ލުކާކޫ އަށް ހެދުނު ގޯހަކުން ޔުނައިޓެޑް ކޮޅަށް ލަނޑު ވަދެފައިވެއެވެ.

އެހެން ނަމަވެސް މޮރީނިއޯ ވަނީ ލުކާކޫ އަށް ފާޑު ކިޔުމަށް ދެކޮޅު ހަދާފައެވެ. އަދި އެފަދަ ގޯސްތަކަކީ ވަރުބަލިކަމުގެ ސަބަބުން ހެދޭ ގޯސްތަކެއް ކަމަށް ބެލެވޭ ކަމަށް މޮރީނިއޯ ބުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް